އަހަރެންގެ ކަންފަތަށްވެސް އެ އަޑު އަލެވެ. ލިބުނީ ޝޮކެކެވެ. އެވަރުގެ އެއްޗެއް އެބުނެވުނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ވައުދު އިއްވުން މިވަގުތަށް މުހިއްމު ހެއްޔެވެ؟ އާޝޯހްވެފައި ބަލައިލެވުނެވެ. އަނގަ ހުޅުވިފައި އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ތިބި ދެ މީހުންގެ ހާލަތު ދެރައެއް ނޫނެވެ.
"ދުވަހަކުވެސް ދެރަ ގޮތެއް ނުހަދާނަން؟" އެސްފިޔަވެސް ޖަހައިނުލައި ހުރެފައި ކައިރާ ސުވާލުކުރި އެވެ.
ކައިރާގެ ލޮލުގައިވީ އުއްމީދުގެ އަލިކަމުން އަހަރެން ބިރުގަތެވެ. އެއީ މަންމައެކެވެ. އޭނާގެ ހަގީގަތެއް ނުވަތަ އޭނާގެ ހަޔާތުން ޒައްރެއްގެ މިންވަރުވެސް އަހަރެންގެ މައުލޫމާތުގައި ނެތެވެ. އޭނާއަށް އެވަރުގެ ޔަގީންކަމެއް ދޭން، އަހަރެން މިއީ ކާކު ހެއްޔެވެ؟
މި ވެވުނީ ފުއްދިދާނެ ވަރުގެ ވައުދެއް ބާއޭ ހިތަށް އެރި އެވެ. ވަގުތާއި ހާލަތު ދެއްކި މަގު އަހަރެން އިހްތިޔާރު ކުރީމެވެ.
"ދުވަހަކުވެސް ދެރަގޮތެއް ނުހަދާނަން.. އުރައިލުމަށް އެދުނީ ބީނިޝް އަމިއްލައަށް ... އަހަރެން އުރާލުމާއެކު، ކޮނޑުގައި ބޯ އަޅާލާފައި ކަނދުރާގައި ދެ އަތް ވަށައިލީވެސް ބީނިޝް އަމިއްލަ އަށް.. ހޭލީމައި ސުވާލު ކުރިޔަސް އެންމެ ރަގަޅު!" އަހަރެންގެ ދިފާއުގައި ތެޅެގަނެވުނީ ކީއްވެކަމެއް ނޭގެ އެވެ.
ކޮންމެއަކަސް، އަހަރެންގެ ތެދުވެރިކަން ހާމަކޮށްދިނުމުގެ ޝައުގުވެރިކަން ބޮޑުވި އެވެ. ހިތް ތެޅެންފެށި ސަބަބެއް ނޭގުނެވެ.
"އެއްވެސް ކަމެއް ނޫން.. ކައިރާ ހަމަޖެހިލާ..! ފެންނަ ފެނުމަށް ހީވާނެ ވަރަށް ރުޅިގަދަ މީހެއްހެން.. އަސްލު އެންމެ ވައްތަރުވާނީވެސް 'އެންގްރީ ބާރޑް'އަކާއި..! އެކަމަކު ބިރު ނުގަނޭ..! މިވަގުތު ހުރި ސިފަވެސް ރަގަޅު..! ކޮންމެހެންވެސް ހެނދުނު އޭނާގެ ސިފަ ދެކެން ނޫޅޭތި! އެ މަންޒަރު ފެންނަ މީހަކު ސަލާމަތެއް ނުވާނެ.. ބުޅަލެއް ނޮޅާލާފައި އޮންނަ ކުނިވަށިގަނޑެކޭ، ތިހިރަ ބޮލެކޭ ތަފާތެއް ނުހުންނާނެ.." އަހަރެން ކުރިމަތީގައި ހުއްޓައި އަހަރެންނަކީ ޖޯކަރަކަށް ހަދަން މަގޭ އެކުވެރިޔާ ޖެހިލުމެއް ނުވި އެވެ. އޭނާގެ ހާއްސަކަމަކީވެސް އެއީ އެވެ.
ހަގީގަތުގައި ފަހަދުގެ އެ މަސައްކަތަށް މިފަހަރު އަހަރެން ރުހި ގަބޫލެވެ. ކައިރާގެ މޫނުމަތީން ފެނުނު ހިނިތުންވުން، އޭނާގެ މައާފުގެ ގޮތުގައި ފުދެ އެވެ. ދެރައީ އެ ހިނިތުންވުމުގެ އުފާވެރިކަން އޭނާގެ ލޮލާއި ހަމަޔަކަށް ނުފޯރީތީ އެވެ.
ކައިރާގެ ހިނިތުންވުން އިތުރަށް ދެކިލުމުގެ ޝައުގުވެރިކަން މި ހިތުގައި އުފެދިއްޖެ އެވެ.
ކައިރާ ހުއްޓުނީ އަހަރެންގެ ކުރިމަތީގަ އެވެ. ކޮނޑުގައި އޮތް ބީނިޝް ނެގުމަށްޓަކައި ދެ ފައިގެ އިނގިލިތަކުގެ ކޮޅު ޖައްސާފައި ހަށިގަނޑު އުފުލާލި އެވެ. އަދި ބީނިޝްއަށް ގޮވައިލާފައި އަތުގައި ފިރުމާލި އެވެ.
ކައިރާގެ މަސައްކަތް ކާމިޔާބެއް ނުވި އެވެ. ކުޑަކޮށް ތެޅިލާފައި ކުރިއަށް ވުރެން ބާރަށް އަހަރެންގެ ގައިގައި ބީނިޝް ބައްދާލި އެވެ.
އަނެއްކާވެސް ކައިރާގެ މަސައްކަތް ތަކުރާރު ކޮށްލި އެވެ.
'ނޯ،ނޯ' ބުނެފައި މިފަހަރުވެސް ބީނިޝް ބޮޑާ ހާކާލި އެވެ.
''ދަރިފުޅާ، ބީނިޝް.. މިއީ މަންމަ" ކުޑަކުޑަކޮށް ފަހަތަށް ޖެހިލަމުން ކައިރާ ބުނެލި އެވެ.
މަންމަގެ އަޑު އިވުމުން މަޑުމަޑުން ބޯ އުފުލާލި އެވެ. ބީނިޝްއަށް ކައިރާ ފެނުމާއެކު ނިދިގޮތަކަށް ހިނިތުންވި އެވެ. ހަމަ އެ ސިކުންތުގައި ބަލައިލީ އަހަރެންގެ މޫނަށެވެ.
މޫނުގެ ދެފަރާތުގައި ކުޑަކުޑަ ދެއަތުން ހިފަހައްޓާލި އެވެ. ވަކިވަކިން އަހަރެންގެ ދެ ކޮލުގައި ބޮސްދިނީ، ގައިގެ ހުރިހައި ލޯލިތަށް ކޮޅަށް ޖައްސުވައިލައިފަ އެވެ.
ޔަގީނެވެ. ދުނިޔޭގައި ކޮންމެވެސް މިންވަރަކަށް ހެޔޮކަންކަން ކުރެވިއްޖެ އެވެ. އެހެން ނޫންނަމަ މިވަރުގެ އުފަލެއް ﷲތައާލާ އަހަންނަށް މިންވަރު ނުކުރެއްވީހެވެ. އަލްހަމްދު ލިއްލާހި އެވެ! މި ހިނދުކޮޅު އަހަރެންގެ ހަޔާތުން ދުވަހަކުވެސް ފަނޑުވުމަށް ނޭދެމެވެ.
''މަންމާ''
ކުޑަކުޑަ އަޑުން މަންމައަށް ގޮވައިލި އަޑާއެކު ހަމަބިމަށް ތިރިވެވިއްޖެ އެވެ. އަހަރެންގެ ދެ ލޯ ފެންކަޅިވެފައިވާ މަންޒަރު އެހެންމީހުންނަށް ދައްކާކަށް ބޭނުމެއް ނޫނެވެ.
"މަންމަގެ ދަރިފުޅަށް އަރާމުކޮށް ނިދުނުތަ؟" ދަރިފުޅުގެ މޫނުގައި ނުހަނު ލޯބިން ފިރުމަމުން ކައިރާ ސުވާލުކޮށްލި އެވެ.
"ހޫމްމްމް.. ޔޫ ބްލިންގ މީ މާޝްމެލޯ ކުކީ؟"
"ޔެސް"
މަންމައާއި ދަރިފުޅުގެ ކުޑަކުޑަ ވަގުތުކޮޅެކެވެ. ކުދިކުދި ދަތްތައް ދައްކާލާފައި ލޯބިލޯބި ބީނިޝް ހީލި އެވެ. އެ ބޮޑު ދެ ލޮލުގެ ވިދުން ގަދަވި އެވެ. އެއީ އުފާވެރިކަމާއި ޝުކުރުވެރިކަމުގެ ބެބުޅުމެކެވެ.
"މަންމާ.. ޔޫ މީޓް މާ...؟ އުމްމްމްމމ..؟މމ..؟ އުމްމްމްމމ.. މަންކީ؟" އަހަންނާއި ދިމާއަށް އިޝާރާތްކޮށްލާފައި ބީނިޝް ސުވާލުކުރި އެވެ. އަހަރެންގެ ނަން ހަނދާން ވޭތޯ ބީނިޝް ވަރަށް މަސައްކަތްކުރި އެވެ.
އެކަމަކު، އެ ދިނީ ކޮންފަދަ ނަމެއް ހެއްޔެވެ؟
"މާލިކް! މަންމައާއި މާލިކް ބައްދަލުވެއްޖެ.." އަހަރެންގެ ނަމުގެ ފުރިހަމަކަން މިނޫނީ އިހްސާސެއް ނުވެ އެވެ. ކައިރާގެ ދުލުން އަހަރެންގެ ނަން ބުނެލި އަޑު ދުވަހަކުވެސް ފަނޑު ނުވާނެ އެވެ.
ކައިރާ ވާހަކަދެއްކީ މަޑުމަޑުން ނުހަނު ލޯބިންނެވެ. މި ދެމައިންގެ ވަގުތުތަކަށް ބަލަހައްޓައިގެން ކިތަންމެ އިރަކުވެސް އިނދެވިދާނެ އެވެ.
"މާލިކް؟"
ޔަގީން ނުވެގެން ބީނިޝް ސުވާލުކުރި އެވެ. އަހަރެންގެ ނަން ކިޔަން ބީނިޝްއަށް ފަސޭހައެއް ނޫނެވެ.
"ސްވީޓީ، ޔޫ ކޭން ކޯލް މީ މަންކީ އިފް ޔޫ ވޯންޓް!" ބީނިޝް ބޭނުންނަމަ، އަހަރެންގެ ނަމުގެ ބަދަލުގައި 'މަންކީ' ކިޔުމުގެ ހުއްދަވެސް އަހަރެން ދިނީމެވެ. މި ދެ މައިންނަށް ދުނިޔޭގެ ހުރިހައި އުފަލެއް ހައްގެވެ.
"ޕްލޮމިސް؟"
"ޕްރޮމިސް" އަހަރެންގެ އިޒުނަ ޔަގީންކޮށްލަން ބީނިޝް އެދުނީތީ އެ ޔަގީންކަން ތަކުރާރުކޮށްލީމެވެ.
އަހަރެންނާއި ބެހޭގޮތުން ބީނިޝްގެ މަންމައާއި ވާހަކަދައްކާން ފެށުމުން، އެ ދެ މައިންނަށް އަހަރެންގެ ޝައުގުވެރިކަން ހުއްޓާލީމެވެ. އަހަރެން ވަރަށް ކަމުދާ ކަމާއި އަހަރެންނާއެކު ބީނިޝް ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާގެ މަންމަ ގާތުގައި ބުންޏެވެ.
އަހަރެންގެ އިހްސާސަކީވެސް އެއީކަމުގައި މި ކުޑަކުޑަ ބީނިޝްއަށް ވިސްނައިދިނީމެވެ.
މަންމަގެ އަތު ތެރެއިން ނިކުމެގެން އައިސް ބީނިޝް ބައްދައިލީ އަހަރެންގެ ފައިގަ އެވެ. އޭނާއާއި އެއްހަމައަށް އަހަރެންވެސް ތިރިވީމެވެ.
މަންމައާއިއެކު ގެއަށް ނުގޮސް މި ގޭގައ މަޑުކުރުމުގެ އިޒްނައަށް އެދުނީ ވަރަށް ލޯބިންނެވެ. ނަމަވެސް ކައިރާ އެކަމަށް އިންކާރުކުރި އެވެ. އެހެން ކޮންމެވެސް ވަގުތަކުން އަންނާނީކަމާއި މަންމައާއެކު ކުކީޒް ހަދަން ދާންވީކަމުގައި ބުނުމުން، އަތްތިލަބަޑިޖަހާފައި ފުންމަން ފެށި އެވެ. ކުކީ ކެއުމާއި ކުކީ ހެދުމަކީ ބީނިޝްއަށް ވަރަށް މުހިއްމު ކަމެއްކަން އަހަންނަށްވެސް އެނގިއްޖެ އެވެ.
މި ދެމައިންނާއި ބައްދަލުވާ މީހަކު، ދެމައިންގެ ލޯބީގެ ޖާދޫގައި ނުޖެހި ސަލާމަތެއް ނުވާނެކަން ޔަގީނެވެ. ބަލައި ފޫހިނުވާ މަންޒަރެކެވެ. ހަމައެކަނި ބީނިޝްއެއް ނޫނެވެ. އޭނާގެ މަންމަވެސް ނުހަނު ޝައުގުވެރިވެފައި ވަރަށް ލޯތްބެވެ.
އަހަރެންގެ ހަޔާތުގައި ކިތަންމެ އަންހެން ކުއްޖެއްގެ އިރު އޮއްސިއްޖެ އެވެ. އެއިން އެއްވެސް ކުއްޖަކަށް މިވަރުގެ ޝައުގުވެރިކަމެއް އުފެދިފައެއް ނެތެވެ.
އިތުރަށް އެނގި ފަރިތަވެ، ރަހްމަތްތެރިކަމުގެ ހާރު، ކައިރާއާއި އެކު ގަތާލަން ބޭނުމެވެ. މިއީ އަހަރެންގެ މިޒާޖެއްވެސް ނޫނެވެ. އެކަމަކު މިއީ ކުލަ ފަނޑުވުމަށް ނޭދޭ ހިތްގައިމު މަންޒަރެކެވެ.
"ބައި ބައި މަންކީ" އެ ލޯބި ބުނެލުމަށް، އެފަދަ ކިތަންމެ ނަމަކަށް ހުއްދަ ދިނުމަށް އަހަރެން ތައްޔާރެވެ.
"ބާއި ސްވީޓީ"
ޓާޓާ ކިޔާލާފައި ހިނިތުން ވެވުނީ، މޮޔައެއް ފަދައިންކަމަށްވެސް ވެދާނެ އެވެ. ލަދު ގަތީ ކޯތާފަތުން ހޫނުކަން އިހްސާސްވުމުންނެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;