ވައިބަރއިން ފޮނުވި ލިންކެއް މެދުވެރިކޮށް ބެންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުހައްމަދު (38އ) އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ދެ ވަނަދުވަހުކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން މުއްދަތު ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ބުނީ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސާ މުހައްމަދު ވަނީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް މި ފައިސާތައްް ފޭރިގަން މީހާއާ ގުޅުން އުފައްދާފައެވެ. އަދި ވައިބަރު މެދުވެރިކޮށް މޫސާ މުހައްމަދު އެ މީހާއަށް ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ކެނޑިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެ ފައިސާ ޖަމާވެފައި ވަނީ މޫސާ މުހައްމަދުގެ ނަމުގައިވާ އެކައުންޓަކަށްކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް ތަކުރާރުކޮށް އިލްތިމާސްކުރާކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;