މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި ހިތާބުގައި ރައީސް މުއިއްޒު ވަނީ މީ ރާއްޖޭގެ ތާރީހުގައި ނޫސްވެރިންނަށް އެންމެ ސަމާލުކަންދީ އަޅާލުން އެންމެ ބޮޑު ސަރުކާރުކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ނޫސްވެރިންނަށް އަދަބު ދެމުންދާތީ އެކަން ހުއްޓާލުމަށް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.
ރާއްޖޭގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް ނުދޭ ސަމާލުކަން މި ސަރުކާރުން ދެމުން ގެންދަވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ "ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)"އިން އާންމު ކުރި ތަފާސްހިސާބުތަކުން ނޫސްވެރިކަމުގެ މިނިވަންކަމުގައި މިދިޔަ އަހަރު ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވަނީ ވެއްޓިފައެވެ.
އަހަރުގެ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގައި ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައެވެ. އެ ގޮތުން ދިވެހިރާއްޖެ ވަނީ 108 ވަނައަށް ވެއްޓިފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އޮތް 104 ވަނައާ އަޅާބަލާއިރު ހަތަރު ދަރަޖަ ފަހަތަށް ޖެހުމެކެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެ އޮތީ 100 ވަނަގައެވެ. އޭގެފަހުން މިދިޔަ ދެ އަހަރު ރާއްޖެ މިވަނީ 8 ދަރަޖަ ފަހަތަށް ވެއްޓިފައެވެ. އެހެންނަމަވެސް 2025 ވަނަ އަހަރު 2024 ވަނަ އަހަރު އޮތް ދަރަޖައަށްވުރެ 2 ދަރަޖަ ކުރިޔަށް ޖެހިލާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;