ads
ބިދޭސީން---
ބޯޓަކަށް އަރުވާފައި ބިދޭސީން ގައުމުން ފޮނުވާލެވޭކަށް ނެތް
ބޯޓަކަށް އަރުވާފައި ބިދޭސީން ގައުމުން ފޮނުވާލެވެން ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާއިރު، މިފަދަ މީހުން ގައުމުން ފޮނުވާ ނުލެވިގެން މިއުޅެނީ ކީއްވެގެންތޯ ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ. އެހެން ނަމަވެސް މިފަދަ މީހުން ބޯޓަކަށް އަރުވާފައި ގައުމުން ފޮނުވާ ނުލެވޭނެ ކަމަށާއި އެގޮތަށް އެކަން ނުވާނެ ކަމަށް މިނިސްޓަރި ވިދާޅުވި އެވެ. 

ރާއްޖެ ވަނީ ބައިނަލްއަގްވާމީ ގިނަ މުއާހަދާތަކެއްގައި ސޮއިކޮށްފައިކަމަށާއި އެހެންކަމުން އެގޮތަށް އެހާ ފަސޭހައިން ގައުމެއްގެ ބަޔަކު ރާއްޖެ އިން ބޭރު ނުކުރެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ މިގޮތަށް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހައްޔަރު ނުކޮށް ދޫކޮށްލާފައި ހުރުމުންވެސް ވަރަށް ގިނަ ސުވާލުތައް ކުރިމަތިވާ ކަމަށާއި އެހެންނަމަވެސް އެމީހުން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނަސްފި ނަމަ އެމީހުންގެ ކެއިންބުއިމަށާއި ބައިތިއްބާ ތަނަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ރެގިއުލަރައިޒޭޝަން ޕްރޮގްރާމްއެއް ހިންގަން އިހްތިޔާރު ކުރީ މި ސަބަބުތަކަށްޓަކައި ކަމަށެވެ.  

މިއަދުގެ ޕްރެސްގައި މިނިސްޓަރު ވަނީ އަނބުރާ ގައުމަށް ދާން ބޭނުންވެފައި ތިބި 1،200 އެއްހާ ބަންގްލަދޭޝް ރައްޔިތުން އެބަ ތިބި ކަމަށާއި އޭގެ ތެރެއިން ލިޔެކިޔުންތައް ނެތް މީހުންގެ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަވެސް ވިދާޅުވެފަ އެވެ. އަދި އަނބުރާ ގައުމަށް ދާން ބޭނުންވެފައި ތިބި މީހުންނަކީ ކޮންބައެއްތޯ ޔަގީންކުރަން އެމީހުންގެ ފިންގާ ޕްރިންޓް ނަގައި ކަންތައް ކުރަން ބަންގްލަދޭޝް ސަރުކާރުން އެބަ ޖެހޭ ކަމަށާއި އެކަންކަން ކުރިއަށްދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް