ދެމައިން ދިއުމާއެކު ފަހަދުއަށް ބަލައިލީމެވެ. ލާނެއް ފާޑަކަށް ހިނިއައިސްފައި އަހަންނާއި ދިމާއަށް ބަލަހައްޓާއިގެން ހުއްޓެވެ. ކައިރާއާއި ދިމާއަށް އަހަރެން ބަލަމުންދިޔަ ގޮތްތައް ފަހަދު ފާހަގަކޮށްފިކަން ޔަގީނެވެ.
"ކުޑަކުދިންނާއި ވަރަށް ދުރު، ކުދިން އުރަން ނަފްރަތުކުރާ މީހެއްކަމަށް އެނގިފައި އޮތީ.. ނޫންތަ؟" ފަހަދު ބުނެލި އެވެ. ގަސްތުގައި ދިމާކޮށްލީ އެވެ.
ތެދެކެވެ. މީގެކުރިން ކުޑަކުއްޖަކު އުރި ހަނދާނެއް ނެތެވެ. އަހަންނަކީ ކުޑަކުދިންނާއި ރަހުމަތްތެރި ނުވަތަ އެކުދިންނާއެކު ކުޅެ ސަމާސާކުރާ މީހެއް ނޫނެވެ. އެކަމަކު މިއަދު މިވީ ކަންކަން ދޮގުކުރާނެ ޖާގައެއް ނެތެވެ. ފަހަދު ކުރިމަތީގައި ފަސޭހައިން އަމާންދޭކަށްވެސް ބޭނުމެއް ނޫނެވެ.
"ނޫނޭ.. ނޫނޭ.. ތިހެނެއް ނޫން.."ވާހަކަ އޮޅުވާލަން ނުވަތަ ދޮގެއް ހަދާލަން ނިކަން ހިތްވަރުކުރީމެވެ. އެކަމަކު ފަހަދުގެ ރޭހުގައި ކުރި ނުލިބޭނެކަންވެސް ދެނަހުރީމެވެ.
"ނޫނޭ.. ނޫނޭ.. އަދި ތިހެނެއްވެސް ނޫން.. ކިތަންމެ ފަހަރަކު އަހަރެން ގާތުގައި މާލިކް ބުނެފައި އެބަހުރި، ގާތުގައި ކުޑަކުދިން އުޅޭނަމަ އުނދަގޫ ވާ ވާހަކަ.. ދަތުރު ތަކުގައިވެސް ކުޑަކުދިން ތިބޭ ތަނަކުން ސީޓް ލިބިފައި އޮތަސް، އެ ސީޓްވެސް ފްލައިޓްތަކުން ބަދަލުކުރުވާ މީހެއް ތިއީ.."ދިމާކުރުން ހުއްޓާކަށްވެސް ފަހަދު ނޫޅުނެވެ.
ރިހުމަކަށް ނުބަލައި ބޮލުގެ ތަލަގަނޑުން، އިސްތަށި އުފުރާވަރުގެ ގާތް އެކުވެރިން ތިބުމުގެ ގެއްލުން މިވަގުތު އިހްސާސްވެއްޖެ އެވެ. ލަދުން އިސްޖަހައިލާކަށް ބޭނުމެއް ނޫނެވެ. ފިލަން ދުވެ ވަންނާނެ ހޮރެއްވެސް ފެންނާކަށް ނެތެވެ.
"ކީކޭ ކިޔަން ތިއުޅެނީ؟ ކޮބާ މައްސަލައަކީ؟" އިލްޒާމުން ރެކިލެވޭތޯ މަސައްކަތް ފެށީމެވެ. އެކަމަކު އަހަރެންގެ ކުރިމަތީގައި ހުރީ ފަހަދުކަން ހަނދާން ނައްތާލާކަށްވެސް ނުވާނެ އެވެ. ބެދުނު މަޅިޔަކުން ސަލާމަތްވިޔަސް މި ފިރިހެނާގެ އަނގައިން ސަލާމަތެއް ނުވެވޭނެ އެވެ.
"ބީނިޝް އުރާފައި، އަމިއްލަ ކޮނޑުގައި ބާއްވައިގެން ނިންދަވާފައި، އެވަރުން އަދި ނިންމާލީކީ ނޫނޭ..! ތި އޮތް އަގުބޮޑު ކޮލުގައި އުންމައެއް ދިނުމަށްވެސް ހުއްދަ ދީފި..!" އެއްބުމަ އަރުވާލާފައި އަނގަޔަށް ވައްތަރެއްޖައްސާލި އެވެ. އަހަންނާއި ދިމާކުރަން އިތުރަށް ތައްޔާރުވިހެން ހީވި އެވެ.
ބުނަން އެ އުޅޭ އެއްޗެއް އަހަންނަށް އެނގެ އެވެ. ފަހަދު އާއެކު އަހަރެން ދިޔަ 'ބިޒްނެސް މީޓިންގ'އެކެވެ. ޖެހިގެން އިން ގޮނޑީގައި ވިޔަފާރިވެރިޔަކު އިނީ އޭނާގެ ދަރިފުޅު އުނގައްލައިގެން ނެވެ. ނުރުހުނަސް، ހިތްހަމަ ނުޖެހުނަސް އެ ކުއްޖާއަށް ހިނިތުންވާން މަޖުބޫރުވި ކިތަންމެ ހާލަތެއް އެދުވަހު މެދުވެރިވި އެވެ. އެންމެ ފަހުން އަހަރެން ނުވިސްނާ އިންދައި އެކުއްޖާ އައިސް، ކޮނޑުގައި ކޮއްޓާލުމުން އަހަރެން ގުދުވި ވަގުތު، ކޮލުގައި 'އުންމައެއް' ދިނުން ވެގެން ދިޔައީ ބޮޑު ޒަލްޒަލާއަކަށެވެ.
އަހަރެން ބައިވެރިވާ އެއްވެސް ބައްދަލުވުމަކަށް ކުޑަކުދިން ނުގެނައުމަށް އަހަރެންގެ ޕަރސަނަލް އެސިސްޓެންޓްއަށް އެންގީމެވެ. އެ ދުވަހު ހަމަ އެތަނުން ތެދުވެގެން ގޮސް އަހަރެންގެ މޫނުން ހަން މެށެންދެން މޫނުވެސް ދޮވުނީމެވެ.
ފަހަދު ބުނަން އެ އުޅެނީ އެ ވާހަކަކަން ޔަގީނެވެ. އެ ސަފްހާ އަލުން އެއްލާން ފުރުސަތެއް ނުދޭނަމެވެ.
"ބޭކަރު ވާހަކަ ދައްކަން ނޫޅެ، އަހަރެންގެ ކޮޓަރި ދައްކަންވީނުން" ފޮއްޓާއި ދިމާއަށް ހިނގައިގަންނަމުން އަހަރެން ބުނީމެވެ.
"މާލިކް، އޭނާއާއިމެދު އެވަރަށް ހިތްހަމަޖެހުނީ ކީއްވެ؟"ވަރަށް ސީރިއަސްކޮށް ސުވާލުކޮށްލި އެވެ.
"އޭނާ؟ ކޯނަ؟" އަހަރެން ސުވާލުކުރީމެވެ.
"ނޭގޭކަމަށް ހަދަން ނޫޅޭ.. ބީނިޝްގެ ވާހަކަ މިދައްކަނީ..!" ފަހަދު ބޭނުންވާ ޖަވާބު ހޯދާފައި ނޫނީ އޭނާ ނުހުއްޓާނެ އެވެ.
"ތިއެއް ބުނާކަށް ނޭގެ ފަހަދު، ފަހަރެއްގައި ވެދާނެ އެހެން ކުދިންނާއި ބީނިޝް ތަފާތުވީ ކަމަށް.. އެހައި ފުރިހަމައަށް، ރީތި އަހުލާގު ދަސްކޮށްދީފައި ހުރި ކުއްޖަކު އަހަރެން ނުދެކެން... އެއީ ވަރަށް އަދަބުވެރި ކުއްޖެއް.. ގޮތް ހުންނަ، އެހެން މީހުންނަށް އިހްތިރާމްކުރާން ދަންނަ ވިސްނުން ތޫނު ކުއްޖެއް..!" މި ތަފުސީލަށް ފަހަދު އެއްބަސް ނުވާނެކަން އެނގިހުރެވެސް، ހިތަށް އެވަގުތު އައިގޮތަށް ބުނެލީމެވެ.
އަހަރެންގެ ޖަވާބު ފަހަދުގެ ނުތަނަވަސްކަމަށް ލުއެއް ނުދިންކަން އެނގިހުރެވެސް ފާޑަކަށް އަނގަ ހަދާލާފައި ދެ ލޯ ކުޑަކޮށްލި އެވެ.
ފޮއްޓާއި ދަބަސް ގެނެސް ކައިރިކޮށްލީމެވެ.
ބޭކާރު އަނގަ ނުތަޅައި އަހަރެންގެ ކޮޓަރި ދައްކާށޭ ބުނުމުން އަނގަމަތީގައި އަތް އަޅައިގެން ފަހަދު ހުނެވެ.
"މިއީ މާލިކްގެ ކޮޓަރި.." ފަހަދުގެ ކޮޓަރިއަކީ ކުރިން އޭނާ ނިދާފައި އޮތް ކޮޓަރި އެވެ. ދެން އެ ހުރީ އަހަރެންގެ ކޮޓަރި އެވެ.
"އާދަޔާ ހިލާފަށް ގިނައިން މި ބަޔަށް ބީނިޝް އަންނާނެ އިނގޭ.. އުއްމީދުކުރަން އެކަމުގައި މާލިކުގެ މައްސަލައެއް ނޯންނާނެކަމަށް" ތަފާތު ސީރިއަސް ރާގެއްގައި ފަހަދު ބުންޏެވެ.
އެކަމުގައި އަހަރެންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ހެޔޮ ހިތުން ބުނީމެވެ. ބީނިޝް ބޭނުން ކޮންމެ ވަގުތަކު އަންނަންވީ އެވެ.
އެކަމަކު އަހަރެންގެ ސުވާލެއް އެބައޮތެވެ. އެ ބާއްވައިގެން ބަނޑު ކުކުރުން ހަމަޔަކަށް ނޭޅުވޭނެ އެވެ.
"އާދަޔާ ހިލާފަށް ގިނައިން މިގެއަށް ބީނިޝް އަންނަނީ ކީއްވެ؟ އޭނާގެ މަންމަ ގޭގައި ނޫޅޭ ވަގުތު ގިނައީތަ؟" ޖަވާބު ބޭނުންވާ މުހިއްމު ސުވާލެކެވެ. ފަހަދުގެ ޖަވާބު ބޭނުމެވެ.
"ކައިރާ ގޭގައި ނޫޅޭ ވަގުތު ގިނައީކީ ނޫން..! ކައިރާއަކީ 'ވޯކް ފްރޮމް ހޯމް' އަންހެނެއް! އެކަމަކު ބައެއް ކަންކަމުގައި ބޭރަށްވެސް ދާންޖެހޭ.. ދެން އޮތް ސަބަބަކީ، މި ގޭގައި ބީނިޝް އުޅުމަކީ އަހަރެންގެ އެކަނިވެރިކަން ފިލާ ކަމެއް.. އޮފީސް މަސައްކަތްތަށް ކުރާ އިރުވެސް އިންނާނެ ކައިރިއަށް އަރައި.. ނުކުރާނެ އުނދަގުލެއް! ކިތަންމެ ތުއްތުކުއްޖަކަސް، މާޝާ ﷲ އެއީ ވަރަށް ވިސްނުން ތޫނު، ކުއްޖެއް.. އަހަރެންގެ މަސައްކަތަށްވެސް ވަރަށް އައިޑިއަރ ދޭނެ..!" ހުވަފެނީ ގޮތަކަށް ހިނިތުންވެފައި ފަހަދު ބުންޏެވެ. ލިބުނު ހައިރާންކަމުގައި އަނގަ ހުޅުވުނެވެ.
"އެއީ ހަތަރު އަހަރު ނޫނީ ފަސް އަހަރުގެ ކުއްޖެއް.. އިމާރާތްތައް ފަރުމާކުރުމުގައި ފަހަދުއަށް އެ ކުޑަކުޑަ ދަރިފުޅުގެ ކޮން އައިޑިއަރއެއް ބޭނުން ކުރެވޭނީ؟" އަޖައިބުވެފައި ސުވާލުކުރީމެވެ.
"ހަތަރެއް ނުވަތަ ފަސް އަހަރެއް ނޫން.. ބީނިޝްއަށް އެންމެ ތިން އަހަރު" އަހަރެންގެ މައުލޫމާތު ފަހަދު ރަގަޅުކޮށްލި އެވެ.
ބީނިޝް އައިސް، މިގޭގައި އުޅުމާއިމެދު އަހަރެންގެ އެއްވެސް މައްސަލައެއް ނެތްކަމަށް އިތުރަށްވެސް އެއްބަސް ކުރުވި އެވެ. އަހަރެންގެ ޖަވާބަކީ 'ކިތަންމެ އިރަކު ބީނިޝް އައިސް މިގޭގައި އުޅުނަސް، މިވަގުތަށް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް' ކަމަށެވެ. އެ ޖަވާބަށް ފަހަދުވެސް 'އޯކޭ' އެވެ.
ބީނިޝްއާއި އޭނާގެ މަންމައާއި ދިމާވި ވަގުތުން ފެށިގެން އަހަރެންގެ ހިތުގައި އުފެދުނު ސުވާލު ކޮށްލާން އެންމެ ރަގަޅު ވަގުތަކީ މިއީކަމަށް ގަބޫލުކުރެވުނެވެ.
"ފަހަދު، ބީނިޝްގެ ބައްޕަ ކޮބާ؟" އިވުނު ސުވާލާއެކު ފަހަދު ހުއްޓުން އެރި އެވެ. ނަމަވެސް ޖަވާބަށް ތައްޔާރުވި އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;