
ނޭޝަނަލް އެމެޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ ހެރެތެރަ ރިސޯޓަކީ ބިމުގެ ގޮތުން އައްޑޫއާ ގުޅިފައިވާ ތަނެއް ކަމަށާއި އެގޮތުން މަގުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް ސެކިއުރިޓީ މިހާރު ވަރުގަދަކޮށްފައިވާ ކަމަށެވެ.
ހެރެތެރަ ރިސޯޓު ކަރަންޓީން ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން ފަސް ދިވެހި ފިރިހެނަކު ފިލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ އިރުއޮއްސުނުހާއިރެވެ.
މި ފަސް މީހުން ފިލި ހަބަރު ފުލުހުން ހިއްސާކުރިއިރު އޭގެ ތެރެއިން އެކަކު ވަނީ ފުލުހުން ހޯދާފަ އެވެ. އަދި އޭގެ ދެތިން ގަޑިއިރު ފަހުން ވަނީ އިތުރު ދެމީހަކު ހޯދާފަ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ރޭ ފަތިހު ވަނީ ބާކީ ތިބި ދެ މީހުން ވެސް ހޯދައި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި މީހުން ފެނުނީ ކޮން ތަނަކުން ކަމެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
ރާއްޖޭގެ ކަރަންޓީން ފެސިލިޓީއަކުން ބަޔަކު ފިލި މިއީ ފުރަތަމަ ފަހަރެވެ. އެކަމަކު ކަރަންޓީންއަށް ދާން ދެކޮޅު ހަދައި މީހުން ކަރަންޓީނަށް ގެންދިއުމަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ނެރެފައި އެބަ ހުއްޓެވެ.