އެނާޖީ ޑްރިންކެއް ބޯލާތާ އެންމެ 10 މިނެޓު ތެރޭގައި އޭގައި ހިމެނޭ ކެފެއިން ލޭގެ ތެރެއަށް އެތެރެވާން ފަށައެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ، ލޭގެ ޕްރެޝަރު މަތިވެއެވެ. އާދައިގެ ކޮފީ ތައްޓެއްގައި ހުންނަ ވަރަށް ވުރެ ތިން ގުނަ ނުވަތަ ފަސް ގުނަ އިތުރަށް ކެފެއިން މިފަދަ ބުއިންތަކުގައި ހުރެއެވެ. މިއީ ހަށިގަނޑުގެ ނާވަސް ސިސްޓަމަށް ކުއްލިއަކަށް ދެވޭ ވަރަށް ބޮޑު "ޝޮކެކެވެ."
ބުއިމަށްފަހު 45 މިނެޓުވާއިރު، ކެފެއިންގެ އަސަރު އެންމެ މަތީ ދަރަޖައަށް ފޯރައެވެ. މި ވަގުތު ތިބާއަށް ހަކަތަ ލިބި، ސިކުނޑި ތޫނުވިހެން ހީވި ނަމަވެސް، ހަގީގަތުގައި ފުރަމޭ ދަނީ ލޭގެ ތެރެއަށް އިތުރަށް ހަކުރު ދޫކުރަމުންނެވެ. 2017 ވަނަ އަހަރު ގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، އެނާޖީ ޑްރިންކްސް ބުއިމުން ހިތުގެ އިލެކްޓްރިކަލް އެކްޓިވިޓީއަށް ނޭދެވޭ ބަދަލުތައް އާދެއެވެ.
އެނާޖީ ޑްރިންކްސްގައި ހިމެނޭ ހަކުރުގެ މިންވަރަކީ ވެސް ބިރުގަންނަންޖެހޭ ވަރުގެ ކަމެކެވެ. އެއް ދަޅު ބުއިމުން، މުޅި ދުވަހަށް އިންސާނަކަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ހަކުރު ހަށިގަނޑަށް އެތެރެވެއެވެ. މީގެ ސަބަބުން ހަކުރު ބައްޔަށް މަގުފަހިވުމުގެ އިތުރުން، ދަތްތައް ފީވުމާއި ހަށިގަނޑު ފަލަވުމަށް މެދުވެރިވެއެވެ. އަދި ބުއިމުގެ އަސަރު ކެނޑޭ ވަގުތު މީހާ މާ ބޮޑަށް ވަރުބަލިވެ، މޫޑު ގޯސްވާ ގޮތްވެއެވެ.
ނަފްސާނީ ގޮތުން ބަލާއިރު، ގަވާއިދުން އެނާޖީ ޑްރިންކްސް ބޯ މީހުންގެ ކިބައިގައި ހާސްވުމާއި ، ނިދިނައުމުގެ މައްސަލަތައް ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ކެފެއިންގެ ސަބަބުން ސިކުނޑި އަބަދު "އެލާޓް" މޯޑުގައި ހުރުމުން، އަރާމުކުރަން ސިކުނޑިއަށް އުނދަގޫވެއެވެ. މީގެ އިތުރުން، މި ބުއިންތަކަށް ދެވިހިފުމަކީ ވެސް ކުރިމަތިވާ ބޮޑު މައްސަލައެކެވެ.
އެންމެ ނުރައްކާތެރި އެއް ކަމަކީ ބައެއް މީހުން އެނާޖީ ޑްރިންކްސް އާއި ބަނގުރާ އެއްކޮށްގެން ބުއިމެވެ. މިކަމުގެ ސަބަބުން ބަނގުރަލުގެ އަސަރު ހަށިގަނޑަށް ކުރާ މިންވަރު ދެނެގަންނަން އުނދަގޫވެ، "ވައިޑް-އަވޭކް ޑްރަންކް" ހާލަތަކަށް މީހާ ދެއެވެ. މިއީ މާރާމާރީ ހިންގުމާއި، އެކްސިޑެންޓްތައް ހިނގުމަށް އޮތް ވަރަށް ބޮޑު ހުއްޖަތެކެވެ.
ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް އެނާޖީ ޑްރިންކްސް ދިނުމަކީ މުޅި ދުނިޔޭގައި ވެސް މަނާކުރަމުން އަންނަ ކަމެކެވެ. އެކުދިންގެ ހަށިގަނޑަކީ އެހާ ގިނަ އަދަދެއްގެ ކެފެއިން އާއި ހަކުރު ތަހައްމަލު ކުރެވޭނެ ވަރުގެ ހަށިގަނޑެއް ނޫނެވެ. ވޯލްޑް ހެލްތް އޯގަނައިޒޭޝަން ) އިން ބުނާ ގޮތުގައި، އެނާޖީ ޑްރިންކްސް އަކީ އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ.
އެނާޖީ ޑްރިންކުން ލިބޭ "ޕަވާ" އަކީ އަސްލު އެއްޗެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑުގެ ބާރުތައް ގަދަކަމުން ދަމައިގަނެގެން ދައްކައިދޭ ވަގުތީ ކަމެކެވެ. ދިގު މުއްދަތުގައި މީގެ ސަބަބުން ހިތުގެ ބަލިތަކާއި، ކިޑްނީގެ މައްސަލަތަކާއި، އަދި ކުއްލި މަރާ ކުރިމަތިލާން ޖެހިދާނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;