ކުއްލިޔަކަށް ތަފާތެއް ހީވުމުން ނަޔާބުގެ މޫނުން، އޭނާގެ މޫނު ދުރުކޮށްލި އެވެ. ލޮބުވެތި އިހްސާސަކާއެކު އެ މައުސޫމް މޫނަށް ބަލައިލި އެވެ. ވަރުބަލި ކަމާއެކު ލޮލުގެ އެސްފިޔަތަށް ތަޅުވާލި މަންޒަރު ފެނުނެވެ. ލިބުނު އުފަލުގައި ހިނިތުން ވެވުނީ ހޫނުކަރުނައިގެ ތެރެއިންނެވެ.
ނުހަނު އުނދަގުލުން ނަޔާބުގެ ލޯ ހުޅުވާލި އެވެ. ވަރުބަލި ކަމާއި މާޔޫސްކަން އަދިވެސް އެ ދެ ލޮލުގައި ވޭ އެވެ. އެންމެ ލޯބިވާ ފިރިމީހާގެ ހިތްގައިމު ރީތި ދެ ލޮލަށް ނަޔާބު ބަލައިލި އެވެ. ޗޮކްލެޓްކުލައިގެ އެ ދެ ލޮލުގައި ވަނީ ރިހުމެވެ. އެ މަންޒަރު ބަލަން އޭނާއަށް ފަސޭހަ އެއް ނޫނެވެ.
ލޮލާއި ބޮލުގެ އިޝާރާތުން ނަޔާބު ބުނެލީ، ކަރުނަ ނޭޅުމަށެވެ. ދުނިޔޭގެ ހުރިހައި ރިހުމަކަށްވުރެން އޭނާއަށް ވޭން ދެނިވި އެއްޗަކީ އަސްމާރުގެ ކަރުނަ އެވެ. އެއްޗެކޭ ބުނަން، ހަރަކާތްކޮށްލި ވަގުތު ނަޔާބުގެ ތުންފަތުގައި އަސްމާރުގެ ޝަހާދަތް އިނގިލި ހުރަސްކޮށްލި އެވެ.
'ވިއްސާރައިގެ އެ ބިރުވެރި ތޫފާނުގައި ބޭރަށް ނިކުތީ ކީއްވެ؟' އެއީ އަސްމާރުގެ ފުރަތަމަ ސުވާލެވެ.
ޖަވާބަކަށް އިންތިޒާރެއް ނުކުރެ އެވެ. ސުވާލު ފުންޏެއް އޮއްސާލި އެވެ. ވާރެއާއި ތެމޭ ހިތްވާނަމަ، އެކަން ކުރަން ހަމައެކަނި ހުއްދަ އޮންނާނީ އަސްމާރުގެ ހާޒިރުގައި އެ ދެއަތުގެ ތެރޭގައި ކަމަށް ބުނެލީ ލޯބިން ފުރިފައިވާ ހަރަކަތާއެކު އެވެ.
އެ މީރުކަން ލިބުމަށް އެދި ނަޔާބުގެ ހިތް ތެޅޭތައި ކިހައި ދުވަހެއް ވެއްޖެކަން އެނގޭނެ އެހެން އިންސާނަކު ނުހުންނާނެ އެވެ. މިފަހަރު ލޮލުން އެ ފޭބީ އުފަލުގެ ކަރުނަ އެވެ. ކޮންމެ ރިހުމަކަށް އެ ފަރުވާ ފުދިއްޖެ އެވެ. ބާރުގަދަ 'ޕެއިން ކިލަރ'އަކަށް ވުރެން އެ ބޭހުގެ ބާރު ގަދަ އެވެ.
ނަޔާބުގެ ފަރުވާއަކީ އެއީ އެވެ. އަސްމާރުގެ ލޯތްބާއި އެ ފިރުމުންތަކެވެ. އެ އަޑާއި އެ ރާގެވެ. އިޝްގީ އެ އަރާމެވެ. އަސްމާރުއާއި އެ އާއިލާގެ މުއްސަނދިކަމާއި ތަނަވަސްކަމަށް ނަޔާބުގެ ކުޑަވެސް ޝައުގުވެރިކަމެއް ނެތެވެ. ފިރިމީހާގެ ލޯތްބާއި އިހްތިރާމުން އޭނާގެ ދުނިޔެ އުޖާލާކުރެވޭނެ އެވެ.
'އެއްޗެއް ކެއީ ކޮން އިރަކު؟' އެއީ ބޮޑު ސުވާލެކެވެ.
އެއްޗެއް ކޭ އިރެއް ނުވަތަ ކެވުނު އިރެއް ނަޔާބު ހަނދާނެއް ނެތެވެ. ޖަވާބެއް ނުދެވުނީ، ޖަވާބެއް ނެތީމަ އެވެ. އަނބިމީހާގެ ކޮންމެ ބަލައިލުމެއް ތަރުޖަމާކުރާން ކުޅަދާނަ މާހިރު، އެތަށް ދުވަހަކަށް ފަހު އަނެއްކާވެސް އެ ފިލާވަޅުން ފާސްވެއްޖެ އެވެ.
ލޮލުގެ އެސްފިޔަތަކުން ހަރަކާތްކޮށްލީ، އެ ހިމޭންކަމުގެ ހަބަރު އޭނާއަށް ސާފުވެއްޖެކަން ބުނެދިނުމަށެވެ. ނަޔާބުގެ ދެ ލޯ މަރައިލި އެވެ. ލިބެމުންދިޔަ އުފަލާއި އަރާމު، ހަޖަމުކުރާން މިވަގުތު ފަސޭހައެއް ނޫނެވެ. އެތަށް ރިހުމަކަށްފަހު މި އުފަލާއި މި ގަދަރާއި ލިބެމުންދިޔަ އިއްޒަތް ތަހަންމަލްކުރާން އޭނާއަށް ނޭގުނީ އެވެ.
ނަޔާބުގެ ކިބައިން ފެނިދާނެ ހަރަކާތްތަކަށް އަސްމާރު އޮތީ ތައްޔާރުވެގެންނެވެ. އެ ހިމޭންކަމާއި ތަފާތު މިޒާޖު، މި ވަގުތު އޭނާއަށް ކަމަކު ނުދިޔަ އެވެ.
ކޮޓަރީގައި އެކުލެވިގެންވީ ހިމޭންކަމެވެ. ދެމީހުންގެ ނޭވާގެ އަޑު ފިޔަވައި އެހެން ދިރުމެއް ނެތެވެ. ގަދަ ކެރިއާއި ބާރުގަދަ ގުގުރުމާއި ބިރުވެރި ވިދުވަރު ނޫނީ ވުޖޫދުގައިވެސް ނެތް ފަދަ އެވެ. އަސްމާރުގެ ލޮލުގެ ހިމަކޮޅުން ދެމިގަތީ ހޫނު ކަރުނައިގެ ރޮނގެކެވެ. ނަޔާބުއަށް ކެތެއް ނުވި އެވެ. މަޑުމަޑުން ދެ އަތް އުފުލާލާފައި ފިރިމީހާ ގެނެސް ގަޔާއިލައި ބޮނޑިކޮށްލި އެވެ. ބުރަކަށީގައި ފިރުމާލީ ލޯތްބާއެކު އެވެ.
'އައި އެމް ސޮރީ ބޭބީ ގަރލް!' ވައި އަޑުން މަޑުމަޑުން އަސްމާރު ބުނެލި އެވެ.
އޭނާގެ ނަފުސުގެ އަމާން ކަމަށް އަސްމާރު މަސައްކަތް ފެށި އެވެ. ނަފުސުގެ ކުއްވެރިކަމަށް ވުރެން ބޮޑު ތަކުލީފެއް އިންސާނަކަށް ކުރިމަތި ނުވާނެކަމަށް އޭނާ މިރޭ ގަބޫލު ކޮށްފި އެވެ. ގެންގުޅެވުނު ނާތަހުޒީބު ވިސްނުމާއި، ކެތްތެރިކަމެއް ނެތި ނިންމި އަނިޔާވެރި ނިންމުންތަކަށް ތަކުރާރުކޮށް މައާފު އެދުނެވެ.
ކަންފަތް ބުޑުގައި ވަސްވާސް ދިން ކޮންމެ ރޭވުމަކަށް، ވިސްނާލުމެއް ނެތި ނަޔާބުއަށް އަދަބު ދެވުނީތީ ލަދުވެތިވި އެވެ. ރުންކުރުކަމާއި ލޭގެ ގުޅުން ފިޔަވައި އެހެން މީހުންނާއި މެދުގެންގުޅެވޭ އަބުއި ގޮތްތައް ރަގަޅުކުރާނެކަމަށް ވައުދުވި އެވެ. އެހެން މީހުންގެ އިހްސާސްތަކަށް އިހްތިރާމްކޮށް، ކޮންމެ ގުޅުމެއްގެ ހައްދު ކަނޑައަޅައި ވާޖިބު ފުރިހަމަކުރާނެކަމަށް ބުންޏެވެ. ކޮންމެ އިބާރާތެއްގައި ވަނީ އަމާނާތްތެރިކަމާއި އޯގާތެރިކަމުގެ ފޭރާމެވެ. ވަރުބަލިކަމާއި ލޮޑުކަން ފިލައި، ފިރިމީހާއަށްޓަކައި ފަހުރުވެރިކަމުން ނަޔާބުގެ ހިތް ފުރެމުންދިޔަ އެވެ.
މަންމައާއެކު ހޭދަކުރެވުނު އުފާވެރި ހަޔާތުގެ ހަނދާންތަކުން މިއަދު އަސްމާރުގެ ހިތް މޯޅިވެއްޖެ އެވެ. އޭނާގެ މިޒާޖުގައި ހުންނަ، ގޮތްދޫނުކުރުމުގެ ނުރަނގަޅު އާދަތަށް ނައްތާލުމަށް މަންމަ ދިން ނަސޭހަތްތައް މިރޭ އޭނާގެ ހިތް ރޮއްވާލައިފި އެވެ. މަންމަގެ ނަސޭހަތާއި ނަޔާބުގެ ދުނިޔެއިން ލިބުނު އިބްރަތް ދުނިޔޭގެ ފިލާވަޅެއްގެ ގޮތުގައި އޭނާ ގަބޫލުކޮށްފި އެވެ.
މަންމަގެ ހަނދާންތަކާއި މަންމަގެ ލޮބުވެތި އަލްފާޒުތަށް ފަނޑުކޮށްފައި ވަނީ މާމަގެ ނުރަނގަޅު ނުފޫޒެވެ. މަންމައަށްޓަކައި މާމަގެ ހިތުގައި އޮތް ނަފްރަތު މިރޭ އޭނާ ގަބޫލުކޮށްފި އެވެ. މަންމަގެ ކުށެށް ނެތެވެ. ނަޔާބުއާއި މަންމަގެ މިޒާޖުގައި ވަނީ މާތް އަހްލާގުގެ ހެޔޮ ފޭރާމެވެ. ބައްޕައާއެކު މަންމަ ހޭދަކުރީ ހިތްދަތި ދުވަސްތަކެކެވެ. ނޭގުމުގެ ތެރެއިން ވިޔަސް ނަޔާބުއަށް އެފަދަ ތަކުލީފުތަކެއް ދެވުނީތީ އޭނާ މައާފަށް އެދުނެވެ.
މަންމަ ނިޔާވި 'ހާޓްއެޓޭކް' ޖެހިގެންނެވެ. ބައްޕަގެ އަނިޔާތަކާއި ރަހުމު ކުޑަ ނިންމުންތަކުން މަންމަގެ ހިމޭން ދުނިޔެއަށް ނިމުން އައީ ކަމަށް އެގޭގައި ކުރިން އުޅުނު 'ނޯކަރުން' ބުނި ކަމަށް މިރޭ އަސްމާރު އެއްބަސް ވެއްޖެ އެވެ. ބައްޕަގެ ފަރާތުން މަންމައަށް ލިބުނު ފަދަ އަނިޔާވެރިކަމެއް އަސްމާރުގެ ފަރާތުން ނަޔާބުއަށް ދެވުނީތީ އޭނާ ލަދުވެތި ވެއްޖެ އެވެ. މަންމަގެ ނިމުންފަދަ ހިތްދަތި ނިމުމަކުން، ނަޔާބުގެ ހާލަތު ބަދަލުވެދާނެކަމަށް އޭނާގެ ހިތް މިރޭ ބުނި ކިތަންމެ ހިނދުކޮޅެއް ފާއިތުވިކަމަށް ބުނެދިނެވެ.
މާމައަށް ނޭގި އެއްކަމެއް ކުރުމުގެ ހުއްދަ ލިބިފައި ނެތަސް، ނަޔާބުއާއި ކައިވެނި ކުރި ފަހުން، ކޮންމެ ހަފްތާއެއްގައިވެސް ތިން ދުވަހު މަންމަގެ މަހާނައަށް ޒިޔާރަތްކޮށް އެތަށް ވަގުތެއް ހޭދަކުރާކަމަށް ބުނެދިނެވެ. ހެޔޮ ވިސްނުން ދެއްވުން އެދި މެދުނުކެނޑި ކުރެވުނު ދުއާއިން މިރޭ ނުވަތަ މިއަދު ހެޔޮ މަގު ލިބުނީތީ ހަމްދާއި ޝުކުރުކުރި އެވެ. ކަރުނައާއި މާޔޫސްކަމާއި އެހެން މީހުންގެ ބުނުންތަކަށް ބޯ ލެނބުމަކީ ފިރިހެންވަންތަ ސިފައެއް ނޫންކަމަށް ދުނިޔެއަށް އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކު މާމައައީ ހަނދާންކޮށްދެމުންނެވެ.
މަންމަގެ ނަސޭހަތަކީ ރޭވުމެއް ކަމާއި، މަންމައަކީ ދަރިންނަށް ރަހުމުކުރި މީހެއް ނޫންކަމަށް ދެ ދަރީންގެ ސިކުނޑިއަށް ވިސްނައިދީފައި ވަނީ މާމަ އެވެ. ކޮންމެ އަންހެނާއި މެދުގައި އެފަދައިން ދެކުމަށް މާމަ ބުނެދިނީ، ތަނަވަސްކަމެއް ނެތް ކޮންމެ އަންހެނަކީ 'ދަހިވެތި' ހީލަތްތެރިއެއް ކަމުގައި ވިސްނައިދެމުންނެވެ.
ހިތާއި ދެކޮޅަށް ނަމަވެސް ނަޔާބުގެ ދެ އަތުގެ ތެރެއިން އަސްމާރު ތެދުވި އެވެ. ނުހަނު ލޯތްބާއެކު ނަޔާބުއަށް ބަލައިލި އެވެ. ހިނިތުންވާން މަސައްކަތް ކުރިއަސް، އެކަން ކާމިޔާބެއް ނުވި އެވެ. މަޑުމަޑުން ނަޔާބުގެ ދެ އަތުގައި ހިފާލި އެވެ. ވަކިވަކިން އިނގިލިތަކުގައި ފިރުމާލި އެވެ.
'ބައެއް ފަހަރު ހިތަށް އަރާ، ނަޔާބު އަހަންނަށް ލިބުމަކީ އަހަރެންގެ މަންމަގެ ދުއާ އިޖާބަކުރެއްވުމުގެ ހެއްކެކޭ! މާތް ﷲ ނަޔާބު ދުނިޔެއަށް ފޮނުއްވީ އަހަރެންނަށްޓަކައި.. ގުދުރަތުން ގުޅުވައިފި ދެ ހިތެއް ވަކިވުމެއް ނުވޭ.. އަހަރެން ދޫކޮށްލާފައި ދުވަހަކުވެސް ނުދައްޗޭ! މަންމަ ނިޔާވި ދުވަހުވެސް މިރޭ ވަރުގެ ބިރެއް ނުގަނޭ! ދާދިފަހުން ރެއަކު ހުވަފެނުގައި މަންމަ އަހަރެންގެ ގާތަށް އައި.. މިވާހަކަ އެކަކުވެސް ގަބޫލު ނުކުރާނެކަން އިނގޭ، އެކަމަކު މިއީ ހަގީގަތެއް.. މިއީ ހިނގިކަމެއް.. ނިދިން ހޭލެވުމުން، އެ ރޭ އަލުން އޮށޯންނާކަށްވެސް ނުކެރުނު.. ފެނުނު ހުވަފެން ގަބޫލުކުރުން އަހަންނަށްވެސް ފަސޭހައެއް ނުވި! އެކަމަކު އެ ހަގީގަތް ދޮގުކުރަން، އަހަރެން މިއީ ކާކު؟' އަމިއްލަ ހާލައިމެދު ހަމްދަރުދަރުދީވެ، އަސްމާރުގެ ކަނދުރާ ތިރިވެފައި ވަނީ އޭނާއަށް ކަންކަން ކުރެވިފައިވާ ގޮތުންނެވެ. ދައްކަމުންދިޔަ ސީރިއަސް ވާހަކަ ނިންމާކަށް ބޭނުމެއް ނުވި އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;