ވޯލްޑް ކަޕުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ކޭޕް ވާޑޫއިން އިތުރު މުހިންމު ޕޮއިންޓެއް ހޯދިއިރު، އެ ޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނާ ލަނޑެއް ނުޖެހި އެއްވަރުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ކާބޯ ވާޑޭއަށް 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެވިން ޕީނާއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ 35 ޔާޑު ދުރުން ފޮނުވާލި ހިލޭޖެހުމަކުންނެވެ. މިއީ ވޯލްޑް ކަޕެއްގައި ކާބޯ ވާޑޭގެ ފުރަތަމަ ލަނޑެވެ.
ނަމަވެސް، މި ލަނޑަށްފަހު ކޭޕް ވާޑުން ކުރިއަށްޖެހިގެން ކުޅެން ފެށުމުން، އުރުގުއާއީން ވަނީ އޭގެ ފައިދާ ހިފާފަ އެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މެކްސީ އަރައުހޯ ބޮލުން ޖަހައި ނަތީޖާ ހަމަހަމަކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ 6 ވަނަ މިނެޓުގައި އަގުސްޓިން ކަނޮބިއޯ ވަނީ އުރުގުއާއީއަށް 2-1 ގެ ކުރިއެރުމެއް ހޯދައިދީފަ އެވެ
ދެވަނަ ހާފަށް ކޭޕް ވާޑުން ނުކުތީ ބަދަލުތަކަކާއެކުގަ އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ އެންމެ ދެ މިނެޓު ތެރޭގައި، ހީލިއޯ ވަރޭލާ ވަނީ ކޭޕް ވާޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މި ލަނޑަކީ އުރުގުއާއީގެ ޑިފެންޑަރު މަތިއަސް އޮލިވޭރާ ފަހަތަށް ދޭން އުޅުނު ބޯޅައެއް ކީޕަރު ފެނާންޑޯ މުސްލޭރާއަށް ލިބުމުގެ ކުރިން ވަރޭލާ ހޯދައި، ހުސް ގޯލަށް ފޮނުވާލައިގެން ޖެހި ލަނޑެކެވެ.
މެޗުގެ 69 ވަނަ މިނެޓުގައި އުރުގުއާއީގެ ފެޑެރީކޯ ވަލްވާޑޭ ޖެހި ލަނޑެއް ވީއޭއާރުން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމި އެވެ.
މި ނަތީޖާއާއެކު އުރުގުއާއީއަށް ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ގްރޫޕުގެ ފަހު މެޗުން ސްޕެއިން އަތުން މޮޅުވުން މުހިންމުވާނެ އެވެ. ސައުދީ އަރަބިއްޔާ ބަލިކޮށްގެން ކޭޕް ވާޑްއަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އޮންނާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;