މަޝްހޫރު ބިއުޓީ މެގަޒިން "ބާޑީ" ގައި ފާހަގަކޮށްފައިވާ ގޮތުން، މިއީ ސެލޫނަކަށް ނުގޮސް ގޭގައި ވެސް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ޑިޒައިންތަކެކެވެ. މީގެ ތެރޭގައި މައިގަނޑު ތިން ސްޓައިލެއް ހިމެނެ އެވެ.
ފުރަތަމަ ސްޓައިލަކީ ސްކޫލް ޔުނީފޯމްތަކުގައި ހުންނަ ގޮޅި ކުރެހުންތަކުން އިންސްޕަޔާވެފައިވާ "ޕްލެއިޑް އެކްސެންޓްސް" އެވެ. މި ޑިޒައިން ހެދުމަށްޓަކައި ފުރަތަމަ ރަތް، ފިޔާތޮށި ނުވަތަ ކްރީމް ކުލައިގެ ބޭސްއެއް ނިޔަފަތީގައި ލާން ޖެހެ އެވެ. އެއަށްފަހު ތުނި ފިއްސެއް ނުވަތަ ނެއިލް އާޓް ގަލަމެއް ބޭނުންކޮށްގެން، ތަފާތު ކުލައަކުން ދިގަށް އަދި ހުރަހަށް ރޮނގުތަކެއް ދަމައި ގޮޅިތަކެއް ހަދާލާނީ އެވެ. މުޅި އަތް މާބޮޑަށް ގަދަ ނުކުރުމަށްޓަކައި، ކޮންމެ އަތެއްގެ ވެސް އެއް ނިޔަފަތި ނުވަތަ ދެ ނިޔަފަތީގައި އެކަނި މި ޑިޒައިން ކުރެހުމަށް އެކްސްޕާޓުން ލަފާދެ އެވެ.
ދެވަނަ ސްޓައިލަކީ ވިޔެފައި ހުންނަ ސްވެޓާއެއްގެ ޓެކްސްޗާ ނިޔަފަތިން ދައްކުވައިދޭ "ސްވެޓާ ނެއިލްސް" އެވެ. މި ލުކް ގެނައުމަށް ފުރަތަމަ ބޭސް ކުލަ ލުމަށްފަހު، އޭގެ މައްޗަށް މެޓް ޓޮޕް ކޯޓެއް ލާނީ އެވެ. އަދި ތުނި ފިއްސަކާއި ޖެލް ޕޮލިޝް ބޭނުންކޮށްގެން ސްވެޓާއެއްގައި ހުންނަ ފަދަ ކުރެހުންތައް ކުރަހާލާނީ އެވެ. މި ކުރެހުން ހިކުމުގެ ކުރިން، އޭގެ މައްޗަށް ކްލިއާ އެކްރިލިކް ޕައުޑާ ކޮޅެއް ބުރުވާލުމަށްފަހު ހިއްކާލުމުން ބޯކޮށް އިންނަ ތްރީޑީ ލުކެއް ނިޔަފައްޗަށް ލިބޭނެ އެވެ.
ތިންވަނަ ސްޓައިލަކީ ވަރަށް ސާފު އަދި އަގުބޮޑު ލުކެއް ގެނެސްދޭ "ކްލެސިކް ޕޮލިޝްޑް ލުކް" އެވެ. މި ސްޓައިލް ހެދުމަށް އަބަދުވެސް ހައި-ޝައިން ނުވަތަ ކްރޯމް ޓޮޕް ކޯޓެއް ބޭނުން ކުރަން ޖެހެ އެވެ. މީގެން ނިޔަފައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެވެ. ބާގަންޑީ ނުވަތަ ހުދު ކުލައިގެ ފްރެންޗް މެނިކިއާއެއް ހަދާ ނަމަ، ނިޔަފަތީގެ ކުރީކޮޅުގައި ލާ ކުލަ ވަރަށް ސާފުކޮށް އަދި ތޫނުކޮށް ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހެ އެވެ. މި ފިޔަވަޅުތަކާ އެކު ގޭގައި ވެސް ސެލޫން ފެންވަރުގެ ފުރިހަމަ ނެއިލް އާޓް ތައްޔާރުކޮށްލެވޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;