އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސް މުއިއްޒު އަލުން އެކުލަވާލި ކެބިނެޓަށް ރުހުން ދިނުން ކުރިއަށް ގެންގޮސްފައެވެ. އެ ޖަލްސާގައި ރުހުން ދިނުމުގެ ވޯޓުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވިދާޅުވެފަ އެވެ.
ވަޒީރުންގެ ތެރެއިން އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 8 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ރުހުން ނުދިނުމަށް އެމްޑީޕީގެ 2 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ވޯޓުގައި ބައިވެރިވެފައިވަނީ ނުވަނީ 2 މެމްބަރުންނެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނެގި ވޯޓުގައި މިނިސްޓަރު އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ.
އިހުސާނަށް ރުހުންދޭން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވި ދެ މެންބަރުންގެ ތެރެއިން ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެެއްވީ އެތައް ސަބަބަކާ ހެދި ކަމަށެވެ.
މިކަމުގައި އެމްޑީޕީގެ އެތެރެއިން އެންމެ ބޮޑަށް އެ މެންބަރުންނަށް ފާޑުކިޔުން އަމާޒުވެފައިވަނީ އިހުސާނަށް ރުހުން ދޭން ބައެއް މެންބަރުން ވޯޓް ދެއްވީމަ އެވެ.
އެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ އިހުސާނާއި އިތުރު ބައެއް ވަޒީރުންނަށް އިއްޔެ ވޯޓު ދިނުމަކީ ނިންމުނު ގޯސް ނިންމުމެއް ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ވިދާޅުވެ ޝަމްހީދު ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.
ހަމައެއާއެކު "އެކްސް"ގައި ކުޑޫ ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި އިހުސާނަށް ވޯޓު ދިނުމުގައި ވަރަށް ބޮޑު ގޯހެއް ހެދިފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެއީ ކޮންމެހެން ތާއީދު ކުރާތީ ދިން ވޯޓެއް ނޫން ކަމަށާއި، އެ ވަގުތު އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީ ކަމަށް ކުޑޫ ވިދާޅުވި އެވެ.
އިހުސާންއަށް ރުހުން ދޭން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުން ވޯޓު ދިނުމުން އެކަމަށް ފާޑުކިޔާ މީހުން ބުނަނީ އޭނާއަށް ރުހުން ދިނުމަކީ، ނޫސްވެރިކަމަކީ ޖިނާއީ ކުށަކަށް ހަދައިގެން އަދަބު ދިނުމާއި ސުލްހަވެރި އިހުތިޖާޖުތައް ކުރާ މީހުންނަށް ހުރަސްއެޅުން ފަދަ ކަންކަމަށް އެއްބާރުލުން ދިނުން ކަމަށެވެ.
އެކަމަށް ފާޑުކީ އެހެން މީހުން ވަނީ އިހުސާންގެ ޒިންމާ އަދާނުކުރެވޭ މައްސަލައިގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ސުވާލު ކުރުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ސުވާލު އުފައްދައިފަ އެވެ.
ފުލުހުންގެ ތަހުގީގުތަކަށް އިހުސާން ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރުމުގެ އިތުރުން ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި، ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއަޅާކަމަށް ވެސް މީގެ ކުރިން އެމްޑީޕީން ތުހުމަތު ކޮށްފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;