ads
ދަރިފުޅު
އެޕިސޯޑް 01
Advertisement

މީހަކު ތިމާގެ ލޮލުގެ ކަޅިއަށް ހަންޖަރެއް ހަރާހެން ހީވާ ސިކުންތުގައި، ހަމަ އެ އެކުވެރިޔާގެ ގައިގައި ދެ އަތުން ބާރަށް ބައްދާލާފައި ހަށިފުރައި ނޭވާއެއް ލުމުގެ ނަސީބު ލިބިފައިވޭ ހެއްޔެވެ؟ 

އެހެންކަމަށްވަންޏާއި ތިޔައީ ނަސީބުވެރިއެކެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކުރުކޮށް ފޮނިކޮށް ތައާރާފުކޮށްދޭނެ މި ނޫން އެހެން އިބާރާތެއް ނުވިސްނުނެވެ. 

އަހަރެންގެ ހުރިހައިވެސް މީހަކީ ފަހަދު އެވެ. މީހެއްގެ ހައިބަތަށް ނުވަތަ ނިސްބަތާއި ތަނަވަސްކަމާއި އާރާއި ބާރަށް އޭނާގެ ފަރުވާލެއް ނުހުންނާނެ އެވެ. އެއީ ވަރަށް ސާދާ، ތެދުވެރި އަދި ވަރަށް ޖަޒުބާތީ އެކުވެރިއެކެވެ. އެއަށް ވުރެން އަހަރެން އިތުބާރުކުރާ އިންސާނަކު ނުހުންނާނެ އެވެ.

އަހަންނަކީ ދުނިޔޭގެ ނިސްބަތުން ބާރުގަދަ ކުންފުންޏެއްގެ ސީއީއޯ އެކެވެ. އަހަރުމެންގެ އަމާޒަކީ މުއްސަނދި ރިސޯޓުތަކާއި ތަރައްގީ ގައުމުތަކުގެ ނުފޫޒުގަދަ ހޮޓާތައް ބިނާކޮށް ތަރައްގީ ކުރުމެވެ.

މާލެއާއި މާލެ ސަރަހައްދު ނުވަތަ ބޭނުން ކޮންމެ ރިސޯޓެއްގައި އެންމެ ހިތްގައިމު އެކޮމޮޑޭޝަނުން އަހަންނަށް ޖާގަ ލިބޭނެ އެވެ. ނުވަތަ އެފަދަ ތަނެއް އަމިއްލަ ކުރުމުގެ ކުޅަދާނަކަންވެސް އަހަރެންގެ އެކައުންޓުތަކުގައި އެބަހުއްޓެވެ. އެކަމަކު މިވަގުތު އަހަރެން ހުއްޓި މިހުރީ ލޮނުޒިޔާރަތްކޮޅުގައި ހުރި ދިހަ ބުރީގެ އިމާރާތެއްގެ ނުވަވަނަ ފަންގިފިލާގަ އެވެ. މިއީވެސް އަހަރެން ގަނެފައިވާ އަމިއްލަ އެޕާޓްމެންޓެކެވެ. 

މިތަނުގައި މިހެން ކޮޅަށް ހުންނާން މިޖެހުނީވެސް ފަހަދުގެ ސަބަބުންނެވެ. މި އެޕާޓްމެންޓް ތަޅުދަނޑިވެސް އަހަރެންގެ އަތުގައި ނެތީ އެވެ. މާލޭގެ ކޮންކްރީޓް ޖަންގަލީގައި ދިރިއުޅުމުގެ ކުޑަވެސް ޝައުގުވެރިކަމެއް ނެތެވެ. އެހެންނަމަވެސް މުއްސަނދިކަމާއި 'ލަގްޒަރީ ލައިފް'ގެ އާދައެއް ނުހިފި އެވެ. ފަހަދުއާއެކު ދުވަސްކޮޅަކު އުޅެލުމަށް މާލެ މި އައީ ވަރަށް ދުވަސްކޮށްލާފަ އެވެ.

ދެން ބުނަން އޮތީ އަހަރެންގެ އެކުވެރިޔާގެ ކޮންމެ ކަމެއް އޭނާގެ ކޮންމެ ހަރަކާތެއް އަދި އޭނާގެ ކޮންމެ ނިންމުމެއް އަހަންނަށް ކަމުދާނެ ވާހަކަ އެވެ. އެކަމަކު އޭނާއާއި އެއް ކޮޓަރިއެއް ނުވަތަ އެއް އެޕާޓްމެންޓެއް ހިއްސާކުރާހައި 'ލޯތްބެއް' ނުވެ އެވެ. 'އެކުވެރި ދިރިއުޅުމުގައި' ފެންނަ ކަންކަން ތަހަންމަލް ކުރާނެ ކުޅަދާނަކަން އަހަރެންގެ ކިބައިގައި ނުހުންނާތީ އެވެ. އެކަމަކު އޭނާއާއި އެއް ބިމެއްގައި، ދުރުގައި އުޅުމަކީވެސް އަހަންނަށް އެހައި ފަސޭހަކަމެއްވެސް ނޫނެވެ. އެހެންވީމަ މިގޮތްވެސް ގޯހެއް ނޫންކަމަށް ގަބޫލުކުރަމެވެ.

މިތަނުގައި، މި ދޮރު ކުރީމަތީގައި ކޮޅަށް ހުންނާން މިޖެހުނީ އަހަރެންގެ ސަބަބުންނެވެ. މާލޭ އެޕާޓްމެންޓްތަކުން، ކޮންމެވެސް އެއް ތަނެއް އަހަރެން ހުރުމަށް ހަމަޖައްސައިދޭން ފަހަދު ގާތުގައި އެދުނީ އަހަންނެވެ. ދުރާލައި ތަޅުދަނޑި ހޯދުނު ނަމަ، ފޮށިތަކާއި ދަބަހާއިއެކު މިހައި އިރުވާންދެން ކޮޅަށް ހުންނާކަށް ނުޖެހުނީހެވެ.

ދޮރުގައި ތަޅަން މިހެން ހުންނަތާ، ދިހަވަރަކަށް މިނެޓް ވެއްޖެ އެވެ. އިތުރަށް ބެލް އަޅާކަށް ބޭނުމެއް ނޫނެވެ. ރުޅިގަދަވާން ފަށައިފި އެވެ. އަމިއްލަ ކަންފަތަށް އިވޭވަރަށް ކުދިކިޔަންވެސް ފަށައިފީމެވެ. މި ދޮރު އޭނާ ޖެހޭނީ ހުޅުވާށެވެ. އަތުގައި ހުރި ބާރެއް ލާފައި ތަޅައިގަތީމެވެ. 

"މި ދޮރު ވައްޓާނުލަނީސް ހުޅުވާ.." އަހަރެން ހަޅޭއްލަވައިގަތީމެވެ. 

ކުޑަކުޑައިރުކޮޅެއްފެ ފަހެވެ. ދޮރު ހުޅުވިއްޖެ އެވެ.  

އަޖައިބެކެވެ. މީހަކު ފެންނާކަށް ނެތެވެ. އޮޓޮމެޓިކުން ދޮރު ހުޅުވޭނެ އީޖާދެއް އޭނާކުރީ ކޮންއިރަކުބާ އެވެ؟

"މިހިލީ.. މިހިލީ ތިލީގައި'' އަހަރެންގެ ފައިބުޑަށް ބަލައިލުމަށް މަޖުބޫރުކުރާފަދަ އަޑެއް އިވުމުން ބަލައިލެވުނެވެ. 

ތިން ހަތަރު އަހަރު ނޫނީ ފަސް އަހަރުގެ ކުޑަކުޑަ އަންހެން ކުއްޖަކު ހުއްޓެވެ. ޅިނދުގެ ދެ ފަރާތުން އަތް ވިއްދާލައިގެން ބަލަހައްޓައިގެން ހުރީ އަހަރެންނާއި ދިމާއަށެވެ. 

ޖަނބު ކުލައިގެ، ފުފިފައިވާ ދެ ކޮލާއި ބޮޑު ދެ ލޮލާއި މުށިކުލައި އިސްތަށިގަނޑެއް މި ކުއްޖާއަށް ލިބިފައިވޭ އެވެ. ބޯ އައްސައިލާފައި ވަނީ ދެ ފަރާތަށެވެ. ހުދުކުލައިގެ އަތް ދިގު ޓޮޕްކޮޅަކާއި މަޑުމަޑު ފިޔާތޮށި ކުލައިގެ ފުއްޕި ސްކާޓެއްގައި އެ ދަރިފުޅު ކިތަންމެ ހާވެސް ފުރިހަމަ އެވެ. 

"ހޫ އަރ ޔޫ؟" އިނގިރޭސި އިނގޭނެކަމެއް ނުވަތަ ނޫންކަމެއް ނޭގެ އެވެ. ނަމަވެސް ބަލައިބެލުމަށް އެއީ ވިސްނުން ތޫނު ދަރިއެކެވެ.

"ހޫ ޔޫ" ޖަވާބެއް ނޫނެވެ. ލޯބި ލޯބި ސުވާލެކެވެ. 

މި ކުއްޖާއާއި ވާހަކަދައްކައިލުމުގެ ޝައުގުވެރިކަން އުފެދިއްޖެ އެވެ. ދޮރު ނުހުޅުވައިގެން ލިބުނު ނުތަނަވަސްކަންވެސް ފިލައި ހިނގައްޖެ އެވެ.

"މާލިކް، މާލިކް މުހައްމަދު" ހައިބަތު ދައްކާލާފައި އަހަރެން ބުނެލީމެވެ. ލޯ ކުޑަކޮށްލާފައި އަހަންނާއި ދިމާއަށް ބަލައިލީ ލޯބިގޮތަކަށެވެ.

"ވައި ޔޫ ހިއަރ؟"އަނެއްކާވެސް ސުވާލެކެވެ. އަހަރެންގެ 'ގޮތް' ދައްކައިލުމުންވެސް އެ ކުއްޖާއަށް ކުޑަވެސް ގުޑުމެއް ނައި އެވެ.  

"ހޫ އަރ ޔޫ؟"އަހަރެންވެސް ސުވާލު ކުރީމެވެ. މިފަހަރު ދެ ޖީބަށް އަތްވެސް ޖަހައިލީމެވެ. ދެ ބުމަވެސް މައްޗަށް ހިއްލާލީމެވެ.

ދެ ލޯ ކުޑަކޮށްލާފައި އަހަންނާއި ދިމާއަށް ބަލައިލި އެވެ. އަހަރެންގެ ކަށިމައްޗާއި ހަމައަށްވެސް މި ކުޑަކުޑަ އިންސާނާގެ ބޯ ނާރަ އެވެ. އެކަމަކު އަހަރެން މި ދެއްކި އެއްވެސް ޑްރާމާއަކުން ކުޑަވެސް އަސަރެއް އޭނާއަށް  ނުކުރި އެވެ.

"ފަހަދް'' ތަންކޮޅެއް ބާރަށް އަހަރެން ގޮވައިލީމެވެ. 

''ޔޫ ފަހޫ'ސް ފްލެންޑް؟" ވިސްނާލާފަދަ ގޮތެއް ދައްކައިލަމުން ސުވާލުކޮށްލި އެވެ.

"ޔެސް. އައި އެމް މާލިކް" އަހަރެން ބުނީމެވެ.

"ދިޒް ވޭ ޕްލީޒް" ކުޑަކުޑަ އިންސާނާ ދައްކައިލީ އަހަރެން ދާންވީ މިސްރާބެވެ. 

ހިނި އަންނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު މޫނުމަތީގެ ހިނިތުންވުން ފޮރުވާނީވެސް ކިހިނެއް ހެއްޔެވެ؟ ޗޮކެއް ކަނޑާލާފައި ކުޑަކުޑަ އިންސާނާ ފަހަތުން ކުރިއަށް ދިޔައީމެވެ.

ތިން ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް މިފަދަ ދަރަޖައެއްގެ ކުޅަދާނަކަމެއް ލިބިގެންވާނެ ކަމަށް މީހަކު ބުނިނަމަ އަހަރެން ގަބޫލެއް ނުކުރާނަމެވެ. އެކަމަކު ﷲގެ ކުޅަދުންވަންތަކަން ފެންނާން މިހުރީ އަހަރެންގެ ކުރިމަތީގަ އެވެ. 

ކުޑަކުއްޖާ އަހަރެން ގެންދިޔައީ ސިޓިންގ ރޫމްއަށެވެ.

"ބަހައްޓާ!" އެ ކުއްޖާ ބުނެލި އެވެ. 

ބުނާނެ އެއްޗެއް ނޭގި އަހަރެންގެ އަނގަހުޅުވުނެވެ. އޭނާގެ ލޮލުން ދައްކައިލީ އަހަރެންގެ ދެ ފޮއްޓާއި ދަބަހެވެ. ލޮލުގެ އިޝާރާތަށް ތަބާވުމަށް، އޭނާ ދެއްކި ތަނުގައި ފޮށިތައް ބެހެއްޓީމެވެ.

ކުއްލިޔަކަށް އަހަރެންގެ އަތުގައި ހިފައިލީ ޖެހިލުމެއް ނެތި އެވެ. 

އެ ގެންދަނީ ކޮޓަރިއަކާއި ދިމާއަށްކަން އެނގުނެވެ.

ކޮޓަރީގެ ކުރިމަތީގައި ހުރެފައި ކުޑަކުޑަ އަތުން ޓަކި ޖަހައިލި އެވެ. އެތެރެއިން ހަބަރެއް ނުވުމުން، ލޮލުން އަހަންނަށް އިޝާރާތްކޮށްލީ ދޮރު ހުޅުވުމަށެވެ. 'ކްރައިމް ޕާޓްނަރ'ގެ އިޝާރާތަށް އިޖާބަ ދިނުމަށް އެ ދޮރު އަހަރެން ހުޅުވީމެވެ. 

އެއީ އަހަރެންގެ އެކުވެރިޔާގެ ކޮޓަރި އެވެ. އަނގަ ހުޅުވައިގެން ގަދަ ގުގުރީގައި ފަހަދު އެ އޮތީ ނިދާފަ އެވެ.

''ފަހޫހހހހ...'' އަޑަށް ލެވުނު ބާރެއް ލާފައި ފަހަދުއަށް ގޮވައިލީ ކުޑަކުއްޖާ އެވެ.

"އޯއި.. އޯއި.. އޯއި.. އަލިފާން ރޯވީތަ؟'' ތެޅިގެންފައި ފަހަދު ހޭލިގޮތުން އަހަރެން ކައިރިއަށްވެސް ހިނިވެސް އައެވެ. 

ދެ ލޯފޮހެލާފައި ފުރަތަމަވެސް ފަހަދު ބަލައިލީ އަހަންނާއި ދިމާއަށެވެ. ދެފަހަރު، ތިން ފަހަރުވެސް އޭނާ ދެ ލޯ ފޮހުނެވެ. ދާދި ގާތުގައި މި ކުޑަކުޑަ އިންސާނާ ނެއްނަމަ އޭނާއަށް މިވަގުތު ހަތަރު އުދަރެސް ދައްކާލީމުހެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;