އުމުރުން 66 އަހަރުގެ ޑާޗިއެވް މަރުވީ ކޮން ސަބަބަކާ ހުރެކަން ރަޝިޔާގެ ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެމެރިކާއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އެލެގްޒެންޑާ ޑާޗިއެވް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެމެރިކާއާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި އެ މަގާމާ ހަވާލުވެވަޑައިގެންނެވި ޑާޗިއެވްއަކީ ޑިޕްލޮމެޓިކް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ޑާޗިއެވް ފާހަގަކުރެވިފައިވަނީ ހުޅަނގުގެ ގައުމުތަކުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގަ އެވެ. އެމެރިކާގެ ސަފީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް އޭނާ ވަނީ ރަޝިޔާގެ ހާރިޖީ ދާއިރާގެ އެކި މުހިންމު މަގާމުތައް ފުރުއްވައި، ބައިނަލްއަގްވާމީ މަސްރަހުގައި ރަޝިޔާގެ ސްޓޭންޑް ވަރުގަދައަށް ދިފާއުކުރައްވާފަ އެވެ.
އޭނާ މަރުވުމާ ގުޅިގެން ރަޝިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޑާޗިއެވްއަކީ "އާދަޔާ ހިލާފު ގާބިލު" ބޭފުޅެއް ކަމަށެވެ. އަދި އޭނާ މަރުވީ ކުއްލި ގޮތަކަށް ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޑާޗިއެވްގެ ކުއްލި މަރާއެކު އެމެރިކާގައި ހުންނަ ރަޝިޔާގެ އެމްބަސީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު ރަޝިޔާގެ ފޮރިން މިނިސްޓްރީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި އޭނާގެ މަރާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް ބެލެވެ އެވެ.