ads
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު - ފޮޓޯ: ރައީސް އޮފީސް
އުތުރު ތިލަފަޅު ބްރިޖުގެ މަސައްކަތް މިދައުރުގެ ތެރޭގައި ބަޔާކައި ހަވާލުކުރަނީ
ތިލަފުށިން ފެށިގެން އުތުރުތިލަފަޅު (ޔޫޓީއެފް) އާ ހަމައަށް ބްރިޖަކުން ގުޅުވާލުމަށްޓަކައި ވާންޖެހޭ ޑިޒައިންގެ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށާއި، މި ދައުރުގެ ތެރޭގައި އެ މަޝްރޫއު ކޮންޓްރެކްޓަރަކާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށުމަކީ ސަރުކާރުގެ ޓާގެޓެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
Advertisement

ވަޒީރު މިހެން ވިދާޅުވީ "އަހާ" ފޯރަމްގައި، ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރެވޭނެ ތާރީޚަކާ ގުޅޭގޮތުންނާއި ގިރާވަރުފަޅަށް ބްރިޖު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވޭތޯ އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ ތިލަފުއްޓާ ހަމައަށް މިހާރު ކުރިއަށްދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް މިހާރު އަންދާޒާކުރެވޭ ކަމަށެވެ.

އުތުރުތިލަފަޅާ ހަމައަށް ބްރިޖު ދިގުދަންމާލުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) މެދުވެރިކޮށް އެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ މީގެ ކުރިން ހަދާފައިވާ ކަމަށެވެ. ނަމަވެސް ބޭރުގެ ގައުމުތަކާއި މާލީ އިދާރާތަކުން ލޯނު ހޯދުމުގައި ހުރި ދަތިތަކާ ގުޅިގެން މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


"އެއާ އެއްކޮށް އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ އިގުތިސާދީ ހާލަތު ރަނގަޅުވެ ލޯނު ލިބެންވާއިރަށް ބޭނުންވާ ހުރިހާ ޓެކްނިކަލް މަސައްކަތެއް ކޮށްފައި ބެހެއްޓުން. އެހެންވީމާ އަދިވެސް އަޅުގަނޑުމެންގެ ޓާގެޓަކީ މިދައުރުގެ ތެރޭގައި އެ ކޮންޓްރެކްޓަރަކާއި ހަވާލުކުރެވިގެން މަސައްކަތް ފެށުން،" މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.


ވަޒީރު އިތުރަށް ވިދާޅުވީ، މާ ލަސްތަކެއް ނުވެ މި މަޝްރޫއުގެ ޑިޒައިން މަސައްކަތް ފެށުމަށްޓަކައި ކޮންސަލްޓަންޓުން ނުވަތަ ކަމާބެހޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ރަސްމީކޮށް އިއުލާނުކުރައްވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް