ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށާފަ އެވެ.
މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. މި ހާދިސާއާގުޅިގެން ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހިފަހައްޓާފަ އެވެ.
ގެއްލުނު ޑައިވަރުން ހޯދުމަށްޓަކާ ސިފައިން އަންނަނީ ހައި ރިސްކް އޮޕަރޭޝަނެއް ހިންގަމުންނެވެ. ޑައިވަރުން ހޯދުމުގެ ރެސްކިޔު އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މުހައްމަދު މަހުދީ، 44، ވަނީ މިއަދު ނިޔާވެފަ އެވެ.
މި އޮޕަރޭޝަނުގެ ނުރައްކާތެރިކަން ކުރިން ވެސް ހާމަކޮށްފައިވަނިކޮށް، މަހުދީ ނިޔާވުމާ ގުޅިގެން އެ އޮޕަރޭޝަން މި ވަގުތަށް މެދުކަނޑާލާފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި އެވެ.
މުންދު ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުގައި ބައިވެރިވުމަށް އިޓަލީން ފޮނުވާ ތަޖުރިބާކާރު ޑައިވަރުންތަކެއް މާދަމާގެ ވަގުތެއްގައި ރާއްޖެއަށް އަންނާނެ އެވެ. އަދި އެ މީހުން އައުމާ އެކު، ޓޫރިސްޓުން ހޯދުމުގެ އޮޕަރޭޝަން އަލުން ފަށާނެކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ މި އޮޕަރޭޝަނަށް އިޓަލީ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ ސަރުކާރުތަކުން ވެސް ފަންނީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.
އެމްއެންޑީއެފުން ކުރިން ބުނީ މިހާތަނަށް ހޯދުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ޑައިވްކުރަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;