
ދިވެހި ބަހުގެ އެކަޑަމީއިން ބުނީ ދިވެހި ބަހުގެ އަދަބީ ހުނަރުތައް ދަސްކުރުމަށް ޝައުގު ހުންނަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުގެ ގޮތުން، އޮންލައިން ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން، ހުރިހާ އުމުރު ފުރާއަކަށް ހުޅުވައިލައިގެން ނާވިލު ލިޔުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކްލާހަކާއި، ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކްލާހެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
ދިވެހި ބަހުގެ އެކަޑަމީން ބުނެފައިވާ ގޮތުގައި ނާވިލު ލިޔުމުގެ ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ކްލާސްތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އޮންލައިންކޮށް ކުރިއަށް ގެންދެވޭ މި ކްލާހުގެ މުއްދަތަކީ 20 ގަޑިއިރު ކަމަށް ވެސް އެ އެކަޑަމީ އިން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން، ވާހަކަ ދެއްކުމުގެ ހުނަރުތައް ދަސްކޮށްދޭ ކްލާސްތައް މިމަހުގެ 20 ވަނަ ދުވަހުގައި ފެށުމަށް ނިންމާފައިވާއިރު، މި ކޯހުގެ މުއްދަތަކީ ފަސް ގަޑިއިރު ކަމަށް އެކަޑަމީން ބުނެ އެވެ.
ޝައުގުވެރިކަން ހުންނަ ފަރާތްތަކުން ބައިވެރިވާން އެދޭ ފޯމް މި މަހުގެ 12 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ހުށައެޅުމަށް ދިވެހި ބަހުގެ އެކަޑަމީން ވަނީ އެދިފަ އެވެ. އަދި ކްލާސްތަކާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ 7986230 އަށް ގުޅުމަށް ބަހުގެ އެކަޑަމީން އެދެ އެވެ.
ދިވެހި ބަހުގެ އެކަޑަމީއިން ވަނީ ލޮކްޑައުންގައި ގޭގަ ތިބެން ޖެހުމާއި ގުޅިގެން، ޅެން ހެދުމަށް ދަސްކޮށްދޭ އޮންލައިން ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފަ އެވެ. މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ އެ ކްލާސްތަކުގައި ބައިވެރިވާން ޝައުގުވެރިވާ މީހުން މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފޯމު ހުށައެޅުމަށް ވެސް އެދެ އެވެ.