ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު ވިދާޅުވީ ރާއްޖެއަކީ ހަކަތަ އުފެއްދުމަށް މުޅިންހެން އިމްޕޯޓްކުރާ ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު މިދިޔަ އަހަރު އެކަނި ވެސް 10 ބިލިއަން ރުފިޔާ އެކަމަށް ހޭދަކޮށްފައިވާ ކަމަށެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ތެޔޮ އިމްޕޯޓް ކުރުމަށް ޖީޑީޕީގެ 10 ޕަސެންޓް ހަރަދުވި އެވެ.
ތޯރިގު ވިދާޅުވީ ތެލަށް ބަރޯސާވުން ކުޑަކޮށް، ރާއްޖެއިން ލިބެން ހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރަން ޖެހޭ ކަމަށެވެ. މި ދާއިރާއަށް އިންވެސްޓުކޮށް، މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ތޯރިގު ހިއްސާ ކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ދުވާލަކު 7،965 ފީފާ ޑީސަލް ބޭނުންވެ އެވެ. އަދި އަހަރަކަށް 2.9 މިލިއަން ފީފާ ޑީސަލް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ނެޝަނަލް އޮއިލް ރިޒާވެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ދުރު ރާސްތާއަށް ވިސްނައި ބައެއް ކަންކަން ކުރަން ރާވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގައި ތެލުގެ ނެޝަނަލް ރިޒާވެއް ގާއިމް ކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އެއް އަހަރު ދުވަހުގެ ތެލުގެ ރިޒާވެއް ގާއިމް ކުރަން މަސައްކަތް ފަަށާފައިވާ ކަމަށެވެ.
ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ގައުމަކަށްވުމާއެކު އެންމެ ފުރަތަމަ ދުނިޔޭގައި ހިނގާ ކަމަކުން ހާއްސަން އަންނަނީ ތެލަށެވެ. އަދި ކޮންމެ އަހަރަކު ރާއްޖެއަށް 900 މިލިއަން ޑޮލަރުގެ ތެޔޮ ރާއްޖެއަށް އެތެރެކުރަން ޖެހެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;