ފިނޭންސް މިނިސްޓްރީން އާއްމުކުރި އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ ޖުމްލަ ވަނީ 15.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 14.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7.5 އިންސައްތައިގެ ކުރިއެރުމެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެެވެ. އަދި މީގެއިތުރުން، އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތަކުން 1.0 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑު ކުރެވިފައިކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ.) އިންކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން ޓީ.ޖީ.އެސް.ޓީ. ގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ 4.6 ބިލިއަން ރުފިޔާއިން 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. މިއީ 11.7 އިންސައްތައިގެ ކުރިއެރުމެކެވެ.
ޖުމްލަ ޓެކްސް އާމްދަނީ މިދިޔަ މަހުގެ ނިޔަލަށް 12.3 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.0 އިންސައްތައިގެ އިތުރުވުމެެއްކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 14.3 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައިވާކަމަށާއި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 12.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 13.8 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ރިކަރަންޓް ހަރަދު ވަނީ 11.1 އިންސައްތަ އިތުރުވެ، 12.6 ބިލިއަން ރުފިޔާއަށް އަރާފައިކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;