ads
ހުޅުމާލެ ފޭސް ތިނެއްގައި ހިއްކާފައިވާ ސަރަހައްދު
ފޭސް 3ގެ އަގުހެޔޮ ފްލެޓުތައް އަޅަން ލުއިތަކެއްދީ މުއްދަތު އިތުރުކޮށްފީ
ކޮންޓްރެކްޓަރުންނަށް ލުއިތަކެއް ދީ، ހުޅުމާލޭ ފޭސް 3ގައި އަގުހެޔޮ ހައުސިން ޔުނިޓު އަޅައިދޭން އެދޭ ބަޔަކު ކުރިމަތިލުމަށް ދިން މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފިއެވެ.
Advertisement

ހުޅުމާލޭ ފޭސް 3ގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ފުރަތަމަ ހައުސިން މިނިސްޓްރީން އިއުލާނާކުރީ މިދިޔަ މަހުގެ 26 ވަނަދުވަހުއެވެ. އަދި އެކަމަށް އެދި ޕްރޮޕޯޒަޅް ހުށައެޅުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 23 ގެ ނިޔަލަށެވެ. 

އެ އިއުލާންއަށް ބައެއް ބަދަލުތައް ގެނެސް މިއަދު އަލުން ނެރުނު އިއުލާންގައި ވަނީ ޕްރޮޕޯޒަލް ހުށައެޅުމުގެ މުއްދަތު މިމަހުގެ 31 ގެ ނިޔަލަށް އިތުރުކޮށްފައެވެ. 

މި މަޝްރޫއަށް ކުރިމަތި ލެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ، 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އަދި މިމަޝްރޫއު ކުރިއަށް ގެންދާނީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުންނެވެ.

މީގެ ކުރިން އާރުއެފްޕީގައި ހިމަނާފައިވާ އެންޑް ޔޫޒަރުންނަށް ނުވަތަ ގަންނަ މީހުންނަށް ޑިވެލޮޕަރު އިންޝުއަރެންސް ފޯރުކޮށްދޭން ޖެހޭ ގޮތަށް އޮތް ބައިތައް އަލަށް ގެނައި ބަދަލުގައިވަނީ އުނިކޮށްފައެވެ. އަދި މަޝްރޫއުގެ ކޮންސްޓްރަކްޝަން ހަރަދުގެ ގޮތުގައި ހޭދަވާނެ ކަމަށް ލަފާކުރާ އަދަދު ބަޔާންކޮށް މާލީ އިދާއާރަކުން ދޫކުރާ ލެޓާ އޮފް ކޮމްފޯޓު ހުށަހަޅަން ޖެހޭ ގޮތަށް ވެސް ވަނީ ބަދަލުކޮށްފައެވެ. މީގެ ކުރިން އޮތީ މަޝްރޫއުގެ ކޮންސްޓްރަކްޝަނަށް ހޭދަވާ އަގުގެ 100 އިންސައްތަ މަސައްކަތް ކުރާ ކުންފުނިން ކަވަރު ކުރާނެ ކަމުގެ ޕްރޫފް އޮފް ފަންޑް ހުށަހަޅަން ޖެހޭ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓު އަޅާނީ ފޭސް ތިނެއްގެ ފަސް ޕްލޮޓެއްގައެވެ. ކޮންމެ ޕްލޮޓެއްގައި 200 ހައުސިން ޔުނިޓު އަޅާނެއެވެ. މި ހައުސިން ޔުނިޓު އަޅަން ބިން ދޫކުރާނީ އެއްވެސް އަގެއް ނުނަގައެވެ. އަދި ޔުނިޓުތައް ވިއްކާނީ މިނިސްޓްރީން ކަނޑައަޅާ ބަޔަކަށް އެ ކުންފުންޏަކުންކަމަށްވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. 

މި މަޝްރޫއުގެ ދަށުން  އަޅާ 3 ކޮޓަރީގެ ހައުސިން ޔުނިޓެއްގައި އެންމެ ކުޑަވެގެން 950 އަކަފޫޓު ހުންނަން ޖެހެއެެވެ. އަދި 2 ކޮޓަރީގެ ޔުނިޓްތަކުގައި އެންމެ ކުޑަވެގެން 700 އަކަފޫޓު ހުންނަން ޖެހެއެވެ. 

ތިން ކޮޓަރީގެ އެޕާޓްމަންޓު ވިއްކޭނެ އެންމެ ބޮޑު އަގަކީ 2.3 މިލިއަން ރުފިޔާ ކަމަށާއި ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އެންމެ ބޮޑު އަގަކީ 1.8 މިލިއަން ރުފިޔާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ސަރުކާރުން ޕްލޮޓު ހަވާލުކުރާ ތާރީހުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ޔުނިޓު ގަންނަ މީހުންނާ ހަވާލުކުރަން ޖެހޭނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;