ޗައިނާގެ ބެއިހާންގް ޔުނިވާސިޓީގެ ދިރާސާ ޓީމަކުން އުފެއްދި "ޑިޓޭންގަލް" ނަމަކަށް ކިޔާ މި ފުނާ މީދަލުގައި ބޭނުންކޮށްގެން ކުރި ތަހުލީލުތަކުގައި ވަނީ 30 ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 100 ޕަސަންޓު އިސްތަށި އަލުން ފަޅުވައިދީފައެވެ. މި ދިރާސާގެ ހޯދުންތައް ވަނީ ސައިންސްގެ މަޝްހޫރު ޖާނަލްއެއް ކަމަށްވާ ނޭޗާ ކޮމިއުނިކޭޝަންސްގައި މި މަހު ޝާއިއުކޮށްފަ އެވެ.
މި ފުނާ މަސައްކަތް ކުރާ ގޮތަށް ބަލާއިރު، ފުނަލުގެ ދަތްތަކުގައި ހަރުކޮށްފައިވާ އިލެކްޓްރޯޑްތަކުން ބޮލުގެ ހަންގަނޑަށް މަޑު އިލެކްޓްރިކް ޕަލްސްތަކެއް ފޮނުވައިދެއެވެ. މީގެ ސަބަބުން ހަންގަނޑުގެ ބޭރު ފަށަލަ ހުޅުވި، އިސްތަށި ފޭބުމަށް މެދުވެރިވާ ހޯމޯން ކަމަށްވާ ޑައިހައިޑްރޯޓެސްޓޮސްޓެރޯން އުފައްދާ އެންޒައިމް ހުއްޓުވައިދޭ މާއްދާތައް ހަންގަނޑުގެ އަޑީގައި ހުންނަ އިސްތަށީގެ ބުޑުތަކާ ހަމައަށް ފަސޭހައިން ވާސިލުވެއެވެ. އާންމުކޮށް ހަންގަނޑުގައި އުނގުޅާ ބޭސްތަކަށްވުރެ ނުވަ ގުނަ ފުންމިނަށް މި ފުނާ މެދުވެރިކޮށް ބޭސް ފޯރުކޮށްދެވޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
ޖަނަވާރުން ބޭނުންކޮށްގެން ކުރި މި ތަހުލީލުތަކުގައި، އިސްތަށި ފޭބުމަށް މިހާރު އާންމުކޮށް ބޭނުންކުރާ މިނޮކްސިޑިލް ފަދަ ބޭސްތަކަށްވުރެ މި ފުނަލުން ލިބުނު ނަތީޖާ މާ ބޮޑަށް ވެސް ރަނގަޅެވެ. އެގޮތުން މިނޮކްސިޑިލް ބޭނުންކުރި ގުރޫޕުން 70 ޕަސަންޓު އިސްތަށި ފެޅިއިރު، މި ފުނާ ބޭނުންކުރި ގުރޫޕުން ގާތްގަނޑަކަށް 100 ޕަސަންޓު އިސްތަށި ވަނީ ފަޅާފަ އެވެ. އަދި މި ފަރުވާގެ ސަބަބުން ހަންގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން ވެސް ދިރާސާވެރިން ފާހަގަކުރެ އެވެ.
މި ދިރާސާ ކުރި ބެއިހާންގް ޔުނިވާސިޓީގެ ސައިންސްވެރިން ބުނި ގޮތުގައި، ޑިޓޭންގަލް ފުނާ މެދުވެރިކޮށް ދޭ އިލެކްޓްރިކް ޕަލްސްތަކަކީ އިސްތަށީގެ ބުޑުތައް އަލުން އާލާކޮށް، އިސްތަށި ފެޅުމަށް ބާރުއަޅާ ރައްކާތެރި އަދި ނަތީޖާ ނެރެދޭ ނިޒާމެކެވެ. މީގެ އިތުރުން، ހަމުގެ އެކި ބަލިތަކަށް ފަރުވާ ދިނުމުގައި ހަންގަނޑުގެ އެތެރެއަށް ބޭސް ފޯރުކޮށްދިނުމަށް ވެސް މި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ކަމަށް އެ ޓީމުން ބުންޏެވެ.
ދުނިޔޭގެ އާބާދީގެ 1.5 ބިލިއަނަށްވުރެ ގިނަ މީހުންނަށް ދިމާވެފައިވާ ތަލަވުމުގެ މައްސަލައަށް މިއީ އުންމީދީ ހައްލެއް ނަމަވެސް، މިއީ އަދި ހަމައެކަނި މީދަލަށް ކުރި ތަހުލީލެއްކަން ސައިންސްވެރިން ހަނދާންކޮށްދެއެވެ. އެހެންކަމުން، އިންސާނުންނަށް މި ފުނާ ބޭނުންކުރުމަކީ ރައްކާތެރި އަދި ފައިދާހުރި ކަމެއްތޯ ޔަގީންކުރުމަށް އިންސާނުންގެ ކްލިނިކަލް ޓްރަޔަލްތައް ހަދަން ޖެހޭނެ އެވެ.
ރެފަރެންސް:
ލިއު، އަދި އެހެން ބޭފުޅުން. (2026). ޑިޓޭންގަލް ސިސްޓަމް ޕްރޮމޯޓްސް ހެއާ ގްރޯތު ތްރޫ ޑީޕް ޑެލިވަރީ އޮފް ރެގިއުލޭޓަރީ މޮލިކިއުލްސް އިންޓު ހެއާ ފޮލިކަލް ސެލްސް. ނޭޗާ ކޮމިއުނިކޭޝަންސް.