ads
ރައީސް ނަޝީދު
ރަސްމާލެ މަޝްރޫއަށް ތާއީދު ކުރަން: ނަޝީދު
ރަސްމާލޭން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސްއަށް ދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުއޮތްކަން ހާމަކޮށްފި އެވެ.
Advertisement

ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރުމާ ގުޅިގެން އެމްޑީޕީގެ އިސްވެރިންގެ ހިޔާލު ތަފާތެވެ. އެގޮތުން ރައީސް ނަޝީދު މުޅިން އެ މަޝްރޫއާ ދެކޮޅު ހައްދަވާފައިނުވާ އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްރޫއާ ދެކޮޅެވެ. އަދި ނަޝީދުގެ ތާއީދާއެކު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް އެ މަޝްރޫއާ ދެކޮޅެވެ. 

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި އެ ގަރާރަށް ކުރި ބަހުސްގެ ތެރެއިން ނަޝީދު ވިދާޅުވީ އެ މަނިކުފާނު ހުންނެވީ އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ނޫން ނަމަވެސް ބައެއް ބޭފުޅުން އެ މަނިކުފާނުގެ ނަން ގެންނެވުމުން އެ މައުލޫއަށް އެއްޗެއް ދަންނަވަން ޖެހުނީ ކަމަށެވެ. 

"މިހާރު އަޅުގަނޑު ވިދާޅުވި ކަމަށް އެއްޗެއް ބުނުއްވާ ކަމަށް ވަނީ ވިއްޔާ އަޅުގަނޑަށް ޖެހޭ އެބަ އެއްޗެއް ދަންނަވަން. އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމައަށް،" ނަޝީދު ވިދާޅުވި އެވެ.

މިހާތަނަށްވެސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ ބޭރުގެ ބޮޑެތި މަޝްރޫއުތައް ރާއްޖެ އަންނަ ޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. ރަސްމާލެ މައްސަލާގައި އޮތް ހަމައެކަނި ކަންބޮޑުވުމަކީ ސަރުކާރުން ކަންކަން ހާމަނުކުރުމާއި މާލެ ސަރަހައްދުގައި އެފަދަ ބޮޑު މަޝްރޫއުއެއް ހިންގުންކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

ރަސްމާލެއިން 500 ހެކްޓަރު ބިން 99 އަހަރަށް ދުބާއީގެ އީގަލްސް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުގެ އިތުރުން ބައެއް އިލްމުވެރިންނާއި މި ސަރުކާރުގައި ކުރިން އިސްކޮށް މަސައްކަތް ކުރެެއްވި ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާއްމުން އަންނަނީ ރަސްމާލެ ބޭރު ބަޔަކަށް ދިނުމުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނަމުން ނެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ މި ބާއްވަނީ ރަސްމާލޭ މަޝްރޫއު ކުރިއަށްގެންދިޔުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށެވެ.

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ. 

"މި މަޝްރޫއު ހިންގުމަށް އީގަލް ހިލްސް ހިޔާރުކުރެވުނީ ކޮން އުސޫލަކުން ކަމާއި އީގަލް ހިލްސްއިން އަންސޮލިސިޓަޑް ޕްރޮޕޯޒަލެއް ހުށަހަޅާފައި އޮތް ނަމަ، އެ ހުށަހެޅުމުގެ ދާއިރާގައި ހިމެނޭ ކަންކަމަކީ ކޮބައިކަން ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން އާންމުކޮށްފައި ނުވުމުން، މި މަޝްރޫއު ހިންގުން އީގަލް ހިލްސްއާ ހަވާލުކޮށްފައި ވަނީ ގާނޫނީ އުސޫލުތައް ފުރިހަމަނުކޮށް، ބޭރުން ކަމަށް ބެލެވެން އޮތް،" ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ މަހްފޫޒު ހުށައެޅުއްވި ގަރާރުގައިވެ އެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާއާ ހަވާލާދީ ގަރާރުގައި ވަނީ، އެ މާއްދާގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދެައް ބޭރުގެ ފަރާތްތަކަށް މިލްކުކޮށެއްނުދެވޭނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން ނިމުމެއްނެތް 99 އަހަރަށް ތަަންތަން ކުއްޔަށް ދެވޭ ގޮތަށް އޮތުމަކީ، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދާއިމަށް އެތަނުގެ މިލްކުވެރިކަން ލިބި، ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ގާއިމްވެގެން ދިއުން ކަމުގައި ބެލެނޭ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް