ads
ދަރިފުޅު - 17 ވަނަ ބައި
އެޕިސޯޑް 17
Advertisement

"މި ތަނުން، އެހެން ތާކަށް އަހަރެން ބަދަލުވާނީ.. މާލިކް ކައިރީގައި ބީނިޝް ބަހައްޓާނަން.. ވަރަށް ފުރިހަމައަށް މާލިކް ބީނިޝް ބަލަހައްޓާނެކަން އަހަންނަށް ޔަގީން.." ކައިރާ ބުނެލި އެވެ.

"މާނައަކީ ކޮބާ؟" އަހަރެން ސުވާލުކުރީމެވެ.

"ބީނިޝް ގާތުގައި ބުނެދީ، މަންމަ ބީނިޝް ދެކެ ވަރަށް ލޯބިވޭ.. ކަންކަން ހަމަޔަކަށް އަޅުވާލާފައި ކޮންމެވެސް ދުވަހަކުން ބީނިޝް ކައިރިއަށް މަންމަ އަންނާނެކަމަށްވެސް ބުނެދޭތީ.." ވަރަށް ހިތްވަރުކޮށްފައި ކައިރާ ބުނެލި އެވެ.

"ބީނިޝް އާއި އަހަރެން ދޫކޮށްލާފައި ކައިރާއަށް ދެވޭނެކަމަށް ހީވަންޏާއި އެއީ ކުށް ހީއެއް..! ކައިރާ ދިއުމުގެ ހުއްދައެއް އަހަރެން ނުދޭނަން" ވަރަށް އަސަރާއެކު  ބުނީމެވެ. 

"އައި ހޭވް ޓު..." މަޑުމަޑުން ކައިރާ ބުނެލި އެވެ.

"ނޫން..! އަހަންނާއެކު މި ތަނުގައި ހުންނާން ކައިރާ އެއްބަސްވީ، ދާދި ދެންމެ.. އެކަން ބަދަލެއް ނުކުރެވޭނެ.. ޕްލީޒް، ސްޓޭ ވިތް މީ!" އަހަރެން އާދޭސް ކުރީމެވެ. 

އަންދާޒާ ކުރެވޭ ވަރަށް ވުރެން މާ ބޮޑު ކަންތައްތަކެއް ކައިރާގެ ހަޔާތުގައި ހިނގަމުންދާކަން އަހަންނަށް ޔަގީނެވެ. އެހެން ނޫނީ، ބީނިޝް އަހަންނާއި ހަވާލުކޮށްފައި ކައިރާ ދުރަށް ދިއުމަށް އޭނާ ނުނިންމާނެކަން ކަށަވަރެވެ.

ކައިރާގެ ބޮލުގައި އަހަރެންގެ ތުންފަތް ޖައްސައި ފިއްތާލީމެވެ. އެ ހަރަކާތް އޭނާއަށް އިހްސާސްވެއްޖެ އެވެ. ދުލުން ނުބުންޏަސް، އެކަން ޔަގީންކުރެވުނީ އަހަރެންގެ ގައިގައި މާ ބާރަށް ދެ އަތުން ހިފެހެއްޓީތީ އެވެ.

"ދުވަހެއްގައިވެސް، އަހަރެންގެ އަތުން ބީނިޝް ބީވެދާކަށް ބޭނުމެއް ނޫން.." ކައިރާ ރޯން ފަށައިފި އެވެ.

"އިން ޝާ ﷲ ތި ދުވަސް ދުވަހަކުވެސް ކުރިމަތި ނުވާނެ.." ޔަގީންކަން ދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ.

"ޔޫ ޕްރޮމިސް؟"

"އައި ޕްރޮމިސް"

ކައިރާގެ މޫނު އަހަރެންގެ ދެއަތުން ފޮހެލައިދިނީމެވެ. 

މަޑުމަޑުންނެވެ. ނާޒުކު ކަފަކޮޅެއްގައިވެސް މީހަކު ބީހިލާނީ އެފަދައިންކަން ދެނެހުރީމެވެ. 

ކައިރާގެ ނިއްކުރީގައި އަހަރެންގެ ތުންފަތް ޖައްސައި ބާރުކޮށްލީމެވެ. 

ދެ ލޯ މަރައިލެވުނީ އިހްތިޔާރަކު ނޫނެވެ. 

ދެ އަތުގެ ތެރޭގައި ހިމާޔަތް ދިނީމެވެ. 

އޯގާތެރިކަމާއެކު އޭނާގެ ބުރަކަށީގައި ފިރުމަމުން ދިޔައީ އަހަރެންގެ އަމިއްލަ ހައްގެއް ފަދައިންނެވެ.

އެތައް ހިޔާލަކުން އަހަރެންގެ ހިތާއި ސިކުނޑި ގަޑުބަޑު ވެފައިވާކަން އެހެން މީހަކު ގާތުގައި ބުނެވޭކަށް ނެތެވެ. މިންވަރެއް ނެތް އަދަދުތަކުން ބީނިޝްއާއި ކައިރާއަށް އަހަރެން ވައުދުވެއްޖީމެވެ. ދެ މައިން ހިމާޔަތްކޮށް ރައްކާތެރިކުރާނެ ކަމަށް ވައުދުވެއްޖައީމެވެ. 

އެކަމަކު އެވަރުގެ ކުޅަދާނަ ކަމެއް އަހަރެންގެ ކިބައިގައި ވޭ ހެއްޔެވެ؟ 

އެކަމަށް އަހަރެން ގާބިލުވާނެ ބާ އެވެ؟ 

އުމުރަށް ދެމައިން ހިމާޔަތް ކުރުމުގައި އަހަންނަށް ކާމިޔާބު ލިބިދާނެ ބާ އެވެ؟ 

މިކުރެވެނީ ރަގަޅުކަމެއްތޯ ނުވަތަ މި ވަދެވެނީ މަޅިއެއްގެ ތެރެއަށްތޯ ނިންމާން އަހަރެންގެ އަމިއްލަ ނަފުސާއި ސިކުނޑި މިވަގުތު އެއްބަހެއް ނުވޭ އެވެ.

ކައިރާއާއި އަހަންނާއި ދެމެދުގައި މިވަނީ ކޮން ގުޅުމެއް ހެއްޔެވެ؟ 

މި ދެމެދުގައި ވިންދު މި ޖަހަނީ ކޮން އިހްސާސަކުން ހެއްޔެވެ؟ 

ބަސްމޮށުންތެރިކަމެއް ލިބިފައި ނެތް ގުޅުމަކުން ބަނދެވި، ހިތުގެ އެންމެ އަޑިން ވައުދު ވެވުމަކީ އަހަރެންގެ މިޒާޖުގައި ވާ ސިފައެއްކަން މީގެކުރީން އަންދާޒާ ކުރެވިފައެއްވެސް ނެތެވެ. 

މިއީ އެކުވެރިކަމެއް ނޫނެވެ. 

އަހަރެންގެ ރަހްމަތްތެރިންނާއި އެކުވެރިން ތިބެ އެވެ. 

މިފަދަ ބާރުގަދަ އިހްސާސެއް އެއިން އެއްވެސް މީހަކާއި ދެމެދުގައި ދުވަހެއްގައިވެސް ކުރެވިފައެއް ނެތެވެ. 

ކުޑަކުއްޖަކު އަމިއްލަ އިހްތިޔާރުގައި އަހަންނަށް ނިސްބަތްކޮށް 'ބައްޕާ'އޭ ބުނެ މުހާތަބްކޮށްފައެއް ނެތެވެ. 

ބައްޕައެއްގެ އިހްސާސުން އަހަރެންގެ ހިތުގައި ބީނިޝް އުފެއްދި މަގާމުގައި ފޮރުވިފައި އޮތީ ކޮން ހަގީގަތެއް ބާ އެވެ؟

އެންމެ އަޖައިބުވެ އަންތަރީސްވާ ކަމަކީ އަހަރެންގެ 'ތަފާތުވަމުންދާ އިހްސާސް'ތަކެވެ. 

ލޯ މެރެން ބޭނުން ވަނީ ބީނިޝްގެ ހިނިތުންވާ މޫނު ދެކެމުންނެވެ. 

ލޯ ހުޅުވުމަށް އެދެވެނީ އެ ކުޑަކުޑަ އަޑުން އަހަރެންނާއި ސަމާސާ ކުރާ އުފާވެރި އަޑުތަކާއެކު އެވެ. 

އޮފީހުގެ ބުރަ މަސައްކަތްތަކުން އަވަދިވެގެން ގެއަށް އައުމާއެކު އެދެވެނީ އަހަރެންގެ ހާޒިރުގައި ކައިރާއާއި ބީނިޝް ވުމަށެވެ.

ދެމީހުން އެކަކު އަނެކަކަށް އަހަރެންގެ އަތުގެ ތެރެއަށް ވަނުމަށް އަވަސްވާ މަންޒަރު، އަހަރެންގެ ލޮލުގެ ނޫރުގައި ބަބުޅަމުން މިދަނީ ކީއްވެ ހެއްޔެވެ؟ 

މިއީ ކޮންފަދަ އަޖައިބެއްކަން އަހަރެން ނިންމާނީ ކޮން ހަގީގަތެއްގެ މައްޗަށް ބުރަވެގެން ހެއްޔެވެ؟ 

ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ތަގުދީރުގައި ލިޔެވިފައި ވިޔަސް، އަހަރެންގެ ހަޔާތުގައި މި ދެމައިންގެ ދައުރު މުހިއްމު ވެއްޖެ އެވެ. 

އަވަށްޓެރިއެއްގެ ގޮތަކު ނޫނެވެ. 

އެކުވެރިއެއްގެ ގޮތަކުވެސް ނޫނެވެ. 

އެއަށްވުރެން އެތަށް ގުނައެއް ގާތްކަން ބޭނުމެވެ. 

އެމީހެއްގެ މައްޗަށް އަހަރެން ބަރޯސާވާ ހަމައެކަނި އަންހެނަކީ ކައިރާކަމަށް ވުމަށް ހިތް ބުނަމުންދާ ސަބަބެއް ނޭގެ އެވެ. ނަމަވެސް އަމިއްލަ ނަފުސަށް އެކަން ސިއްރުކުރެވޭކަށް ނެތެވެ. 

މަޖުބޫރުކަމެއް މި ދެމެދުގައި ވުމަށް ހިތެއް ނޭދެ އެވެ. 

އިހްތިރާމާއި އޯގާތެރިކަމާއި އަޅާލުމާއި ހަމްދަރުދީގެ ޖަޒްބާތުތަކަށް ހިތުގެ ތެޅުން ބަރޯސާވެއްޖެ އެވެ. 

ބީނިޝް އަހަރެންގެ ހަޔާތުގައި ވުމަށް އެދެވެނީ ހަމައެކަނި ކައިރާގެ ދަރިއެއްގެ ގޮތަކު ނޫނެވެ. 

އެއީ އަހަރެންގެ ދަރިއެއްގެ ގޮތުގައި އެވެ.

ކައިރާއާއި ބީނިޝްއަކީ އަހަރެންގެ ދުނިޔެ އެވެ. 

އަހަރެންގެ ރައްކާތެރިކަމުގެ ރޮނގު ހުރަސްކޮށް އެއްވެސް ނުރައްކަލަކަށް އެ ދެމައިންނާއި ހަމަޔަށް ނާދެވޭނެކަން ޔަގީންކޮށްދޭން ބޭނުމީ، އެއީ އަހަރެންގެ ހައްގަކަށް ވާތީ އެވެ.

"ކައިރާ" މަޑުމަޑުން އަހަރެން ގޮވައިލީމެވެ.

ވަރުބަލިވެފައިވާ ދެ ލޮލުގެ އެސްފިޔަތަށް ދުރުކޮށްލާފައި އަހަރެންގެ މޫނަށް ބަލައިލި އެވެ. ފަނޑު ހިނިތުންވުމަކުން ހިތްވަރުދެވުނީ ކައިރާގެ ހައްގުގައި އެވެ. 

"އިން ޝާ ﷲ، މި ދުނިޔޭގެ ހުރިހައި ނުރައްކަލަކުން ބީނިޝްއާއި ކައިރާ އަހަރެން ރައްކާތެރި ކުރާނަން.. އެކަމުގެ އަގެއްގެ ގޮތުގައި އަހަރެންގެ ފުރާނަ ހުށަހަޅާންޖެހުނަސް ތައްޔާރު..! ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ތިޔަ ދެމައިންނަކީ އަހަރެންގެ ދުނިޔެ ކަމުގައި ހަމަޖެހި ނިމުނީ އަހަރެންގެ އިހްތިޔާރަކު ނޫން.. ރައްޔާތެރިކަމާއި އުފަލުގައި ދެމައިން ބަލަހައްޓާނެކަމަށް އަހަރެން ވައުދުވަން.." އަހަރެންގެ ލަފްޒުތަށް ނިންމާލުމުންވެސް ކައިރާގެ ނަޒަރު ދުރަށް ނުލި އެވެ. 

އަހަރެންގެ ލޮލުގެ ތެރެއިން ހޯދަމުންދިޔައީ ކޯންޗެއްކަމެއް ނޭގެ އެވެ. އުއްމީދާއި ދިރުން ކައިރާގެ ލޮލުން އަހަރެން ދުށީމެވެ. 

"ކަންކަން މުޅިން ހަމަޖެހުމަށް ވަގުތުކޮޅެއް ނަގާފާނެ.." 

"އަހަރުމެން ދެ މައިންނަކީ ތަކްލީފެއް ކަމުގައި ހީނުކުރައްޗޭ.."

"ނެވަރ.. ޔޫ ޓޫ އާރ މައި ވޯލްޑް!"

ބޯ ހިއްލާލާފައި އަހަރެންގެ މޫނަށް ކައިރާ ބަލައިލި އެވެ. 

އެ ނަޒަރު އަހަރެންގެ ނިއްކުރިއަށް ރޫ އަރުވާލައިފި އެވެ.

"ބީނިޝް ގާތު އަހަރެން ބުނާނަން، މާލިކްއަށް ބައްޕަ ނުކިޔާށޭ.. ހީވާ ގޮތުން ކުރީ ދުވަހު ބީނިޝް ހުރީ ވަރަށް ބިރުގަތްފައި.. އެހެންވެކަންނޭގެ ބައްޕާއޭ ބުނެވުނީ" ކައިރާގެ ޖުމުލައިން އަހަރެންގެ ރޭ ދައުރުވުން ބަދަލުކޮށްލައިފި އެވެ.

"އެއްވެސް މީހެއްގެ އިޝާރާތެއް ނުވަތަ ބުނުމެއް ނެތި ބީނިޝް އަހަންނަށް އެ ޝަފަރު ދިނީ.. އެކަން މަނާކުރުވަން، އަހަރެން ބޭނުމެއް ނޫން.." 

"އެކަމަކު މާލިކް ތިއީ ބީނިޝްގެ ބައްޕައެއް ނޫން"

"އެހެންތަ؟ އެހެންވިއްޔާ ބީނިޝްގެ ބައްޕަ ކޮބާ؟"  (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;