ads
ޕީއެންސީއަށް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ދިވެހީންގެ ރާއްޖެ މަޖިލީހަށް މަރުހަބާ ޖަލްސާގެ ތެރެއިން - ފޮޓޯ:ޕީއެންސީ
އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފި، އެއްވެސް ބަދަލެއް ނެތް
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފި އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލިހަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު މެންދުރުފަހު އީސީން އިއުލާނުކުރިއިރު، އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.

މި އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކޮށް އެ ޕާޓީގެ 66 ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެ ޕާޓީ އާ ވާދަވެރި އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ލިބިފައި ވަނީ 12 ގޮނޑި އެވެ.

ނިމުނު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކޮށް، އިންތިހާބުވި ހަ މެންބަރަކު ޕީއެންސީއަށް އަލުން އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. އެ މެންބަރުންގެ އިތުރުން އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދު ވެސް ވަނީ ޕީއެންސީއަށް އިއްޔެ ސޮއިކޮށްފަ އެވެ.

ކޮންގްރެސް ޕާޓީ އާ އަލުން ގުޅުނު މެންބަރުން:

  • ޑރ. އަނާރާ ނައީމް - ހުރާ ދާއިރާ
  • ހަސަން ޒަރީރު - މަތިވެރި ދާއިރާ
  • އަހުމަދު ޒަމީރު - މައްޗަންގޮޅި މެދު ދާއިރާ
  • އަހުމަދު ރިޔާޒް - ތިމަރަފުށި ދާއިރާ
  • ޔާސީން އަބްދުﷲ - ނައިފަރު ދާއިރާ
  • އާޒިމް އަބްދުލް އަޒީޒް - ވިލިގިނލި ދާއިރާ

މީގެ ތެރެއިން ފަސް ބޭފުޅުންނަކީ މަޖިލިސް އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރި ނަމަވެސް ޕީއެންސީގެ ދަފުތަރުގައި ތިއްބެވި ބޭފުޅުންނެވެ. އަނާރާ އާއި އާޒިމް އަދި ޒަމީރަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޕްރައިމަރީގައި ވާދަކޮށް ބަލިވި ތިން ބޭފުޅުންނެވެ. އެ ބޭފުޅުންގެ ތެރެއިން އަނާރާ އާއި ޒަމީރު އިންތިހާބަށް ނިކުންނަވާފައި ވަނީ ރައީސް މުއިއްޒުގެ ތާއީދާ އެކުގަ އެވެ.

ޕީއެންސީ އާ ގުޅުނު ހަތް މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނަޒީމާއި އެމްޑީއޭ ލީޑަރު އަހުމަދު ސިޔާމްގެ އިތުރުން އެމްޑީއޭގެ ޓިކެޓުގައި ވެލިދޫ ދާއިރާއަށް އިންތިހާބުވި މުހައްމަދު އައްބާސްއަކީ ވެސް ސަރުކާރަށް ތާއީދުކުރާ މެންބަރުންނެވެ. 

އެ ހުރިހާ މެންބަރުންނާ އެކު އަންނަ މަޖިލިހުގައި ސަރުކާރަށް ތާއީދުކުރާ 77 މެންބަރުން ތިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް