"ނޭނގެ.. އަހަންނަކަށް ނޭނގެ!" އަހަރެންގެ މޫނުން ނަޒަރު ދުރަށްލަމުން ކައިރާ ބުންޏެވެ. މިފަހަރު އެ ހެދީ ދޮގެއްކަން ޔަގީނެވެ.
"އޭނާ ވީތަނެއް ނޭގެންޏާއި، ބީނިޝް އަހަންނަށް ބައްޕަ ކިޔުމުން މައްސަލައަކީ ކޮބާ؟" އަހަރެންގެ ސުވާލާއެކު އެކި ދިމަދިމާއަށް ކައިރާ ބަލަންފެށި އެވެ. އަހަރެންގެ މޫނު ފިޔަވައި އެވެ.
"އަހަރެން ބޭނުމެއް ނޫން، މާލިކްގެ ގާރލްފްރެންޑް، ނޫނީ ވައިފް، އާއި ދެމެދު އޮންނަ ގުޅުމަށް މިކަމުން ކުޑަވެސް ހީނަރުކަމެއް އަންނާކަށް.." ކައިރާ ބުނެލި އެވެ.
"ހަމަ ހުސް މީހެއް.." އަހަރެން ބުނެލީމެވެ.
"ފަހުން ވިޔަސް...
"ޝްޝްޝް... އަހަރެންގެ ހަޔާތުގައި ތިޔަ ބުނާފަދަ އެއްވެސް މީހަކު ނެތް.. ކައިރާއާއި ބީނިޝްއަށް ދެރައެއް ލިބިދާނެފަދަ ގޮތަކަށް، އެއްވެސް މީހަކު ފަހުންވެސް އަހަރެންގެ ހަޔާތަކަށް ނުގެންނާނަން.. އެހެންވީމާ، އަހަރެންނަށް ބީނިޝް ބައްޕަ ކިޔުމުން އެއްވެސް މައްސަލައެއް ނެތެއްނުން.." އަހަރެން ބުނީމެވެ.
"ބޮޑުވަމުން ދާވަރަކަށް، މިހާރަށްވުރެން އެތަށް ގުނައެއް މާލިކްއާއި ބީނިޝް ގާތްވާނެ.."
"ލެޓް ހަރ! ބީނިޝް ދޫކޮށްފައި އަހަރެން ދާނެ އެހެން ތަނެއް ނެތް"
"މިހާރު ތިހެން ބުންޏަސް، ދެ އަހަރު، ތިން އަހަރު ނޫނީ ހަ އަހަރާއި ހަތް އަހަރު ފަހުންވިޔަސް މާލިކް ލޯބިވާ މީހަކު މާލިކްގެ ހަޔާތަށް އައުމާއެކު އަހަރުމެން ދެމައިން ޖެހޭނީ މުޅިން އެހެން މިސްރާބަކަށް ދީލާލަން.. އޭރުން ބިކަވެ ނިކަމެތިވާނީ ހަމަ އަހަރުމެން ދެ މައިން" ހިމޭންކަމާއެކު ކައިރާ ބުނެލި އެވެ.
ކައިރާގެ ހިތުގައި އޮތް ބިރުވެރިކަން އަހަންނަށް އަންދާޒާ ކުރެވެ އެވެ. އަހަރެން ބީވެ ދާނެ ކަމަށްޓަކަ އެވެ. ނުވަތަ ދެމައިން އެކަނިވެރިވެ، ހާލުގައި ޖެހިދާނެ ހާލަތަކަށްޓަކައި އެވެ.
"ދެ އަހަރުވިޔަސް، ދިހަ އަހަރުވިޔަސް ބާރަ އަހަރާއި ފަނަރަ އަހަރުވިޔަސް އަހަރެން ހުންނާނީ ދެމައިން ގާތުގައި.. އެނގިއްޖެ..؟"
"އެނގިއްޖެ!"
"މި ކުރެވެނީ ކޮންކަހަލަ އިހްސާސެއް ކަމެއް ނޭގެ.. އެކަމަކު މާލިކްގެ ގާތުގައި އަމާންކަމާއި ރައްކާތެރިކަން އިހްސާސްވަމުންދަނީ އަހަރެންގެ އިހްތިޔާރަކު ނޫން.." މަޑުމަޑުން ކައިރާ ބުންޏެވެ.
"އައި ފީލް ދެޓް ޓޫ" އަހަރެން ބުނީމެވެ.
"ޔޫ ޑޫ؟"
"އައި ޑޫ! މިއީ އަޖައިބެއް ކަހަލަ ކަމެއް.. އަލަށް ދިމާވި ފަހުންވެސް، މަހެއް ނޫނީ ދޮޅުމަހެއްގައި ދުވަސް މިވީ.. އެކަމަކު ހީވަނީ މުޅި ދިރިއުޅުން އެކުގައި ބަނދެވިފައިވާހެން.." އަހަރެން ބުނީމެވެ.
"ހޫމްމްމް.. އަޖައިބެއް! ހަގީގަތެއްކަން ގަބޫލުކުރާކަށް ބޭނުމެއް ނޫން.. އަހަރެންނާއި ގާތްވުމުގެ އިޒުނަވެސް އެހެން އިންސާނަކަށް ނުދެން.. އެކަމަކު އަހަރެންގެ ގައިގައި ކޮންމެ ވަގުތެއްގައިވެސް ބައްދައިލުމުގެ ހުއްދަ މާލިކްއަށް ދެވެނީ، އެކަމަށް މުޅި ހަށިގަނޑުވެސް އެދޭތީ.. މި ކުރެވެނީ ކީއްކަމެއް ނޭގޭ.." ނުތަނަވަސްކަމާއެކު ކައިރާ ބުނެލި އެވެ.
"ހަމަޖެހިލާ.. ހިތްހަމަ ޖައްސާލާ.. ބައެއް ހާލަތްތަކުގައި ފަސް ހަ އަހަރު އެކުގައި އުޅުނަސް، އެކަކު އަނެކަކު ދަސްކުރުމަކީ ކުޅަދާނަކަމަކަށް ނުވޭ.. އެކަމަކު ބައެއް މީހުން ދެނެގަތުމުގައި އެންމެ ހިނދުކޮޅެއްވެސް ފުދޭ.." ހަގީގަތް އަހަރެން ބުނެދިނީމެވެ.
އަހަރެންގެ ދެ އަތުގެ ހިމާޔަތުގައި ކައިރާއަށް ޔަގީންކަން ދިނީމެވެ. ހިތްހަމަޖައްސައިދެވޭތޯ މަސައްކަތް ކުރީމެވެ. ފަރުވާތެރިކަމާއެކު ބުރަކަށީގައި ފިރުމީމެވެ. ހިތްވަރު ދެވޭތޯ، އަހަރެންވެސް ހިތްވަރު ކުރީމެވެ. ކުއްލިޔަކަށް އިހްސާސް ކުރެވެން ފެށީ އަހަރެންގެ ހަށިގަނޑުގައި އޮޅާލާފައި އޮތް ކައިރާގެ އަތް ދޫވަމުން ދިޔަކަމެވެ.
މަޑުމަޑުން ހަށިގަނޑު ދުރުކޮށްލާފައި ބަލައިލީމެވެ.
ކައިރާ ވަނީ ގަދަ ނިދީގައި އެވެ. ލޯބި މަންޒަރެކެވެ.
ފަރުވާތެރިކަމާއެކު އަހަރެންގެ ދެ އަތް މަތީގައި އުފުލާލާފައި، އަހަރެންގެ އެނދުގައި އޭނާ ބާއްވައިލީމެވެ. ކުއްލިޔަކަށް ފެނުނު މަންޒަރުން އަހަރެންގެ ކަނދުރާއިން ހޫނު އާތްވެއް އިހްސާސްވި އެވެ. ކައިރާގެ އަތުން ހާމަޔަށް ފެންނާން އޮތް ބައިގައި ވަނީ އަނިޔާގެ ނިޝާން ތަކެކެވެ. އޭނާ ލައިގެން އޮތް ޓޮޕްކޮޅުވެސް އުފުލިފައިވުމުން، އެ ތަން ރަގަޅުކޮށްލުމަށް އަހަރެން އުޅުނީމެވެ. ބަނޑުގައި ހުރި ނިޝާންތައް ފެނުނީ އެވަގުތު އެވެ.
ކައިރާގެ އިޒުނައެއް ނެތި އޭނާގެ ހަށިގަނޑުން ބައެއް ހާމަކޮށް ބެލުމުގެ ކުޑަވެސް މަގުސަދެއް އަހަރެންގެ ނެތެވެ. އެހެން ނަމަވެސް ފެނުނު މަންޒަރު، އަޅައި ނުލައި ދޫކޮށްލެވޭ ވަރަށްވުރެން ހިތްދައްޗެވެ.
ގައި މަތީން ޑުއެޓް އަޅައިލާފައި އަހަރެން ތެދުވީމެވެ. ކޮޓަރިއަށް އަލި ވަންނަމުންދިޔަ ހުރިހައި ދޮރެއް ބަންދު ކުރުމަށް ފަރުދާކޮށްލީމެވެ.
މަޑުމަޑުން ކޮޓަރީގެ ދޮރު ގާތްކޮށްލާފައި ކޮޓަރީން އަހަރެން ނިކުތީމެވެ.
ދޮރު އެއްކޮށް ނުލެއްޕީ، ލޯ ހުޅުވައިލާ ވަގުތުގައި ބިރުން، ކައިރާ ތެޅިގަތްފާނެތީ އެވެ.
...................
ފަސް ބަލައިލުމެއް ނެތި ގޭތެރެއަށް ނިކުތީމެވެ. ފިކުރެއްގެ ތެރެއަށް ގެއްލިފައި ފަހަދު އިނީ މާޔޫސްކަމާއެކު އެވެ. އޭނާއާއި ޖެހިގެން ދާދި ގާތުގައި އިށީނީމެވެ.
"ކީއްކޮށްފައި މާލިކް ތިޔަ އައީ؟" ނުރުހުމާއެކު ފަހަދު ސުވާލުކުރި އެވެ.
"ނަތިންގ!" އަހަރެން ބުނީމެވެ.
"ތިޔަ ކުރެވޭކަމެއް މާލިކްއަށް އެނގޭތަ؟ ކައިރާއާއި ބީނިޝްގެ ގާތުގައި ތަކުރާރުކޮށް މާލިކް ބުނަމުން ތިޔަ އަންނަނީ އެ 'ދެމައިން ގާތުގައި އަބަދަށްޓަކައި ތިމަންނާ ހުންނާނަމޭ..' އެ ބުނުމުގެ ޔަގީންކަމުގައި ބީނިޝް، މާލިކްއަށް ކިޔަން އެ ފެށީ ބައްޕަ.. ލިބުނު ޝޮކްގައި އަތުގެ އިނގިއްޔެއްވެސް ތަޅުވާލަން ނޭގިފައި އަހަންނަށް ހުރެވުނީ، ދެން ވާނެ ގޮތެއްގެ ބިރު އަހަރެންގެ ހަވަނަ ހިއްސު ސިގުނަލް ކުރީތީވެ!" ހިތްހަމަ ނުޖެހިފައި ފަހަދު އަހަންނާއި ވާހަކަ ދެއްކުން މައްސަލައެއް ނެތެވެ. އޭނާގެ އިހްސާސްތަކާއި ކަންބޮޑުވުމަށް އަހަރެން އިހްތިރާމް ކުރަމެވެ.
"އަހަރެން ކަންކަން މިކުރަނީ އަހަރެންގެ ހިތް ބުނާ ގޮތަށް.. މީގައި ގޯހެއް އޮތް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން" އަހަރެން ބުނީމެވެ.
"ކައިރާ އަކީ 'މާލިކްގެ މި މަހުގެ ރަހަ'ކަމަށް ވަންޏާއި ހަމަ މިހާރުން މިހާރަށް އެ ދެ މައިންގެ ހަޔާތުން ދުރަށް ދޭ.. އެމީހުންގެ ހާލަށް އެމީހުން ދޫކޮށްލާ!" އަހަރެންގެ މޫނަށް ބަލައިވެސް ނުލައި ފަހަދު ބުނެލި އެވެ.
"ކައިރާއާއި ދޭތެރޭގައި ތިގޮތަކަށް އަހަރެން ނުދެކެން.. ތިޔަ ހީކުރާ ވަރަށް ވުރެން ކައިރާ އަހަންނަށް މުހިއްމު" އަހަރެން ބުނެލީމެވެ.
"އެހެންވިއްޔާ، ކައިރާއާއި ކައިވެނި ކުރޭ!" ފަހަދު ބުނެލި އެވެ.
"ފައިން! ލެޓްސް ގޯ.." އަހަރެންގެ ޖުމުލައިގެ އަޑު ނުކެނޑެ އެވެ. ފަހަދުގެ ކުރިމަތީގައި ހުރި ފިނި ފެންތަށި އޮއްސާލީ އަހަރެންގެ ބޮލަށެވެ.
"ވަޓް ދ..
"ހަޔާތުގެ ކޮންމެވެސް ހިސާބަކުން ބައެއް ކަންކަމުގައި އިންސާނުން ސީރިއަސްވާންޖެހޭ..!" ހިތްހަމަނުޖެހިފައި ފަހަދު ބުނެލި އެވެ.
"އަހަރެން ސީރިއަސް..! ހަމަ ވަރަށް ސީރިއަސް..!" ހާސްކަމެއް ނެތި އަހަރެން ބުނެލީމެވެ.
އަހަރެންގެ ކޮނޑުގައި އަޅައި ކޮއްޕާލި އެވެ. ބާރަކަށް ނޫނެވެ. އެއް އަރިޔަކަށް ސޯފާ މައްޗަށް އަހަރެން ވެއްޓުނީ އެފަދަ ކަމަކަށް އަހަރެން ވިސްނާފައި ނެތުމުންނެވެ. ފުންމައިގެން އެއް އަރިޔަކަށް ފަހަދު އެރީ އަހަރެންގެ ގައިމައްޗަށެވެ. ހާސްވެ ކަންބޮޑުވެފައި ވާކަން ފަހަދުގެ މޫނާއި އޭނާގެ ހަރަކާތްތަކުން ސަފުކޮށް އެނގެ އެވެ.
"ކޮންފަދަ ކަމެއް މިއީ..؟" އޭނާގެ އެ ހަރަކާތަށް އިޝާރާތްކޮށްފައި އަހަރެން އެހީމެވެ.
"އެ ދެމައިންނަށް މާލިކް އެހީވާނަން ދޯ؟" ޝައްކެއްގެ ތެރެއިން ފަހަދު ސުވާލުކުރި އެވެ.
"އެކަން ޔަގީން..! އަހަރެން ސުވާލެއް ކޮށްލަންތަ؟" ފަހަދުގެ އިޒްނައަށް އެދުނީމެވެ.
"ފުރަތަމަ ކަމަކަށް މަގޭ ގައިމަތިން ތެދުވޭ!" ކުޑަކޮށް ކޮށްޕާލާފައި އަހަރެން ބުނީމެވެ.
"މި ގޮތް މާ ރަގަޅު!" އަހަރެންގެ ގައިގައި ދެ އަތުން ބައްދާފައި ފަހަދު ބުންޏެވެ.
"އައްޗީޑި! ތެދުވޭ.. މިހާރު ތެދުވޭ! މީހަކަށް މި މަންޒަރު ފެނިއްޖެއްޔާ މަގޭ އަބުރާއި އިއްޒަތް ވަޅުލެވޭނެ..!" އަހަރެންގެ އެކުވެރިޔާގެ ސަކަ، މި މިޒާޖު ވަރަށް ކަމުދެ އެވެ.
ގަދަ އަޑުން ފަހަދު ހޭން ފެށި އެވެ. ފަހަދުގެ ހާއްސަ ކަމަކީވެސް އެއީ އެވެ. ނަމަވެސް މިފަދަ ސަމާސާއަކަށް އަހަރުމެން ދެމީހުންވެސް މިވަގުތު ތައްޔާރެއް ނޫނެވެ.
"އޯކޭ.. އޯކޭ.. އަހާބަލަ!" ފަހަދުގެ އިޒުނަ ލިބުނެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;