އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓެޖީ މުހައްމަދު ސައީދު ވިދާޅުވީ އެފަދަ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި އަދި މިކަމާ ގުޅޭގޮތުން ބޭންކުގެ ފަރާތުން މީޑިއާއަކަށް އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއް ވެސް ހިއްސާކޮށްފައެއް ނުވާނެ ކަމަށެވެ.
ސައީދު ވިދާޅުވީ އެހެން ބޭންކުތަކެކޭ އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް، ހާއްސަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި ބީއެމްއެލްއިން ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށެވެ. މި ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށް ކަމަށާއި މީގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.
މިފަދަ ސިޔާސަތުތަކުގެ ތެރެއަށް ފެތޭ މުއާމަލާތްތައް ކޮރެސްޕޮންޑެންޓް ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ. އަދި މިފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ. އަދި ބީއެމްއެލްއިން އެ ނިންމުންތަކަށް އަމަލުކުރަން ޖެހެ އެވެ.
މިފަދަ ހަގީގަތާ ހިލާފު ހަބަރުތަކުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިޞާދަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާކަމަ އެ ބޭންކުން ދެކެއެވެ.