އިދިކޮޅު އެމްޑީޕީން މިހާރު ފަށާފައިވާ އިހުތިޖާޖުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެން ނަޝީދު ވިދާޅުވީ، އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެ ވެސް ހަނގުރާމައިގެ ކަޅުވިލާގަނޑެއްގެ ދަށުގައި އޮތް އިރު، ރައްޔިތުން އާންމު ހާލަތު އިތުރަށް ގޯސްވާނެ ކަމުގެ ބިރު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަމަށެވެ.
ތަކެތީގެ އަގު އުފުލި، ޑޮލަރުގެ އަގު ބޮޑުވެ، ވަޒީފާގެ ފުރުސަތުތައް ހަނިވަމުންދާ މަންޒަރު ފެންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ މިއޮތް ނާޒުކު ހާލަތުން އަރައިގަތުމަކީ ހަމައެކަނި ސަރުކާރުގެ ވާޖިބެއް ނޫން ކަމަށާއި އެއީ އެންމެންގެ ވާޖިބެއްކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ރައީސަށް ދައުވަތު ދެއްވީ، އެ ބަދަލުތައް ގެނައުމަށް މަޝްވަރާ ކުރެއްވުމަށެވެ. އެކަން ގަބޫލު ނުކުރައްވައިފި ނަމަ، މަގުމަތީ ހަރަކާތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
މިއީ ސަރުކާރުން މަޝްވަރާގެ މޭޒު ދޮށަށް އައުމަށް ނަޝީދު ގޮވާލި ތިންވަނަ ފަހަރެވެ. ނަމަވެސް އިދިކޮޅާއެކު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް މުއިއްޒު އިއްޔެ ވިދާޅުވި އެވެ.
އެ ޕާޓީން މަގުތަކުގައި އިހުތިޖާޖު ކުރަމުން އަންނަނީ ނިމިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާ ކަމަށް ބުނެ އެވެ. އެ ދުވަހު ނެގި ތިން ވޯޓުގެ ތެރެއިން ދެ ވޯޓުން ސަރުކާރު ވީ ބައްޔެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;