ads
ދަރިފުޅު - ހަތް ވަނަ ބައި
އެޕިސޯޑް 7
Advertisement

ދޮރު ހުޅުވިގެން ދިޔައީ މަޑުމަޑުންނެވެ.

ދޮރުމަތީގައި އެ ހުރީ ބީނިޝް އެވެ.

އެތެރެއަށް ވަނުމުގެ ހުއްދަ އޮތް ތޯ ސުވާލުކޮށްލީ އިނގިރޭސި ބަހުންނެވެ. 

އަހަރެންގެ ހުއްދަ ލިބުމުން، ލޯބި ހިނގުމެއްގައި އެތެރެއަށް ވަދެއްޖެ އެވެ. އެނދާއި ދާދި ގާތަށް އައީ ލަސް ފިޔަވަޅުގައި އެވެ. ބީނިޝްގެ ކޮންމެ ހަރަކާތަށް އަހަރެން ސަމާލުވީމެވެ. 

ކޮންމެވެސް ވަރެއްގެ ޖެހިލުން ވުމެއް އެބަހުއްޓެވެ. ކުޑަކުޑަ ދެ އަތް ކަނދުރާ ދަށަށް ލައްވާލާފައި އެ ދިމާއަށް ބޯ އަރިކޮށްލި އެވެ. 

ހުވަފެނީ ގޮތަކަށް އަހަންނާއި ދިމާއަށް ބަލައިލި އެވެ. 

ހިނިތުންނުވެ ކެތެއްވެސް ނުވި އެވެ. ބަލަމުން ދިޔައީ ސީދާ އަހަރެންގެ ލޮލަށެވެ.

އެނދަށް އަރަން ބޭނުންތޯ  ސުވާލުކޮށްލީމެވެ. ނުހަނު އަވަސް އަވަހަށް ބޮލުން އިޝާރާތްކޮށްލި ވަގުތު ދެ ލޮލުގެ އަލިކަން ބަބުޅާލި އެވެ. 

އުފުލާލާފައި އެނދުގައި އަހަރެންނާއި ދާދި ގާތުގައި ބޭންދީމެވެ. ހަމަޖެހިލުމާއެކު އަހަރެންގެ އަތުގައި ލެނގިލައިފި އެވެ.

"ކެން އައި އާސްކް ޔޫ ސަމްތިންގ؟" ސުވާލެއް ކޮށްލުމުގެ އިޒްނައަށް އެދުނީމެވެ.

އުއްމީދީ ޖަވާބު ވަގުތުން ލިބުނެވެ.

"ޔޫ ވިލް ބީ މައި ފުލެންޑް؟" އެއީ ސުވާލެކެވެ.

މާނައަކީ ބީންޝްގެ ރަހްމަތްތެރިކަން ގަބޫލުކުރީތޯ ނުވަތަ އޭނާގެ ބެސްޓް ފްރެންޑަކަށް ވެވިދާނެތޯ ކަމެއް ނޭގެ އެވެ. ކޮންމެއަކަސް، ބީނިޝް އުއްމީދުކުރި ޖަވާބު އަހަރެންވެސް ދިނީމެވެ. ބީނިޝް ބޭނުންނަމަ ދެމީހުންގެ އެކުވެރިކަން ބަދަހިކުރެވޭނެކަމަށް  ބުނީމެވެ.

'ސިއްރު' ވާހަކައެއް  ބުނަން ބޭނުން ކަމަށް ބުނެލީ ވަރަށް ސިއްރުންނެވެ. އިތުރު މީހަކު އެތަނުގައި ނެތަސް، މި ލޯބި ލޯބި ދަރިފުޅު ވާހަދައްކަމުން ދިޔައީ ވަރަށް މަޑުންނެވެ. އެ ގޮތް އަހަންނަށް ވަރަށް ކަމުދިޔަ އެވެ. ބީނިޝްއާއި ހަމައަށް ތިރިވެލާފައި ކަންފަތް ދިއްކޮށްލީމެވެ.

"މަންމަ އިޒް މޭކިން މީ ކުކީސް" ވަރަށް ލޯބިކޮށް ވައި އަޑުން ކަންފަތް ބުޑުގައި ބުނެލި އެވެ. 

ކިތަންމެ ހިނިއަޔަސް، ބެސްޓް ފްރެންޑް ސިއްރެއް ބުނީމައި އެއަށް އިހްތިރާމްކުރާން އަހަރެން ވެސް ނިންމީމެވެ. 

މަންމައާއެކު ދިޔައީ މަންމައަށް އެހީތެރިވާން ކަމަށް ހީކުރިން ކަމުގައި ބުނީމެވެ. އެކަމަށް އެއްބަސްވެސް ވި އެވެ. އެކަމަކު ވަރަށް މަސައްކަތުން، ދެން ބީނިޝް ބުނެލި ޖުމުލަ އަހަރެންގެ ބަސް ހުއްޓުވާލި އެވެ.

"އައި ވޯޒް މިސިންގ ޔޫ" ބޮޑު ދެ ލޮލުގެ އެސްފިޔަތަށް ތަޅުވާލާފައި ބުނެލި އެވެ.

ﷲގަންދީ ބުނަމެވެ. މިވަރުގެ އުފާވެރިކަމެއް ދުވަހަކުވެސް އިހްސާސްނުވެ އެވެ. އަހަރެން 'މިސް ވާ ކަމަށް' ނުވަތަ އަހަރެން ނެތުމުގެ ހުސްކަން އިހްސާސްވާކަމަށް ނޫނީ އަހަރެންގެ ހަނދާނުގައި ވަގުތުތަށް ގުނާކަމަށް ދުވަހަކުވެސް މީހަކު ބުނެފައެއް ނުވެ އެވެ.

"ޔޫ މިސް މީ ޓޫ؟" އަމިއްލަ ހިޔާލްގައި ފީނަނިކޮށް އަތުގައި ކޮއްޓާލާފައި ބީނިޝް ސުވާލުކޮށްލި އެވެ.

"ވަރަށް ބޮޑަށް، ވަރަށް ވަރަށް ބޮޑަށް! އައި މިސްޑް ޔޫ ކަޕްކޭކް!" އަހަރެން މި ހެދީ ދޮގެއް ނޫނެވެ. އަހަރެންގެ ސިކުނޑި ގައިދުކޮށްފައި ވަނީ ބީނިޝް އާއި އޭނާގެ މަންމަ އެވެ. 

އުފާވެރި ހިނިތުންވުމަކުން ބީނިޝްގެ މޫނު ބަބުޅާލި އެވެ. ކުރިއަށްވުރެންވެސް އަހަންނާއި ގާތަށް ޖައްސާލީމެވެ. ކުއްލިޔަކަށް މޭ މައްޗަށް ފުންމާލާފައި، އަހަރެންގެ މޭގައި ބޯ އަޅައިލުމަށް ބީނިޝްގެ ކުޑަވެސް ތުނަނަވަސްކަމެއް ނެތެވެ. ދެ މީހުން ދެމެދުގެ މި ގާތްކަމަށް ޖެހިލުންވުމެއް ނެތުމުން އަހަންނަށް ލިބުނު އުފާވެރިކަން ބަޔާންކޮށްދޭކަށް ނޭގެ އެވެ. ހިތަށް އެރި އެވެ. އަހަރެންގެ އަމިއްލަ ދަރިއަކު ދުނިޔޭގައި ހުރިނަމަވެސް އުޅޭނީ ހަމަ މިހެންނެވެ.

ހަމަޖެހިލުމަށްފަހު ބީނިޝް ބަލަމުންދިޔައީ ބޭރަށެވެ. އަހަރެން ކޮޓަރީގައި ހުންނަ ބޮޑު ބިއްލޫރިގަނޑުން ވަރަށް ރީތިކޮށް ބޭރު ފެންނާނެ އެވެ. ދުރުން ފެންނާން އޮތް ރާޅުގަނޑުގެ ގުދުރަތީ ރީތިކަން އޭނާއަށް ހިތްގައިމީ އެވެ. ދަތުރުކުރަމުންދިޔަ ބައެއް އުޅަންދުފަހަރާއި ސިނަމާލެ ބުރިޖުގެ ހަލަބޮލި މަންޒަރުވެސް ހަގީގަތުގައި ވަރަށް ހިތްގައިމެވެ. މި އެޕާޓްމެންޓް އަހަރެން ގަތް، ސަބަބަކީވެސް ބޭރު ފެންނަލެއް ހިތްގައިމުކަމުކަމުންނެވެ. 

އަހަރެންގެ މޭ މަތީގައި ބީނިޝް ބާއްވައިގެން، އެއް އަތުން ބުރަކަށީގައި ފިރުމަމުން އަނެއް އަތުން ޓައިޕްކުރަން ފެށީމެވެ. އެވަގުތަށް ކޮންމެހެން ކޮށްލާންޖެހޭ މަސައްކަތަކަށް ވާތީ އެވެ.

"ސްވީޓީ، ސުވާލެއް ކޮށްލައިފިއްޔާ، އެ ސުވާލުގެ ޖަވާބު ދޭނަންތަ؟" ވަރަށް ލޯބިން އަހަރެން އަހައިލީމެވެ.

"އޫމްމްމް.. ޔެސް!" އެއްބަސްވި އެވެ.

"ހައު އާ ޔޫ؟" ބީނިޝްގެ ހާލު ކިހިނެއްތޯ އަހަރެން ސުވާލުކުރީމެވެ. އެއިގެ ޖަވާބު ވަރަށް މުހިއްމުވާތީ އެވެ.

އިވުނު ސުވާލާއެކު، އަހަރެންގެ މޫނު ފެންނަ ގޮތަށް އެނބުރެލި އެވެ. ހަމަޖެހިލާފައި އަހަރެންގެ މޫނަށް ބަލައިލި އެވެ.

ހިމޭން ވަގުތުކޮޅެކެވެ.

"އަ'އެމް އޯކޭ" ވިސްނާލާފައި ބުންޏެވެ.

އެ ޖަވާބު އަހަންނަށް ކަމަކުނުދިޔަ އެވެ. އެއީ ރިހުމުން ފުރިގެންވީ ބުނެލުމެކެވެ.  އެ ލޮލުގައިވާ ރިހުން، އަހަރެންގެ ހިތާއި ހަމައަށް ފޯރައިފި އެވެ. ހަގީގަތުގައިވެސް ބީނިޝްގެ ހާލު ރަގަޅުތޯ ދެވަނަ ފަހަރުވެސް  ސުވާލުކުރީމެވެ. 

މިފަހަރު ޖަވާބެއް ނުދިނެވެ. ބީނިޝްގެ ހިމޭންކަން އަހަންނަށް ކަމުނުދިއަޔަސް، އަހަރެންވެސް ހިމޭންވީމެވެ.

"އައި ލައިކް ޔޫ މަންކީ" ކުޑަކުޑަ އަޑުން މަޑުމަޑުން ބުނެލި އެވެ. ވައި ރޯޅިއަށް އެއަޑު ސިއްރުވިޔަސް އަހަރެންގެ ހިނދުރިއާއި ހަމައަށް ފޯރައިފި އެވެ.

"އައި ނޯ ޕްރިންސެސް" އަހަރެން ބުނީމެވެ.

"އައި ޓްލައި ޓު ބީ އޯކޭ!" އަޑު އަހަން ބޭނުންވި އެތި އިވިއްޖެ އެވެ. އެކަމަކު ތިން އަހަރުގެ ދަރިއަކު އެފަދަ އެއްޗެއް ބުނާއަޑު އިވުމަކީ މިހައި އަސަރުހުރި ކަމެއްކަން ކުރިން ނުދެކަހުރީމެވެ.

"ސަބަބު ބުނަން އެހައި ފަސޭހައެއް ނޫން ދޯ" އޭނާއަށް އެނގޭނެ ފަދައަކުން އަހަރެންވެސް އެހީމެވެ.  ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ. ކައިރާއާއި ފަހަދު، ބީނިޝްއާއި އާންމުކޮށް ވާހަކަ ދައްކަނީ އިނގިރޭސި ބަހުންކަން އަހަންނަށް ޔަގީންވެއްޖެ އެވެ.

ބީނިޝްއަށް ލިބޭ ކޮންމެ އުފަލެއް ހިއްސާކުރުމަށް ބުނީމެވެ. އަދި ކޮންމެ ރިހުމަކާއި ކޮންމެ ތަކުލީފެއް ހިއްސާކުރުމަށްވެސް އެދުނީމެވެ. ދެރަވާފަދަ ކަމެއް ދިމާވެއްޖިއްޔާ އެންމެ ފުރަތަމަވެސް އަހަރެން ގާތަށް އައުމަށް މި ދަރިފުޅަށް ބުނެދިނީމެވެ. ވަރަށް އުފަލުން އެކަންކަމަށް އެއްބަސްވެސް ވި އެވެ. ބަލިވެއްޖެނަމަ ލަސްނުކޮށް އަހަންނަށް ފޯނުކުރުމަށް ދަސްކޮށްދިނީމެވެ.

އަހަންނަށް ޔަގީންކުރެވުނީ އެންމެ ކަމެކެވެ. ދިވެހި ބަހަށް ވުރެން އިނގިރޭސި ބަހަށް ބީނިޝް ފަރިތަ އެވެ. އޭނާއަށް އޮޅުން ނާރާނެގޮތަށް ވާހަކަ ދައްކަން އަހަރެންވެސް އިސްކަން ދިނީމެވެ. އެކަމަކު އިނގިރޭސިބަހާއި އެއްވަރަށް ދިވެހި ބަސްވެސް ބީނިޝްއަށް ދަސްކޮށްދިނުމަށް އަޒުމު ކަނޑައެޅީމެވެ. 

ބީނިޝްއާއި ބެހޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަހަރެން ފެށީމެވެ. ލިބުނު ހައިރާންކަމުގައި އަހަރެންގެ ހަތަރެސް ފައި ފިނިވި އެވެ. 

ބީނިޝްގެ އެންމެ 'ފޭވަރިޓް' ކާއެއްޗިއްސަކީ އަހަރެންގެ ލިސްޓެވެ. އޭގައި އުނިކަމެއް ނުވަތަ އިތުރު ކުރުމެއްވެސް ނެތެވެ. މިފަދަ އިއްތިފާގެއް އަހަރެން ތަޖުރިބާއެއް ނުކުރަމެވެ. 

މި ހިތުގައި މި ދަރިފުޅަށްޓަކައި ލޯބި އުފެދި އާލާވަމުން ދިޔައީ، 'ޝޫޓިންގ ސްޓާރ'އެއް ދަތުރުކުރާ މިންވަރަށް ވުރެންވެސް ހަލުވިކަމާއެކު އެވެ. މިވަރުގެ މައުސޫމް ކުއްޖަކު މި ނޫނީ މި ވުޖޫދުގައި ވޭބާ އެވެ؟

މަންމައަށް ކޮފީ ވަރަށް މީރުވާނެކަމާއި އެކަމަކު ކޮފީ ބޯ ކޮންމެ ފަހަރަކު މަންމަ ވަރަށް ދެރަވާކަމަށް ބީނިޝް ބުނެދިނެވެ. ސަބަބާއިމެދު ސުވާލުކުރީމެވެ. ނަމަވެސް އޭގެ ހަގީގަތެއް ބީނިޝްއަކަށްވެސް ނޭގެ އެވެ. 

އެކަމަކު މަންމަ ދެރަ ވާތީ އެފަދަ ކޮންމެ ވަގުތެއްގައި ބީނިޝްވެސް ދެރަވާކަމަށް  ބުނެދިނެވެ.

އެއީ އެއްވެސް ކަމެއް ނޫންކަމާއި، އަހަރުމެން ދެމީހުންވެގެން ބީނިޝްގެ މަންމަ އުފާކޮށްދޭނީކަމަށް ބުނެ، އެ ދަރިފުޅުގެ ހިތްހަމަޖައްސައި ދިނީމެވެ.

އެއްޗެއް ނުބުންޏަސް، ބޮލުން އިޝާރާތްކޮށްލި އެވެ. އަހަރެންގެ ބުނުމަށް އެއްބަސް ވުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;