'ހުވަފެނުގައި މަންމަ އެދުނީ ލޯތްބާއި އިހުތިރާމާއެކު ނިޔާބުގެ ދުނިޔެ އުޖާލާކޮށްދިނުމަށް.. ނިޔާބުގެ ލޮލުން އޮހޮރޭ ކޮންމެ ކަރުނައެއްގެ އަގު އަދާކުރުމަށް، އަހަރެން ނުކުޅެދޭނެ ހާލަތަކަށް އަތުވެދާނެކަމަށް މަންމަ އިންޒާރުކުރި..! ހަގީގަތުގައި އަހަރެން ވަރަށް ބިރުގަތް.. އެކަމަކު އަހަރެންގެ ބޮޑާކަމާއި ކިބުރުވެރިކަމާއި މާމަގެ އަބަދުގެ ވަސިއްޔަތްތަކުން މަންމަގެ އެ އިންޒާރު ފަނޑުކޮށްލެވުމަކީ މޮޔަކަމެއްކަން މިރޭ އިހްސާސްވެއްޖެ! އަހަންނަކީ ދުނިޔޭގެ އެންމެ ނުބައި ފިރިންގެ ތެރެއިން އެކަކު ކަމުގައި އިހްސާސް ކުރެވިއްޖެ.. ކިތަންމެ ލޯތްބެއް މި ހިތުގައި ވިޔަސް، އަނބިމީހާގެ ހައްގުން މަހުރޫމް ކުރުމަކީ އެންމެ ފިނޑި ފިރިހެނުންގެ އަމަލެއް..!'
އަމިއްލަ ކުށް އަސްމާރު ގަބޫލުކޮށްފި އެވެ. ނަޔާބުގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލާފައި އޭނާގެ ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލި އެވެ. މުޅި އުމުރަށް ހިމާޔަތް ދިނުމަށް އަމިއްލަ ނަފުސަށް ވައުދުވި އެވެ.
އޭނާގެ ނާ ތަހުޒީބު އަދި ބޭ އަދަބީ ކޮންމެ އަމަލަކަށް ވަކިވަކިން މައާފަށް އެދުނެވެ. ބަލަން ފަސޭހަ މަންޒަރަކަށް ނުވިޔަސް، ފިރިމީހާގެ ކަރުނަ ހުއްޓުވޭނެ އެއްގޮތެއްވެސް މިރޭ ނެތެވެ.
ދެ ހިތުގެ ރިހުމަށް ލުއި ލިބެންދެން 'ލޯބި' ކުރި އެވެ.
ނަޔާބުގެ މޭގައި ބޯ އަޅައިގެން އޮވެ، އެތަށް އިރަކު އަސްމާރު ރުއެވެ. ލޮބުވެތި ފިރުމުންތަކާއެކު ނަޔާބު އިހްތިޔާރުކުރީ ހިމޭންކަމެވެ.
އަސްމާރުގެ ރުޅިއާއި ނަފްރަތު، ކެތްތެރިކަމާއިއެކު ތަހަންމަލްކުރި ފަދައިންނެވެ.
ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކަށް ކެތްކުރި ދުވަސްތަކުގެ ރިހުމާއި، ކަރުނައަށް ކެތްތެރިވި ފަދައިންނެވެ.
ބަލިކަށިވެ، ކޮޅަށް ހުންނާނެ ހިތްވަރެއް ނުލިބި، ހިމޭންކަރުނައިގައި ހޭދަކުރި ދުވަސްތަކުގެ ވޭނީ ހަނދާންތައް ފަދައިންނެވެ.
އެދުވަސްތަކުގެ ކެކުޅުންތަކާއި އެ ހިތްދަތިކަމުގައި، އޯގާތެރިކަމަށް ނަޔާބު އެންމެ ބޭނުންވި ވަގުތުގައި އޭނާގެ ލޮބުވެތި ފިރިމީހާ ކޮބައި ހެއްޔެވެ؟ އޭނާގެ ކަރުނައިން ނަޔާބުގެ ކޮންމެ ކަށިކޮޅެއް ނުވަތަ އެންމެ ހިމަނާރުވެސް ވޭން އެ އުފުލަނީ ކީއްވެ ހެއްޔެވެ؟
ނަޔާބުގެ ކިބައިގައި ޖަވާބު ނެތަސް، އެ ސުވާލުތަކުގެ ޖަވާބު އައީ ހިމޭންކަމުގެ ތެރެއިންނެވެ.
'އަހަރެން ފަދަ ރަހުމެއް ނެތް ޖާހިލު ފިރިހެނަކަށް، ނަޔާބު ފަދަ މާތް އަންހެން ކުއްޖަކު އެކަށީގެން ނުވޭ' އިވުނު ޖުމުލައާއިއެކު ނަޔާބުގެ އެސްފިޔަތަށް ލައްޕާލި އެވެ.
ލިބުނު ކާމިޔާބު ތަހަންމަލްކުރާނެ ގޮތެއް ނޭގުނެވެ. ނަފުސުގެ ތޯހިރުކަމަށް ފުރަތަމަ ފިޔަވަޅަކީ ކުށް ގަބޫލުކުރުމެވެ. އޭނާގެ ލޮލުން ބޮލުން އަސްމާރުއަށް މައާފެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލުމުގެ ކުރިން މިފަހަރުވެސް އިވުނީ އަސްމާރުގެ އަޑެވެ.
'އެކަމަކު ލޯބީގައި އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެއް! ދުވަހެއްގައިވެސް އަހަރެންގެ ދެ އަތުގެ ތެރެއިން ނަޔާބު ނިކުތަ ނުދޭނަން.. އަހަރެންގެ ލޯބިން ދުރަށް ދިއުމުގެ އިޒުނައެއްވެސް ދުވަހަކުވެސް ނުލިބޭނެ.. މި ގޮށް ޖެހީ، މުޅި އުމުރަށް!'
އޭނާގެ ނިންމުން ފުރިހަމަކޮށްލި އެވެ.
'އައި ލަވް ޔޫ ސޯ މަޗް، ބޭބީ ގަރލް! ދުވަހަކުވެސް އަހަރެން ދޫކޮށްލާފައި ނުދާނެކަމަށް ވައުދުވޭ!'
އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ކުއިލްޓުގެ ތެރެއަށް ވަދެ، ދެ ހަށިގަނޑު އެއް ހިޔަންޏެއް ފަދައިން ބަދަލުވެއްޖެ އެވެ.
'އަސްމާރު ދޫކޮށްލާފައި އަހަރެން ދާނެކަމަށްތަ ހީކުރީ؟ އަހަރެންގެ ކިބައިން އެހައި ފަސޭހައިން މިންޖުވެވޭނެ ކަމަށް ހީނުކުރައްޗޭ! ދެ ދުނިޔޭގައިވެސް ތި ނޫން ލޯތްބަކަށް ނޭދެން.. ކިތަންމެ ނަފުރަތު ކުރިއަސް، ކިތަންމެ ރިހުމެއް ދިނަސް، ކިތަންމެ ތަކުލީފަކާއި ކަރުނައިން އަހަރެންގެ ދުނިޔެ ބަނަ ކުރިއަސް، އިން ޝާ ﷲ، އަސްމާރު ދޫކޮށްލާފައި ނުދާނަން!'
އިޝްގުން ފުރިފައިވާ އަޑެކެވެ. ހަމަ އެކަނި އެ އަޑަށްވެސް އެތަށް ފިރިހެނަކު ކަކޫމައްޗަށް ތިރިވާނެކަން ޔަގީނެވެ.
ލިބުނު އުފަލުގައި އަސްމާރުގެ ހަރަކާތްތަކަން ލިބުނީ އިތުރު ދިރުމެވެ. މުޅި ރޭ އެ ގޮތުގައި ހޭދަކުރާން ޖެހުނަސް، ވަރުބަލިކަމެއް ނެތި އޭނާގެ އަނބިމީހާގެ އުފަލަށްޓަކައި ގުރުބާންވާން ތައްޔާރެވެ. ހަމައެކަނި އެ ރެއެއް ނޫނެވެ. ދެ ދުނިޔޭގެ އުފަލަށްޓަކަ އެވެ.
ދުނިޔޭގެ ހުރިހައި ރިހުމަކުން މިންޖުކުރުމަށް އެތަށް އިރަކު ލޯބިކުރި އެވެ. ހިތާއި ސިކުނޑީގައި ލެވިފައިވާ ދުރުކަމުގެ ބިއްގަނޑު ނެތިއްޖެ އެވެ. ދެ ހިތުގެ ދެމެދުގައި ރޮދިފަށެއްގެ މިންވަރަށްވެސް ހުރަހެއް ނެތެވެ. ދުނިޔޭގެ ހުރިހައި ރިހުމެއް ފިލުވައިލުމަށް އެއަށް ވުރެން ޔަގީން ފަރުވާއެއް ނުވެ އެވެ. ހިތުގެ ލޯތްބާއި ދެއަތުގެ ފިރުމުންތަކުން ދުނިޔެ އާބާދުކުރުމަށް ވައުދުވި އެވެ. ނުތަނަވަސްކަން އެއްފަރާތްކޮށް ދިރިއުޅުން އާރާސްތުކުރެވެން ހުރި ހުރިހައި ތަނބެއް ވަރުގަދަކުރުމަށް އެކަކު އަނެކެއްގެ އެހީތެރިކަން ދިނުމަށް ނިންމި އެވެ.
ޖެހެމުންދިޔަ ގަދަވަޔާއި ތޫފާނީ ބާރުގަދަ ކެރިގަނޑު މައިތިރިވާން ފަށައިފި އެވެ. ވިދާލާ ވިދުވަރުގެ އަލި ފަނޑުވެ ގުގުރީގެ އަޑު މަޑުވެއްޖެ އެވެ. މުޅިން އައު ދުވަހަކަށް އިރުއެރުމަށް ކިތަންމެ ވަގުތެއް އޮތަސް، ނަޔާބުއާއި އަސްމާރުގެ ލޯތްބަށް ބަހާރު މޫސުން އައީ އެވެ. ތިންވަނަ މީހެއްގެ ވަސްވާހަކަށް ނުވަތަ ނުބައި ނަސޭހަތަކަށް ފުރުސަތެއް ނެތެވެ. އެ ހުރިހައި ބާރެއް މައިތިރި ކުރާނީ ދެމީހުން އެކުގަ އެވެ. ލޯތްބާއި އޯގާތެރިކަމުގެ އަމާންކަމުން ކާމިޔާބު ލިބޭނެކަން ޔަގީނެވެ.
ނަޔާބު އަރާމު ކޮށްލުމަށް، ވަގުތަށް އެދުނީއެއް ނޫނެވެ. ގަދަ ހުމުގެ ސަބަބުން ލިބުނު ލޮޑުކަން ފިލުވައިލުމަށް ހަކަތަ ހުރި ކޮންމެވެސް އެއްޗެއް ނަޔާބުގެ ހަށިގަނޑަށް ބޭނުންވާކަމަށް ބުނީވެސް އަސްމާރު އެވެ.
ދެމީހުންނަށް ކާ އެއްޗެއް ތައްޔާރުކޮށްލުމަށް ބަދިގެއަށް ދިއުމަށް ފުރަތަމަ ތެދުވީ ނަޔާބު އެވެ. ނަމަވެސް ގަދަ ބަސް ބުނެފައި އެނދުން ތެދުވުންވެސް ނަޔާބުއަށް މަނާ ކުރި އެވެ. ބަދިގެއަށް ދާނީ އަސްމާރު ކަމާއި އޭނާ ގެންނަ ކޮންމެ އެއްޗެއް ބަސް އަހައިގެން ކާން ޖެހޭނެކަމަށް ބުނެލީ ލޯބި ގޮތެއް މޫނަށް ހަދާލާފަ އެވެ. ކުޑަކުއްޖަކު ފަދައިން ނަޔާބު އެއްބަސްވި އެވެ. ދެ ކޮލުގައި ފިރުމާލާފައި އެނދުން ފުންމާލައިގެން ފުރަތަމަ އަސްމާރު ވަނީ ފާހަނާ އަށެވެ.
ބައި ގަޑިއެއްހާއިރު ފަހުން އަސްމާރު ކޮޓަރިއަށް ވަނީ ބޮޑު ތަބަކެއްގައި ތަށިތައް އަތުރައިގެންނެވެ. ހިނިތުންވެ ހުރެ، އެނދުމަތީގައި އިށީނީ އެއް ލޯ މަރައިލާފަ އެވެ. ނަޔާބުގެ ފަރާތުން ލިބުނު ލޮބުވެތި ހިނިތުންވުމަށްޓަކައި އަސްމާރުގެ މުޅި ހަޔާތް ހިބައިން ދިނުމަށްވެސް އޭނާ ތައްޔާރެވެ.
ގާތުގައި ހުރި ސައިޑްޓޭބަލް މަތީގައި ތަބައް ބަހައްޓާފައި އޭގައި ހުރި ސޫޕް ތަށި އޭނާގެ އަތަށް ނެގި އެވެ. ހިނިތުންވަމުން، ހާއްސަ ނަޒަރަކުން އެއް ފަހަރު އަސްމާރުއަށް އަދި އަނެއް ފަހަރު އެ ތަބަކަށް ނަޔާބު ބަލައިލި އެވެ. އޮރެންޖު ދެ ޖޫސްތައްޓާއި ދެތިން ވައްތަރެއްގެ 'ޑްރައި ފުރުޓްސް'އާއި އަދި މަޑުކޮށްފައި ހުރި ބްރޮކޮލީ ތައްޓެއް ހުއްޓެވެ.
ސަމްސަލުން ސޫޕް ފޮދެއް ނަގާފައި، ނަޔާބުގެ އަނގަޔާއި ކައިރިކޮށްލި އެވެ. ވަރަށް ބަސް އަހާ ކުޑަކުޑަ ކުއްޖަކު ފަދައިން އޭނާގެ އަނގަ ހުޅުވާލީ ފުރަތަމަ ފަހަރަށް ތާރީހް ބަދަލުކޮށްލުމަށެވެ. ބައްޔެއް ވެގެން ނުވަތަ އެހެންވެސް ގޮތަކުން ފިރިމީހާ އަމިއްލައަށް ކާ ތަކެތި ތައްޔާރުކޮއްގެން ގެނެސް، އޭނާގެ އަތުން ކާންދޭ މިއީ ފުރަތަމަ ފަހަރެވެ. ކޮންމެ އަންބަކު ތަޖުރިބާކުރާން ބޭނުންވާނެ އެންމެ އުފާވެރި ހިނދުކޮޅެވެ. ބޮޑާހޭކުމެއް ނެތި، މަނާ ކުރުމެއް ނެތި އަސްމާރުގެ ކޮންމެ އިޝާރާތަކަށް ނަޔާބު ދިޔައީ އިޖާބަދެމުންނެވެ.
ނަޔާބުގެ ބަނޑުހައިކަން ފިލާވަރު ވެއްޖެކަން ޔަގީންވުމުން، ހަމަ އެ ސޫޕް ތަށިން، ހަމަ އެ ސަމްސަލުން އަސްމާރުވެސް ހިއްސާ ލިބިގަންނަމުން ދިޔަ އެވެ. ތަށި ހުސްވުމުންވެސް އިތުރަށް ބޭނުންވި އެވެ. ނަމަވެސް ޝަކުވާއެއް ނެތެވެ. ބްރޮކޮލީ ތަށިވެސް ހަމަ އެފަދަ އެވެ. މިފަހަރުގެ ތަފާތަކީ އެކަކު އަނެކަކުގެ އަތުން އެ ތަށީގައި ހިމެނުނު ކޮންމެ އެތިކޮޅެއް ކާންދިނުމެވެ. ޑްރައިފުރުޓްސް، 'ޝެއަރ'ކުރުމުގެ ހުނަރުން، ނަޔާބު ލަދުން އިސްޖަހާލަން ޖެހުނެވެ.
ކައި ނިމުމުން ދެމީހުންގެ ތުންފަތް ފޮހެލައިދިނީވެސް އެކަކު އަނެކަކުގެ އަތުންނެވެ. މަޑު ހިނިތުންވުމަކާއެކު އެމީހެއްގެ ޖޫސްތަށި ނެގީ އަމިއްލަ އަތުންނެވެ.
ދެން އޮތީ އެކުގައި ފިޔަވަޅު ނެގުމުގެ ވަގުތެވެ. މުޅި އުމުރު އެކަކު އަނެކެއްގެ ލޯތްބަށްޓަކައި ހިބަ ކުރުމެވެ. އިތުބާރާއި އިހްތިރާމާއި އޯގާތެރިކަމުގައި ހަޔާތެއް ބިނާ ކުރުމުގެ ވަގުތު ޖެހުނީ އެވެ. އުފާވެރިކަމުގައި އިތުރު ހިނިތުންވުމެއް އެދެމެދަށް ގެނައުމުގެ މަރުހަލާ ފެށުނީ އެވެ.
ކަރުނައާއި ހިތްދަތިކަމާއި ވޭނާއި ކެކުޅުން ނިމުނީ އެވެ. އޮހޮރި ހިމޭންކަރުނައިގެ ބާބު ނިމުނީ އެވެ. (ނިމުނީ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;