ރޭ އެމްޑީޕީ އިން ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރަކާ އެއްކޮޅަށް މަޖިލީހަށް އަގުލަބިއްޔަތު ދިނީމަ ވާގޮތް މިއަދު ފެންނަ ކަމަށާއި މިއަދު ފެންނަމުންދަނީ ރެޔާ ދުވާލު ނިޒާމުތައް ފުނޑުކޮށްލާ މަންޒަރާއި ބާރުތައް ޖަމާކުރަމުންދާ މަންޒަރު ކަމަށެވެ.
އެހެންކަމުން ހަމައެކަނި މިސަރުކާރު ޖަވާބުދާރީ ކުރެވެން އޮތް ގޮތަކީ ރައްޔިތުންގެ އަތް މައްޗަށް މި އަރާ ކަރުދާސްކޮޅު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހު ބާއްވާ ލޯކަލް އިންތިހާބަށް ފުވައްމުލަކުން ވަނީ ގޮތް ނިންމައިފަ އެވެ. އެއީ އޭޕްރީލް 4 ވަނަ ދުވަހު މުޅި ޕީއެންސީ އަށް ނޫނެކޭ ބުނާތަން ފުވައްމުލަކުން ފެންނަ ކަމަށެވެ.
ސޯލިހު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މި ގައުމަށް ފައިސާ ހޯދަން ދަތި ނޫން ކަމަށެވެ. އެގޮތުން އޭރު ލޯނު ވެސް ލިބޭ ކަމަށާއި، ހިލޭ އެހީއާއި އާމްދަނީ ވެސް ލިބޭ ކަމަށެވެ. ނަމަވެސް މިއަދު މިއޮތް ސަރުކާރަށް އެއިން އެއްވެސް ކަމެއް ނުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރޭ ސޯލިހު ވަނީ އެމްޑީޕީން ގަބޫލު ކުރަނީ ރާއްޖެ ތަރައްގީ ކުރެވޭނީ އަދި ރާއްޖެ ހިންގޭނީ ވެސް ލާމަރުކަޒީ ނިޒާމުން ތަންތަން ތަރައްގީކޮށް، ބާރުތައް ދޫކޮށްލައިގެން ކަމަށް ބުނާ ބުނުން ވެސް ތަކުރާރު ކުރައްވާފަ އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ގޮތުން ވެސް ސޯލިހު ރޭ އަލިއަޅުއްވާލެއްވި އެވެ. ވިދާޅުވީ އެ ވޯޓަށް ރައްޔިތުންގެ ތެރެއިން %60 މީހުން ނޫނެކޭ ބުނާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ނިޔަތް، އެއްވެސް ހާލެއްގައި ނެތް ކަމަށެވެ. ހަރަދު ކުޑަކުރަން ބޭނުން ނަމަ ސިޔާސީ ވަޒީފާތައް ދިނުމާއި ކުންފުނިތަކަށް ކުރާ ހަރަދުތައް ހުއްޓާލެވުނީސް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އަތުގައި އޮތް ބަސްބުނުމުގެ ބާރަށްޓަކައި އަދި ހެޔޮވެރިކަމެއް އަލުން ގާއިމު ކުރުމަށް، އެ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;