ރައީސް މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަންޓަލްޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުހައްމަދު މުސްތަފާއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ފަލަސްޠީނާމެދު ދިވެހިރާއްޖެއިން ބާއްވަމުންދާ ގާތްކަމާއި ދިވެހި ރައްޔިތުން ފަލަސްތީނުގެ މިނިވަންކަމަށް ގޮވަލާ ގޮވާލުމާއި ގާތްކަމާއި އަޙުވަންތަކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
ފަލަސްތީނުގެ މިނިވަންކަމާއި، ރައްޔިތުންނަށް އަބުރުވެރި އިންސާފުވެރި ދިރިއުޅުމަކަށް އަބަދުވެސް އެދިވަޑައިގަންނަވާކަން ރައީސް ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައިކަމަށާއި، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ގައުމެއްގެގޮތުގައިކަމަށް ރައީސް ވަނީ ޔަގީންކަން އަރުވާފަ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ވަކާލާތުކުރުމުގައި އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ދެމިތިބޭނެކަމުގެ ޔަގީންކަން ވަނީ ދެއްވި އެވެ.
ހަމައެއާއެކު، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިމުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައިވާ މިނިވަން އަދި ސިޔާދަތީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ ހައްގު ހިމެނޭހެން، ފަލަސްތީނުގެ ރައްޔިތުންގެ ނިގުޅައިނުގަނެވޭނެ ހައްގުތަކަށް ވަކާލާތުކުރުމުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުގައި އަބަދުވެސް ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަކީ އެކަނިވެރިވެފައިވާ ބައެއް ނޫންކަމަށާއި، އެ ރައްޔިތުންނަށް އިންސާފާއި މިނިވަންކަން ލިބި، ދާއިމީ ސުލްހައެއް ގާއިމުވާން ރާއްޖެއިން އަބަދުވެސް އެދޭ ކަމަށެވެ.