ads
ބީއެމްއެލް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރަނީ - ފޮޓޯ/ބީއެމްއެލް
ކަސްޓަމަރުންގެ ދަތުރުފަތުރާ ގުޅޭ ޒާތީ މައުލޫމާތެއް ބޭންކަށް ނޭނގޭނެ: ބީއެމްއެލް
ކަސްޓަމަރުންގެ ދަތުރުފަތުރާ ގުޅޭ ޒާތީ މައުލޫމާތު ބޭންކާ ހިއްސާކުރާ ކަމަށް ޝޯޝަލް މީޑިއާގައި ވާހަކަ ދެއްކެވުނަސް އެކަން ހިނގަނީ އެހެން ނޫން ކަމަށާއި އެފަދަ މައުލޫމާތެއް ބޭންކަށް ނޭނގޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
Advertisement

ރާއްޖޭގައި ހުންނަ މީހެއްގެ ބޭންކް ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދާފައި ވާއިރު އެކަން ކުރަނީ އިމިގްރޭޝަނުން ކަސްޓަމަރުގެ ދަތުރުގެ މައުލޫމާތު ބޭންކާ ހިއްސާ ކުރާތީ ކަމަށާއި އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. 

މިކަމާއި ގުޅިގެން ބީއެމްއެލް އިން މިއަދު ބުނީ ގައުމީ ބޭންކްގެ ޕޭމަންޓް ސިސްޓަމްގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި، ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އިމިގްރޭޝަނާއެކު ސްޓްރެޓީޖިކް ޑިޖިޓަލް ޕާޓްނަރޝިޕެއް ގާއިމްކޮށް އަމަލުކުރަން ފަށާފަ ވާނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލްގެ ކަސްޓަމަރުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން، ކުރާ މުއާމަލާތްތައް އޮތަރައިޒް ކުރާއިރު ކާޑުގެ ވެރިފަރާތް އެވަގުތު ހުރީ ރާއްޖޭން ބޭރުގައިތޯ ނުވަތަ ރާއްޖޭގައިތޯ ކަށަވަރު ކުރެވޭނެ އެވެ. 

މިއާއެކު ރާއްޖެއިން ބޭރުގައި ކާޑުގެ ވެރިފަރާތް ހާޒިރުވެ ހުރެގެން ޕީއޯއެސް އަދި އޭޓީއެމް ފަދަ ޗެނެލްތަކުގައި ކުރަންޖެހޭ މުއާމަލާތްތައް ކުރެވޭނީ، ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރިނަމައެވެ. އެހެންކަމުން އެހެން ފަރާތަކުން ރާއްޖޭގައި ހުރި މީހެއްގެ ކާޑު ހިފައިގެން ގޮސް ރާއްޖެއިން ބޭރުގައި ބޭނުން ނުކުރެވޭނެ އެވެ. މީގެތެރޭގައި ކާޑުގެ މަޢުލޫމާތުތައް ބޭނުންކޮށްގެން ހަދާ އީކޮމާސް ޓްރާންސެކްޝަންތައް ނުހިމެނެއެވެ.
"މިކަން ކުރަނީ އެއްފަރާތުން އަނެއްފަރާތަށް ކަސްޓަމަރުގެ މަޢުލޫމާތު ދީގެނެއްނޫނެވެ. ކާޑުން ޓްރާންސެކްޝަނެއް ހެދެނީ އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސްއެއްގެ ތެރެއިން ކަމުގައިވާއިރު މި ޕްރޮސެސްގެ ތެރޭގައި ކާޑުގެ ސައްހަކަމާއި ކާޑުގެ ވެލިޑިޓީއާއި އެކައުންޓް ނުވަތަ ކްރެޑިޓް ލިމިޓްގައި އެ ޓްރާންސެކްޝަނަށް ފައިސާދެއްކޭނެ ބެލެންސް ހުރިތޯ އޮޓޮމެޓޮކުން ސިސްޓަމުން އަންގައި ދޭނެއެވެ. އަދި މިހާރު އިމިގްރޭޝަންއާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ ސަބަބުން މި އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސް ތެރެއިން ރާއްޖެއިން ބޭރުގައި ޓްރާންސެކްޝަން ހަދާއިރު އޭނަ އެހުރީ ރާއްޖެއިން ބޭރުގައިތޯ އޮޓޮމެޓިކުން ބެލޭނެއެވެ." ބޭންކުން މީޑީއާތަކާއި ހިއްސާ ކުރި ލިޔުމުގައި ވެއެވެ.

މި މަސައްކަތަކީ މާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބީއެމްއެލްއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި މިއީ ކާޑު ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޅުވާލުމާއި މަކަރާއި ހީލަތުގެ އަމަލުތަކުން ރައްކާތެރިވުމަށް އެޅުނު ސީދާ ފިޔަވަޅެއް ކަމަށެވެ. ހާއްސަކޮށް، ކާޑުގެ ވެރިފަރާތަށް ނޭގި ނުވަތަ އޮޅުވާލައިގެން ކާޑުގެންގޮސްގެންނާއި ބައެއް ފަހަރު ކާޑު ނަކަލުކޮށްގެން، ރާއްޖޭން ބޭރުގައި ހުއްދަނެތް އެތަކެއް މުއާމަލާތްތައް ހިންގާ މައްސަލަތައް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފަ އެވެ.

ބޭންކުގެ ކާޑު ބޭނުންކުރުމުގެ އާންމު އުސޫލުތަކާއި ޝަރުތުތަކުގައި ކާޑުގެ ވެރިފަރާތުން ދޭންޖެހޭ އަދި ކާޑު ބޭނުންކުރުމުގައި ވެރިފިކޭޝަން ހަދަންޖެހޭ މައުލޫމާތު ކޮންމެ ގޮތަކުން، ކޮންމެ ފަރާތަކުން ހޯދުމުގެ ހުއްދަ ކާޑުގެ ވެރިފަރާތުން ބޭންކަށް އަބަދުވެސް ދީފައިވެ އެވެ. އަދި މިހާރު މިގާއިމު ކުރެވުނު އިންޓަގްރޭޝަން އާއެކު މި މާއްދާ އިތުރަށް ތަފްސީލް ކުރެވިފައި ވެއެވެ. 

ކާޑުގެ މުއާމަލާތްތަކުގެ ސައްހަކަން ދެނެގަތުމަކީ ބައިނަލްއަގުވާމީ ކާޑު ނެޓްވޯކްތަކުގެ މިންގަނޑުތަކުގެ ދަށުން، ދުނިޔޭގެ ޕޭމަންޓް ނިޒާމުތަކުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

ބޭންކުން މި ގޮތަށް އަމަލުކުރަން ފެށުމާއެކު، ބީއެމްއެލް ވެފައި މިވަނީ ބޭންކިންގެ ސަލާމަތީ ކަންކަމުގައި މި ސަރަހައްދުގައި ކުރިއަރާފައިވާ ބޭންކަކަށް ކަމަށާއި މިއީ އާންމު ބޭންކިން ސިސްޓަމްތަކުން އެކަނި ފޯރުކޮށްނުދެވޭނެ ފަދަ ރައްކާތެރިކަމެއް ކަމެއް ކަމުގައިވުމުން މި އިންޓަގްރޭޝަން އަކީ ރާއްޖޭގެ ޕޭމެންޓް ސިސްޓަމުގެ ރައްކާތެރި ކަމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

ބީއެމްއެލް އާއި އިމިގްރޭޝަންގެ އިންޓަގްރޭޝަންގައި އަމިއްލަ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާނެ ކަމަށާއި މިއީ ހަމައެކަނި މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކޮށް ރައްކާތެރިކަން އިތުރުކުރުމަށް ގެނެވުނު ވެލިޑޭޝަނެއް ކަމުގެ ޔަގީންކަން އެ ބޭންކުންދިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;