މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި އެ ފަސް ޑައިވަރުންގެ ތެރެއިން މިހާތަނަށް ކަނޑުގެ އަޑިން ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް މެދުނުކެނޑި އަންނަނީ ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ 2010 ވަނަ އަހަރު ބަން "އެމްވީ ޑޫކް އޮފް ޔޯކް"ގެ ލައިސަންސް ހިފެހެއްޓީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
މިނިސްޓްރީގެ ޕޯޓަލް އިން ދައްކާގޮތުގައި 12 ކޮޓަރީގެ ޑޫކް އޮފް ޔޫކްގެ ވެރިފަރާތަކީ އަބްދުލް މުހުސިން މޫސާ ނަމަކަށް ކިޔާ ބޭފުޅެކެވެ. އަދި އެ ސަފާރީ އޮޕަރޭޓްކުރަނީ މުހުސިން އަދި އިބްރާހިމް ރަޝީދުގެ ހިއްސާ އޮންނަ އައިލެންޑު ކްރޫޒް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގައި މިހާތަނަށް ފެނުނު ޑައިވަރުގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގައި ޑައިވްކުރަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ. ކަމާގުޅުން ހުރި އިދާރާތަކުން ދަނީ އެ އަށް ވުރެ ފުނަށް ފީނި ސަބަބު ބަލަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;