މި އޮޕަރޭޝަނަށް ގާތްގަނޑަކަށް 100،000 އެމެރިކާ ޑޮލަރު (1.5 މިލިއަން ރުފިޔާ) އާ ގާތްކުރާ އަދަދަކަށް މީހުން ހަރަދު ކުރަމުންދާ ކަމަށް ނިއުޔޯކް ޕޯސްޓުން ވަނީ ބުނެފަ އެވެ.
މި ސާޖަރީއަކީ ކޮލުގެ ތިރީގައިވާ ކުޅު އުފައްދާ ގްލޭންޑްތައް ކުޑަކޮށްގެން، ކަރުގެ ބައްޓަން ރީތިކޮށް ދަތްދޮޅި ހިމަކޮށްދޭ އޮޕަރޭޝަނެކެވެ. އުމުރުން ދުވަސްވުމުން ނުވަތަ ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބައެއް ބޭސްތަކުގެ ސަބަބުން މި ގްލޭންޑްތައް ބޭރަށް ނިކުމެ، ކަރުގެ ބައްޓަން ގެއްލޭ ގޮތްވެއެވެ. މި އޮޕަރޭޝަނުގައި އެ ގްލޭންޑްތަކުގެ ބޭރަށް ނިކުމެފައިވާ ބައި ކުޑަކޮށްލަނީއެވެ.
މި ފަރުވާއަށް އޮތް ތަރުހީބު އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ބަރުދަން ލުއިކުރާ ބޭސްތައް ބޭނުންކޮށްގެން ވަރަށް ބޮޑަށް ހިކޭ މީހުން އިތުރުވުމެވެ. ބަރުދަން ލުއިވުމުން ކަރުގެ ހަންގަނޑު އެލި، މި ގްލޭންޑްތައް ބޭރަށް ފެންނަން ހުރެއެވެ. ސޯޝަލް މީޑިއާގައި "ސްނެޗްޑް" ލުކްގެ ގޮތުގައި މަޝްހޫރުވެފައިވާ މި ބައްޓަން ހޯދުމަށް ގިނަ ބަޔަކު އަންނަނީ މި އޮޕަރޭޝަން ކުރަމުންނެވެ.
ނަމަވެސް، މިއީ ނުރައްކާތެރި ކަންތައްތަކެއް ވެސް އެކުލެވޭ ފަރުވާއެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މި ސަރަހައްދަކީ މޫނުގެ ނާރުތަކާއި މުހިއްމު ލޭނާރުތައް ހުންނަ ތަނަކަށް ވުމުން، އޮޕަރޭޝަން ކުރުމުގައި ގޯހެއް ހިނގައިފިނަމަ މޫނުގެ އެއްފަރާތް ވާގިނެތުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ. އެހެންކަމުން، މިފަދަ ފަރުވާތައް ހޯދުމުގައި ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ ހޯދުމަކީ މުހިއްމު ކަމެއް ކަމަށް މާހިރުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;