ads
ރޭ ހިތަދޫގައި ބޭއްވި ބޮޑު ބަދަލު ޖަލްސާގައި އިބްރޭ، ވާތް ފަރާތުން ދެވަނަ އަށް.
ނަޝީދުގެ ކެމްޕެއިންގައި އިބުރޭ ބައިވެރިވާތީ ފިޔަވަޅު އަޅައިދޭން އެދެފި
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕެއިންގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާތީ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ވާދަވެރި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.
Advertisement

އެމްޑީޕީގެ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީއެއްގައި މީކާއީލް ވިދާޅުވީ ނަޝީދުގެ ކެމްޕެއިންގައި އިބުރޭ އަމަލީ ގޮތުން ބައިވެރިވަޑައިގަންނަވާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި ސޯޝަލް މީޑިއާ އިން ފެންނަ ފޮޓޯ އާއި ވީޑިއޯ އިން އެކަން ކަށަވަރުވާ ކަމަށެވެ. 

ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އެމްޑީޕީ އަށް މެންބަރުން އިތުރުކުރުމާއި ކެމްޕެއިންތައް ހިންގުމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ވާތީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި އޭނާ ހުންނަވަން ޖެހޭނީ ވަކިއަތަކަށް ޖެހިވަޑައިނުގެން ކަމަށް ވެސް މީކާއީލްގެ ސިޓީގައި ވިދާޅުވި އެވެ. 

"މި މައްސަލައިގައި ޕާޓީގެ އުސޫލުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް މަނިކުފާނު ކުރިއަށް ގެންދެވުމަށް އަޅުގަނޑު ވަރަށް އިޚުލާސްތެރިކަމާ އެކު އެދެމެވެ،" މީކާއީލްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެހެންވެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން މުއްދަތު ނިމެންދެން އިބްރާހިމް ވަހީދު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށް މީކާއިލް އެދިވަޑައިގެންފައިވެ އެވެ. 

މީގެ ކުރިން ވެސް އިބްރާހީމް ވަހީދު މަގާމުން ވަކިކުރުމަށް ވަގުތީ ޗެއާޕާސަން ގަފޫރު ނިންމެވި އެވެ. އެކަމަކު އިންތިހާބީ މަގާމަކުން އެ ގޮތަށް ވަކިނުކުރޭވޭނެތީއާއި އެތެރޭގައި އޭރު އުފެދުނު މައްސަލަތައް ހައްލުކޮށް އޭނާގެ މަގާމު އަލުން އިއާދަކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;