ads
ރޭ ބޭއްވި ޖަލްސާގައި މީކައިލް ވާހަކަ ދައްކަވަނީ
ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާ މީހަކު ހޮވައިފިނަމަ 2028 ގެއްލޭނެ: މީކާއީލް
ވަކި ކެންޑިޑޭޓަކަށް ތާއީދުކުރައްވައިގެން ހުންނެވި ބޭފުޅަކު އެމްޑީޕީގެ ޗެއާޕާސަންކަމަށް އިންތިހާބުކޮށްފިނަމަ، ޕާޓީ އަލުން މަގުމަތިވެ، އަންނަ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް، އެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
Advertisement

މީކާއީލްގެ އިތުރުން ދެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު މީގެކުރިންވެސް އަދާކުރައްވާފައިވާ، ކުރީގެ ރައީސް، މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވާކަން ނަޝީދު ވަނީ ހާމަކުރައްވާފަ އެވެ.

މީކާއީލްގެ "އިތުބާރު" ކެމްޕެއިންގެ ފަރާތުން އެމްޑީޕީގެ މެންބަރުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާގެ މައިގަނޑު އަމާޒަކީ ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދީ، އެމްޑީޕީ އެކަތިގަނޑަކަށް ހަދައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި، ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއިދުކޮށްގެން ހުރި ކެންޑިޑޭޓަކު އިންތިހާބު ވެއްޖެ ނަމަ، ޕާޓީ އަނެއްކާވެސް ބައިބައިވެ، 2028 ގެ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވެ ޕާޓީ އަނެއްކާވެސް މަގުމަތިވުމުގެ ބިރު ބޮޑު،" މީކާއިލް ވިދާޅުވި އެވެ.

އެ ހާލަތުގައިވެސް މިދިޔަ މަހު އޮތް ލޯކަލް ކައުންސިލު އިންތިހާބާއި، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ނެގި ފެންނަ ނުފެންނަ ވޯޓުން ބޮޑު ކާމިޔާބެއް އެމްޑީޕީއަށް ލިބުނުކަން މީކާއީލް ފާހަގަކުރެއްވި އެވެ. އެކަމުން ހާމަވެގެންދިޔައީ، އޭނާ ލިޔުއްވިގޮތުގައި، ޕާޓީ އެކަތިގަނޑަކަށް ވެއްޖެ ނަމަ، ކަންކަން ހާސިލްކުރެވޭނެ ކަމެވެ.

އެއާއެކު، އެމްޑީޕީގެ ޗެއާޕާސަންކަމަށް މީކާއީލާ ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ނަންތައް ނުގެންނަވައި މީކާއީލް ލިޔުއްވިގޮތުގައި، ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށްގެން ހުރި ކެންޑިޑޭޓަކު އެ ޕާޓީގެ ޗެއާޕާސަންކަމަށް އިންތިހާބުވެއްޖެނަމަ، ޕާޓީ ބައިބައިވެ، މަގުމަތިވެ، އަންނަ ރިޔާސީ އިންތިޚާބު ގެއްލުމުގެ ބިރު ބޮޑެވެ.

މީކާއީލް ވަނީ، ޗެއާޕާސަންގެ މަގާމަށް އޭނާ އިންތިހާބުވެވަޑައިގެންފިނަމަ، އެމްޑީޕީގެ ސަފުތައް ބަދަހިކޮށް، ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށްޓަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި 2028ވަނަ އަހަރު އެމްޑީޕީ ކާމިޔާބާ ހަމައަށް ގެންގޮސްދެއްވާނެ ކަމުގައި މީކާއީލް ލިޔުއްވައިފައި ވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ ނަޝީދާއި މީކާއީލްގެ އިތުރުން އިބްރާހީމް މުހައްމަދު (ވާޑު)އެވެ. މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެެންނަނީ ނަޝީދު އާއި މީކާއިލްގެ ފަރާތުންނެވެ. އެ ދެ ބޭފުޅުން ވެސް ގެންދަވަނީ ބާރު ސްޕީޑުގައި ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;