ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ހުރިހާ ބާރެއް ފެށިގެން އަންނަނީ ވެސް އަދި އެ ބާރުތަށް ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގަ އެވެ. ވީއިރު، ރައްޔިތުންގެ މެދުގައި ވެރިންނާ މެދު ކަންބޮޑުވުން އުފެދޭ ހާލަތްތަކުގައި، ރައްޔިތުންނަށް ވެރިން ޖަވާބުދާރީ ކުރުމުގެ އިތުރު ފުރުސަތުތަކެއް ހޯދައިދޭން ޖެހެ އެވެ. މިފަދަ ނިޒާމެއް އެކުލަވާލައިފި ނަމަ ވެރިން ހަދާ ގޯސްތައް ބަލައި ޖަވާބުދާރީ ކުރުމުގެ ބާރު ރައްޔިތުންނަށް ލިބި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ކަންކަން އިސްލާހުކުރުމުގެ ޖާގަ ވެރިންނަށް ވެސް ލިބޭނެ އެވެ.
މިފަދަ ނިޒާމެއް އޮންނަން ޖެހޭ ކަމަށް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ އިތުރުން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް ވެސް ވަނީ ވިދާޅުވެފަ އެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް އެތަށް ފަހަރެއްގެ މަތިން ގުޅައި މެސެޖު ކުރުމުން ވެސް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ވެރިން ޖަވާބުދާރީ ކުރުވުމުގެ ބާރު ރައްޔިތުންނަށް ހޯދައިދިނުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "ސީއެންއެމް" އަށް ވިދާޅުވީ، ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ މެންބަރުން ޖަވާބުދާރީ ކުރުމުގެ ފުރުސަތު ވެސް ރައްޔިތުންނަށް އޮންނަންވާނެ ކަމަށެވެ. ނަމަވެސް އެކަން ކުރަން ވާނީ ފިތުނަވެރިކަމާއި ހަލަބޮލިކަމުގެ ތެރެއަށް ގައުމު ނުވެއްޓޭނެ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް "ސީއެންއެމް" އަށް ވިދާޅުވީ އިންތިހާބީ މަގާމުތަކުގައި ތިބޭ މެންބަރުން ޖަވާބުދާރީ ކުރުމުގެ ފުރިހަމަ ބާރުވެރިކަން ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ގާނޫނު އަސާސީ އޮންނަ ގޮތުން، އެ އިރެއްގައި ވެރިކަން ކުރާ ޕާޓީގެ ބާރު ވަރުގަދަވެ، ސަރުކާރުން މަޖިލީހާއި ޖުޑިޝަރީއަށް އަތް ބޭނުމުގެ ފުރުސަތު އޮތުމަކީ ގޯހެއް ކަމަށާއި، އެކަންކަން ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.
ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވެރިންގެ ނިންމުންތައް މުރާޖައާ ކުރުމުގެ ބާރު ރައްޔިތުންނަށް އޮންނަންޖެހޭނެ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވެސް ވަނީ ވިދާޅުވެފަ އެވެ. ސައުދު "ސީއެންއެމް" އަށް ވިދާޅުވީ، ރައްޔިތުންނަށް އެ ބާރު ލިބޭނެ ނިޒާމެއް ގެންނަން ވާނީ ހަމަހަމަ އަދި ދެފުށް ފެންނަ ގޮތެއްގެ މަތިން ކަމަށެވެ. އެގޮތުން އެފަދަ ނިޒާމަކީ ސިޔާސީ ފިކުރަށް ތަބާވެ ނާޖާއިޒު ފައިދާ ހޯދުމަށް ހުޅުވާލެވޭ މަގަކަށް ވެގެން ނުވާނެ ކަމަށާއި، އެކަން ކުރަން ވާނީ ވެރިކަމުގެ ހުރިހާ ބާރުތަކެއް ޝާމިލުވާހެން އިންސާފުވެރި ހަމައަކުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން، ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީމް ރަފީގް "ސީއެންއެމް" އަށް ވިދާޅުވީ، ވެރިން ޖަވާބުދާރީ ކުރުވުމުގެ ހައްގު ރަނގަޅު އުސޫލަކާއި ހަމައެއްގެ ތެރެއިން ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެކަމަށް މަގުފަހި ކުރުމަށްޓަކައި ޕެޓިޝަން ހުށަހެޅުމުގެ ނިޒާމަކުން ގާނޫނީ ބާރު ހޯދައިދިނުމަކީ ރަނގަޅު ހައްލެއް ކަމުގައި ރަފީގް ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ނިޒާމު ވުޖޫދުކުރަން ވާނީ ރައްޔިތުން ހުށަހަޅާ ޕެޓިޝަނަކުން ވެރިން ވަކިކުރުމުގެ ސީދާ ބާރު ދިނުމުގެ ބަދަލުގައި، އެ ޕެޓިޝަނެއްގައި ފާހަގަކުރާ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެ ހައްލު ހޯދައިދިނުމުގެ ފުރުސަތު ވެރިންނަށް ވެސް ލިބޭނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދާދިފަހުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މަޖިލިސް މެންބަރުންނާއި ކައުންސިލަރުންގެ ނަތީޖާ ދަށްވެއްޖެ ނަމަ އެ މެންބަރަކު ނުވަތަ ކައުންސިލަރަކު މަގާމުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނެއް އެކުލަވާލުމުގެ ވިސްނުން އެމަނިކުފާނު ގެންގުޅުއްވަ އެވެ. އަދި މި ބަދަލާ އެކު މަޖިލީހާއި ކައުންސިލްތައް ވެސް ކުރިއަށްދާނީ ހަމަހަމަކަމާ އެކު، ޖަވާބުދާރީ ކުރުވޭނެ އުސޫލަކުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ވެރިން ޖަވާބުދާރީ ކުރުވުމުގެ ބާރު ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ތިން ސިޓީއެއްގެ މޭޔަރުން ވިދާޅުވި އިރު، މިކަމަށްޓަކައި ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަންކުރުވައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް ރިވައިޒްކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދައިދިނުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލާފަ އެވެ.
އެއީ ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ މަގެއް ކަމުގައި އެދޭ ރާއްޖެ ހަރަކާތުން ބުނެފައިވެ އެވެ. އަދި މި ބާރު ރައްޔިތުންގެ އަތުގައި އޮންނަ ނަމަ ސަރުކާރުތަކުން ރައްޔިތުންނާއި ދައުލަތުގެ މައްޗަށް ނާޖާއިޒު ބާރު ހިންގުމަށް ފަސްޖެހޭނެ ކަމަށާއި، މިއީ ވެރިން ގައުމުގެ މަންފާއަށް ވުރެ ސިޔާސީ މަސްލަހަތު އިސްކުރުން ނިމުމަކަށް ގެނެވި، ރައްޔިތުންގެ ބާރު ހިނގާކަން ކަށަވަރުކުރެވުމާއެކު، ޑައިރެކްޓް ޑިމޮކްރަސީގެ އަސާސްތައް ހިންގުމުގެ ނިޒާމެއް ތައާރަފުވާނެ ކަމެއް ކަމުގައި އެދޭ ރާއްޖެ ހަރަކާތުން ފާހަގަކުރެ އެވެ.
ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. އެގޮތުން، އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;