ads
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ރަސްމާލެއާ ގުޅުވައި ސިޔާސީ ވާހަކަ ދެއްކުމުން ހާރިޖީ ގުޅުންތަކަށް އަސަރުކޮށްފާނެ: އިރުތިޝާމް
ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ސިޔާސީ ގޮތުން ދައްކާ ވާހަކަތަކުގެ ސަބަބުން، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ނިސްބަތްވާ ޤައުމާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު އިރުތިޝާމް މިހެން ވިދާޅުވީ، ސަރުކާރުން ސިލްސިލާ ގޮތެއްގައި ބާއްވަމުން ގެންދާ އަހާ ފޯރަމްގެ މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ސިޔާސީ ގޮތުން ދެކެވޭ މިފަދަ ވާހަކަތަކުގެ ސަބަބުން އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް ދަތިކުރުމުގެ ފިޔަވަޅުތައް ކުރިމަތިވުމާއި، ރާއްޖެއަށް ލިބެންހުރި އިންވެސްޓްމަންޓްތައް ނުލިބުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ސިޔާސީ ގޮތުން ދެކެވޭ މިފަދަ ވާހަކަތަކެއްގެ ސަބަބުން ލިބޭ ގެއްލުން ޖީލުތަކަކަށް ދެމިގެންދިއުމަކީވެސް އެކަށީގެންވާ ކަމެއްކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ހިންގާ މަޝްރޫޢުތަކަށާއި އެކި ދާއިރާތަކުން ބޭރު ޤައުމުތަކުގެ އެހީތެރިކަން ލިބެނީ ޚާރިޖިއްޔާއިން އެ ޤައުމުތަކާ އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރާ މަސައްކަތުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް ދެކެވޭ ވާހަކަތަކުގެ ސަބަބުން، މިހާރު ގުޅުން ބަދަހިކޮށް އޮތް ޤައުމުތަކާ ދެމެދު އޮތް ގުޅުން ހީނަރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ދެއްވި އެވެ.

ދިވެހިރާއްޖޭން މިހާތަނަށް 186 ޤައުމަކާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އިތުރު ޤައުމުތަކާއެކުވެސް ގުޅުން ގާއިމުކުރުމަށާއި މިހާރު އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ހާރިޖީ ސިޔާސަތުގެ ދަށުން ދޭދޭ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާއިރު އެ ގުޅުމަށް އަސަރުކުރާނެފަދަގޮތަށް މަސައްކަތް ކުރުމަކީ އެ ޤައުމުތަކަށް ދަތުރުކުރުމުގައިވެސް ދަތިކަމެއް ކުރިމަތިވެދާނެ ކަންކަން. ރައްޔިތުން ބޭރު ޤައުމުތަކަށް ދަތުރުކޮށް އުޅޭއިރު ދިވެހިރާއްޖޭގެ ރީތި ނަމާއި ދިވެހިރާއްޖޭގެ އަޅުގަނޑުމެންގެ އައިޑެންޓިޓީ ހިފަހައްޓައި އެހެން ޤައުމުތަކުގެ އަދަބާއި އެ ޤައުމުތަކުގެ ޤާނޫނަށްވެސް އިހްތިރާމް ކުރައްވައިގެން ރާއްޖޭގެ ރައްޔިތުންނަށް އެ ލިބިފައިވާ ފައިދާތައް ނުގެއްލޭ ގޮތަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރަން،" މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއަކީ ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ހިންގޭ ބޮޑު މަޝްރޫޢެއްކަން ފާހަގަކުރައްވައި، މިއީ ރާއްޖެއަށް މުހިންމު ހިދުމަތްތަކެއް ލިބި، ޑޮލަރުގެ މައްސަލައަށް ހައްލެއް އައިސް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ މަޝްރޫއެއް ކަމަށްވެސް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް