ސާދަސަތޭކަ ސާޅީސް ހަތް ވަނަ އަހަރުގެ ފިތުރު އީދު ދުވަހުގެ ހުތުބާގެ މައުޟޫއުއަކީ "ފިތުރު އީދުގެ އުފަލާއި އަދަބުތައް"، މިއެވެ.
މިއަދު ފާހަގަކުރާ ފިތުރު އީދު ހުތުބާގައި ވަނީ، މާތްالله ދެއްވި ގިނަގުނަ ނިއުމަތްތަކުގެ މަތިން ހަނދުމަކުރަން އިލްތިމާސްކޮށްފަ އެވެ. މާތްﷲ ދިވެހީންނަށް ދެއްވި އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީން ކަން ފާހަގަކޮށް، އެ ދީން މަތީގައި ސާބިތުވެ ތިބުމަށް ވެސް ހުތުބާގައި އިލްތިމާސްކުރި އެވެ.
އެއްބައިވަންތަވެ، ރަހިމުގެ ގުޅުން ދަމަހައްޓައި މުޖުތަމައުގައި އެކުވެރިކަމާއި އެއްބައެއްވަންތަކަން ގާއިމްކުރަން ވެސް މިއަދުގެ ހުތުބާގައި އެދުނެވެ.
ހުތުބާގައި ބުނީ ރަމަޟާން މަސް އަހަރެމެންނާ ވަކިވެ ދިޔައީ، އަހަރެމެންގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި މާތްﷲ ޝަރުއުކުރެއްވި ގޮތަށް ރޯދަހިފައި، ރޭއަޅުކަންކުރި މީހުންނަށް ޝަފާއަތްތެރިވާ މަހެއްގެ ގޮތުގައި ކަމަށް ހުތުބާގައި ބުންޏެވެ. ހަމައެއާއެކު މުސްލިމުން ރަމަޟާންމަހުގައި، ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާ ކަމަށާއި، ނަމާދުކޮށް، ރޭއަޅުކަންކޮށް، އުޅޭކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ ރޯދައަކީ، ތަރުބިޔަތުގެ މަދަރުސާއެއް ކަމަށާއި އިސްލާމްދީނަކީ، އެ ދީނުގެ ޝިއާރުތަކުގެ ތެރެއިން، ބަދަހި މުޖުތަމައެއް ބިނާކުރުމަށް ތަމްރީނުދޭ ދީނެއް ކަމަށެވެ. މި ތަމްރީނުގެ އަމާޒަކީ، ދީނުގެ ހަމަތަކުގެ މަތީގައި މުޅި އުންމަތް އަހުވަންތަކުރުން ކަމަށްވެސް ބުންޏެވެ.
ފިތުރު އީދު ދުވަހުގެ ހުތުބާ ނިންމައިލީ ޝައްވާލުމަހު ހިފާ ސުންނަތް ހަރޯދަ ހިފުމުން ނަސޭހަތްތެރިވެފަ އެވެ. އެއީ އެ ހަ ރޯދަ ހިފުމުން މުޅި އަހަރު ރޯދަހިފުމުގެ ސަވާބު ލިބުންފަދަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;