ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއްކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.
މި މައުޟޫއަށް ސްވިޓްޒަރލަންޑްގެ ޖެނީވާގައި މިއަދު ބޭއްވި އދ. ގެ އިންސާނީ ހާއްގުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ކުއްލި ބަހުސްގައި ވާހަކަފުޅުދައްކަވަމުން، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ އިސްރާއިލްއާއި އެމެރިކާއާ ގުޅިގެން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މީގެ އިތުރުން، އެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކޮށް، އެ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެ އިން ގޮވާލާފައި ވެއެވެ.
މިއީ މި ހަފުތާގެ ތެރޭގައި އދ ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީގައި ތާވަލުކުރެވުނު ދެވަނަ ކުއްލި ބަހުސެވެ. ފުރަތަމަ ބަހުސް ބާއްވާފައިވަނީ މާޗް 25 ގައެވެ. އެއީ، 28 ފެބުރުވަރީގައި ސައުދީ އަރަބިއްޔާ، ގަތުރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ކުވައިތު، އޮމާން، ބަހްރެއިން، އަދި ޖޯޑަން އާ ދެކޮޅަށްދޭ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ.
މި ދެ ބަހުސްގައިވެސް ރާއްޖެއިން ބައިވެރިވެ ތަގުރީރުކޮށްފައި ވެއެވެ. އަދި، މި ތަގުރީރުތަކުގައި، އދ. ގެ މަންޝޫރަށާއި ބައިނަލްއަގްވާމީ އެކި މުއާހަދާތަކަށް ރާއްޖެއިން ކުރާ އިޙްތިރާމާއި، އެ ކަންކަމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށް، ރާއްޖޭގެ ސިޔާސަތުތައް ވަނީ ބަޔާންކޮށްދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;