ބަންޑާރަ ނައިބު މިހެން ވިދާޅުވީ، ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކުގެ ތެރޭގައި އާރުޓީއައި ހުށަހެޅުންތަކަށް ރައީސް އޮފީހުން ޖަވާބު ނުދޭ މައްސަލައިގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އުޝާމް ވިދާޅުވީ އާރުޓީއައި ގާނޫނަކީ ވަރަށް މުހިންމު މަގުސަދެއްގައި އެކުލަވާލާފައިވާ ގާނޫނެއް ކަމަށާއި، އެ ގާނޫނުގެ ބޭނުން "ހެޔޮ ގޮތުގައި" ކުރާ މީހުންނަށް މައުލޫމާތު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.
ގާނޫނުގެ ބޭނުން ބައެއް މީހުން ހިފާ ގޮތުން މައުލޫމާތު އަރުވަން ސަރުކާރުގެ އިދާރާތައް ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އެހެން ނަމަވެސް ގާނޫނު ނަހަމަ ގޮތުގައި ނުވަތަ ހެޔޮ ނޫން ގޮތެއްގައި ހިފަނީ ކިހިނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އުޝާމް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ އޮފީސްތަކުން އާރުޓީއައިތަކަށް ޖަވާބު ނުދިނުމާއި، ގާނޫނުގައި މައުލޫމާތު ހިފަހައްޓަން ލިބިދޭ ދާއިރާގެ ބޭރުން ގިނަ މައުލޫމާތުތައް ހިފަހައްޓާ ކަމުގެ ޝަކުވާ ބޮޑު ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ފާހަގަ ކޮށްފަ އެވެ.
އެކޮމިޝަނުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރޭގައި އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ 487 ޝަކުވާ ހިމެނެއެވެ. އެގޮތުން އެންމެ ގިނަ މައްސަލަތައް ރައްދުވާ އެއް އިދާރާއަކީ ރައީސް އޮފީހެވެ.
މައުލޫމާތު ހޯދަން ހުށަހަޅާ ހުށަހެޅުންތަކުގެ ސަބަބުން ދަތިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއިރު، މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ އާރުޓީއައި ގާނޫނުގެ ދަށުން މައުލޫމާތު ދިނުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;