ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި މިއަދު ޑައިވް ކުރަނިކޮށް ހާލު ދެރަވުމުން އިތުރު ފަރުވާ ދިނުމަށް، ސާޖަންޓު ފަސްޓް ކްލާސް، މަހުދީ މެންދުރު ފަހު އޭޑީކޭއަށް ގެންދިޔަ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ ވަނީ ނިޔާވެފަ އެވެ.
މަހުދީގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. އަދި ރަސްމީ އިއްޒަތުގައި ވަޅުލާފައިވަނީ އާސަހަރާގަ އެވެ.
މަހުދީގެ ވަކިވެދިއުމާ އެކު، ޖަނާޒާގެ ކުރިން އޭނާ ވަނީ "ސާޖަންޓް ފަސްޓް ކުލާސް" ގެ މަގާމަށް ޕްރޮމޯޓް ކޮށްފަ އެވެ.
މި ހާދިސާއާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރެސްކިއު އޮޕަރޭޝަނުގައި ޖުމްލަ އަށް ޑައިވަރުން މޫދަށް ފޭބި ކަމަށެވެ.
ނަމަވެސް، ޑައިވަރުން މައްޗަށް އެރިއިރު އޭގެ ތެރޭގައި މަހުދީ ނެތްކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
މަހުދީގެ މަރާއެކު އެ އޮޕަރޭޝަން މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. އަަދި އެ އޮޕަރޭޝަން އަލުން ފެށުމަށްޓަކައި، ފިންލޭންޑްގެ ހާއްސަ ތަޖުރިބާކާރުންގެ ޓީމެއް މާދަމާ ރާއްޖެ އަންނާނެ އެވެ.
ފުންމިނުގައި ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) ހުންނާނެ ކަމަށް ބެލެވޭ މި ކަނޑުހޮހޮޅަ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެން ފީނި ސަބަބެއް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. މިހާ ފުނަށް ފީނުމަކީ ރާއްޖޭގެ ރިކްރިއޭޝަނަލް ޑައިވިންގެ ގަވައިދުގެ ދަށުން ހުއްދަ ކަމެއްނޫނެވެ. ރާއްޖޭގައި ޓޫރިސްޓުން ގޮވައިގެން ފީނުމުގެ ހުއްދަ އޮންނަނީ 30 މީޓަރަަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;