"އަހަންނަށް ކައިރާ ވަރަށް ކަމުދޭ.. އެކަމަކު ވަރަށް އަޖައިބު ކުރުވަނިވި ކަމެއް މިއީ.. މިކުރެވޭ އިހްސާސްތަކަށް ގޮތެއް ނިންމާކަށް އަހަންނަކަށް ނޭގޭ.. ހަގީގަތުގައި ބުނަންޏާ، މިއީ ކައިރާއާއި މިފަދަ ގޮތަކަށް ދިމާވި ދެވަނަ ފަހަރޭވެސް ބުނެވިދާނެ.. އެކަމަކު މިވާ ގޮތެއް ބުނެދޭކަށް ނޭގެ... އަހަންނަށް އިހްސާސްވަނީ، ކޮންމެވެސް ކަހަލަ ދަމާ ބާރަކުން ކައިރާއާއި ދިމާއަށް އަހަރެން ގެންދާހެން.. ބީނިޝް އަހަންނަށް ބައްޕަ ކިޔުމުން، ކުޑަވެސް އާކަމެއް ނުވަތަ ނުތަނަވަސް ކަމެއް އިހްސާސެއް ނުވި! ހިތަށް އަރަނީ އެއީ ހަމަ އަހަރެންގެ ދަރިއެކޭ.. މައިންބަފައިންގެ ކުލުނު ދަރިންގެ ހިތުގައި ލެއްވުމަކީ ގުދުރަތީ ކަމެއް.. އެކަމަކު އަހަރެންގެ ހިތާއި ނަފުސުގައި އާރޯވަމުން މިއަންނަ ދަރި ކުލުނަށް އަހަރެން ގޮތެއް ނިންމާނީ ކިހިނެއް؟"
އަހަރެންގެ ހާސްކަން އެކުވެރިޔާއާއި ހިއްސާ ކުރީމެވެ. ޝައުގުވެރިކަމާއެކު އޭނާ އަޑުއެހި އެވެ.
"މާލިކްގެ ތިޔަ އިހްސާސާއި ކަންކަން ވެގެން މިދަނީ އަޖައިބު ކުރުވަނިވި ގޮތަކަށް.. އެކަމަކު އަހަރެން ބުނަން އޮތީ، މި ހާލަތުގައި މާލިކް ވަރަށް ފަރުވާތެރި ވާންޖެހޭނެޔޭ.." ފަހަދުއަށް ވިސްނިފައި އޮތް ގޮތް އޭނާ ބުނެދިނެވެ.
އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ.
"ވަރަށް މަސައްކަތުން ކައިރާ އެއްބަސް ކުރުވިއްޖެ.. މިތަނުގައި އަހަރުމެންނާއެކު ދިރިއުޅެން އާއެކޭ ބުނެފި.. އަހަންނަށް މިކުރެވޭ ޒާތުގެ އިހްސާސްތަކެއް ކައިރާއަށްވެސް އެބަ ކުރެވޭހެން ހީވަނީ..!" ޖެހިލުން ވެފައިވެސް އަހަރެން ފަހަދުއާއި ހިއްސާކުރީމެވެ.
"ކައިރާގެ ހިތުގެ ކޮންމެވެސް ހިސާބެއްގައި މާލިކްއަށް މަގާމެއް ހާއްސަކޮށްފިކަން އަހަންނަށްވެސް އެނގޭ.." ވިސްނުމެއްގެ ތެރެއިން ފަހަދު ބުންޏެވެ.
"ކިހިނެއް؟" އެކަން ފަހަދުއަށް އެނގުނު ގޮތަކާއިމެދުގައި އަހަރެން ހައިރާންވި އެވެ.
"މަހެއްހައި ދުވަހަށް މާލިކް ފުރައިގެން ދިއުމުން، ދެ މައިން ވަރަށް އެކަނިވެރިވި.. އެކަމަކު އެކަން ފާޅެއް ނުކުރޭ! އެ ހުރިހައި ކަމެއް ހިނގައި ދިޔައީ އަހަރެންގެ ކުރިމަތީގައި... މާލިކްގެ ހަބަރެއް ނުވާން ފެށީމައި، ކުރިއަށް ވުރެން މާގިނައިން ބީނިޝް މި ބަޔަށް އަންނާންފެށި.. އެކަމަކު އަހަރެންގެ ކޮޓަރިއަކަށްވެސް ނުވަދޭ.. ސިޓިންގ ރޫމްގައި މަޑެއްވެސް ނުކުރާނެ.. ތި ކޮޓަރިއަށް ވަންނަ ގޮތަށް އޮށޯންނާނީ އެނދުގައި.. ހިންދީ ކޮންމެވެސް ޝޯވްއެއް ބަލަން އޮންނަނީ.. އޭގައި އެ ކިޔާއެއްޗެއް ބީނިޝްއަށް އެނގޭކަމެއް ނޫނީ ނޭގޭކަމެއްވެސް ނޭގެ.. ފަހުން އެނގުނީ އެއީ މާލިކްއާއެކު ބެލި ޝޯވްއެއްކަން..! އެދުވަސްކޮޅު ވަރަށް ވާހަކަވެސް މަދު.. ބީނިޝްގެ ފަހަތުން ކައިރާވެސް އަންނާނެ.. އެކަމަކު ވަރަށް ހިމޭންވާނެ.. މާލިކްއާއިބެހޭ ގޮތުން އެއްވެސް ސުވާލެއް ނުކުރޭ.. އެކަމަކު އަހަންނަށް އިނގޭ ކައިރާގެ ދެ ލޯ ހޯދަނީ ހަމައެކަނި މާލިކް!"
އަހަރެން ރާއްޖޭގައި ނެތި ދިޔަ މަހެއްހައި ދުވަހުގެ ޔައުމިއްޔާ ފަހަދު އިއްވާލި އެވެ. އެއީ އަހަރެން އެނގެން ބޭނުންވި މައުލޫމާތެކެވެ. ފަހަދު ކައިރީގައި އެވާހަކަތަށް އަހަން ނުކެރުނީ އެވެ.
ދެމައިންގެ އެކަނިވެރިކަމުގެ އެ ހާލަތުގެ ޒިންމާ ނަގަންޖެހޭ މީހަކީ އަހަރެންނެވެ.
ލިބުނު މާޔޫސްކަމަށްވުރެން އިހްސާސްވި ހިތްހަމަޖެހުމާއި ހިތަށް ލިބުނު ފިނިކަން ބޮޑެވެ. ކޯތާފަތުން އަރަމުންދިޔަ ހޫނުގައި ލަދުވެތިކަމުގެ ފިޔާތޮށި ކުލަ މޫނުން ފެނިދާނެތީ އަހަރެން ސަމާލުވީމެވެ. ފަހަދު ދިމާކުރާނެވަރު އެހެންމީހަކު އަހަރެންގެ ސަމާލުކަމަށް ގެންނާކަށް ނުޖެހޭނެ އެވެ.
އިވުނު އަޑުތަކަށް ބަލާފައި އެއް ކަމެއް ޔަގީންވެއްޖެ އެވެ. އަހަރެންނަށް މިކުރެވޭ އިހްސާސްތައް ކައިރާއަށްވެސް ކުރެވޭކަން ޔަގީންވީ އެވެ. ބުރަ މަސައްކަތުގައި އުޅެފައި ވަރުބަލިވެގެން މެންދަންވުމުން ޖައްސައިލިޔަސް، ލޮލުގެ އެސްފިޔަތަކާއި އަހަރެންގެ ނިދި ދުރުވި މިންވަރު އެހެން މީހަކަށް ނޭގޭނެ އެވެ. އަހަރެންގެ ހިތާއި ސިކުނޑީގައި ކައިރާއާއި ބީނިޝް ރަނިކަން ކުރަމުންދިޔައީ އަހަރެންގެ ކޮންޓްރޯލްގެ ދަށަކު ނޫނެވެ. އަހަރެންގެ ދެ ލޯ ނިންޖާއި ދުރުވި ފަދައިން ކައިރާގެ ލޮލަށްވެސް އެ މަސްދުވަހު ނިދި ނާންނާނެކަން ޔަގީން ވެއްޖެ އެވެ.
"މަންމާ.. ބައްޕާ..." ކުޑަކުޑަ އަޑަކުން މަޔޫސްކަމާއެކު ގޮވައިލި އަޑު އިވުމުން ސިއްސައިގެން ގޮސްފައި ބަލައިލީމެވެ.
ފަހަދުގެ ކޮޓަރީން ނިކުމެގެން އަހަރެންގެ ބީނިޝް އެ އަންނަނީ ރޮމުންނެވެ. ދެ ލޯ ވަނީ ރަތްވެފައި އެވެ.
"ހެލޯ ޕްރިންސެސް" އަހަރެންގެ ބީނިޝްއަށް ގޮވައިލީމެވެ. ނުހަނު ބާރަށް ދަރިފުޅު ދުއްވައިގަތީ އަހަންނާއި ހަމައަށް އައުމަށެވެ.
"މަޑުމަޑުން... މަޑުމަޑުން.." އަހަރެންގެ އަޑު އެހީސާބަށް ފޯރާހެން ހިޔެއް ނުވެ އެވެ.
ސްޕީޑަށް ބަދަލެއް ނައެވެ. ދުވެފައި އައިސް އަހަރެންގެ އަތުތެރެއަށް ވަނުމުން އުރާލާފައި އުނގުގައި ބޭންދީމެވެ.
"ހާއި ކަޕްކޭކް" ބީނިޝްގެ ކޮލުގައި މަޑުމަޑުން ބޮސްދެމުން އަހަރެން ބުނެލީމެވެ.
"ޔޫ ނޯ ލީވް މީ" އެއީ ހާސްކަމުގެ ސުވާލެކެވެ.
ބީނިޝް ދޫކޮށްފައި ނުދާނެކަމަށް ބުނެ އަހަރެން ވައުދުވީމެވެ.
"ޔޫ ނޯ ލީވް މަންމާ ޓޫ" އަނެއްކާވެސް ސުވާލެކެވެ.
ބީނިޝްވެސް އަދި ބީނިޝްގެ މަންމަވެސް ދޫކޮށްފައި އަހަރެން ނުދާނެކަމަށް، މިފަހަރުވެސް ހިތުގެ އަޑިން ޔަގީންކަން ދިނީމެވެ.
"އައި ކޭން ކޯލް ޔޫ ބައްޕާ"
"ޔެސް، ޔޫ މޭ"
އަހަރެންގެ ޖަވާބަށް ބީނިޝް ހިތްހަމަޖެހިއްޖެ އެވެ. އަމިއްލަ އިހްތިޔާރުގައި އަހަރެންގެ މޭގައި ބޮނޑިވެލާފައި އަހަރެންގެ އަތުގައި އަޅާފައި އޮތް ލެދަރ ބޭންޑާއި ކުޅެން ފެށީ ހަމަޖެހިލާފަ އެވެ.
"އައި މިސް ޔޫ" ވަރަށް މަޑުމަޑުން ބީނިޝް ބުނެޏެވެ.
"އައި މިސްޑް ޔޫ ޓޫ ކަޕްކޭކް" އަސަރާއެކު އަހަރެންވެސް ބުނީމެވެ.
"މަންމާ ސޭޑް ވެން ޔޫ ލީވް" ބީނިޝްގެ ހިތުގެ ރިހުން، އަހަންނާއި ހިއްސާކުރުމަށް ތައްޔާރުވެގެން އިންހެން ހީވި އެވެ. މާ ޝާ ﷲ އެވެ. މަންމަ ދެކެ އިންތިހާއަށް ލޯބިވާ ކުޑަކުޑަ ދަރިއެކެވެ.
"ކީއްވެ" އިތުރަށް އެނގެން ބޭނުންވާތީ ސުވާލުކުރީމެވެ.
"ޝީ މިސް ޔޫ ޓޫ" ވަރަށް މަޑުމަޑުން ބުނެލި އެވެ.
"އަސްލުވެސްތަ؟" ގަސްތަކު ނޫނެވެ. ސުވާލު، ދުލުން ބޭރުވީ އެވެ. އަހަރެންގެ ހިތުގެ ތެޅުމުގެ އަޑު އެހެން އިންސާނަކަށް އިވޭކަށް މިވަގުތު ބޭނުމެއް ނޫނެވެ.
އާއެކޭ ބުނުމަށް ބީނިޝްގެ ބޮލުން އިޝާރާތް ކުރި އެވެ.
މަޑުމަޑުން އިސްއުފުލާލައިފައި އަހަރެންގެ މޫނަށް ބީނިޝް ބަލައިލި އެވެ. އެއްޗެކޭ ބުނަން އުޅެފައި ފަސްޖެހުނެވެ. ބީނިޝްގެ މި ހިމޭންކަން އަހަންނަށް ކަމަކުނުދެ އެވެ.
"ބީނިޝްގެ ބައްޕައާއި ހިއްސާކޮށްލަބަލަ.. މިއީ އަހަރުމެން ދެމީހުންގެ ސިއްރު ވާހަކަ.. އެހެން އެއްވެސް މީހެއްގެ ގާތުގައި ނުބުނާނަން.." އަހަރެންގެ މައްޗަށް ބީނިޝްގެ ޔަގީންކަން އިތުރުކުރަން އަހަންނަށް މަޖުބޫރެވެ.
މަންމަ ގާތުގައި ނުބުނުމަށް އަނެއްކާވެސް ބީނިޝް ތަކުރާރުކޮށްލި އެވެ. އަހަރެންގެ ލޮލުން ބޮލުން އެއްބަސްވެ، ވައުދުވީމެވެ. ދިގު ވާހަކައެއް ދިވެހި ބަހުން ބުނެދިނުން ބީނިޝްއަށް ފަސޭހަ ނުވާނެކަން އަހަންނަށް އެނގެއެވެ. ވާހަކަ ފެށުމަށް އަހަރެން އެހީތެރިވީ އެ ސަބަބަށްޓަކަ އެވެ.
ވަރަށް ގޯސް ބޭބެއަކު ގެއަށް އަންނަ ވާހަކައާއި ވަރަށް ރުޅިގަދަކޮށްލާފައި ކައިރާއާއި ޒުވާބުކުރާކަމަށް ބީނިޝް ބުނެދިނެވެ. މަންމައަށް ރޮވޭތީ، އެކަމުން މަންމަ ސަލާމަތް ކުރަން ބީނިޝް އެހީތެރިވާކަމަށްވެސް ބުނެދިނެވެ. ނަމަވެސް އެ ބުނާ ބޭބެގެ އަތުގެ ކޮޅަށް ބީނިޝް ކޮށްޕާލާފައި ކައިރާއަށް އަނިޔާކުރާކަމަށްވެސް މި ކުޑަކުޑަ ފުރާނަ އަހަންނަށް ބުނެދިނެވެ. ލޯބި ދެ ލޮލުން އޮހެރެމުންދިޔަ ކަރުނަ އަހަރެން ފޮހެލައިދިނީމެވެ. ނިއްކުރިއާއި މޫނުގެ އެތަން މިތަނުގައި ބޮސްދިނީމެވެ.
އެ ބޭބެ، ބީނިޝް ދަންނަންތޯ އަހަރެން ސުވާލުކުރީމެވެ. ޖަވާބުގައި އާއެކޭވެސް ނުވަތަ ނޫނެކޭވެސް ނުބުންޏެވެ. އަނެއްކާވެސް ހުޅުވާލީ މައުލޫމާތުގެ ސަފްހާ އެވެ.
ތަފާތު އެކި ފަހަރުމަތީން އެ ބޭބެ ގެއަށް އަންނަކަމަށް ބީނިޝް ބުންޏެވެ.
މަންމައާއި ބީނިޝްއަށް މި ނޫނަސް ގޯނާކުރޭތޯ އަހަރެން ސުވާލުކުރީމެވެ. މިފަހަރުގެ ޖަވާބަކީ ސާފު ބަހުން 'އާއެކޭ' އެވެ.
މަންމައާއެކު ޕާކަށް ދިއަޔަސް އެތަނަށްވެސް އަންނަ ކަމަށާއި ކޮންމެ ފަހަރަކު ވަރަށް ބާރަށް އެއްޗެހި ކިޔާކަމާއި ސިއްރާއި ފާޅުގައިވެސް ކައިރާއަށް އަނިޔާކުރާތަން ފެންނަކަމަށް ބީނިޝް ބުނެދިނެވެ.
"އިޓްސް އޯކޭ، ޕްރިންސެސް... ދެން އެމީހާ ނާންނާނެ.. އޯކޭ؟" ބިރުގަތްފައިވާ ކުޑަކުޑަ ފުރާނައަށް އަމާންކަމެއް އިހްސާސްކޮށް ދިނީމެވެ. ބީނިޝް އާއި އަހަރެންނާއި ދެމެދު ވެވޭ ކޮންމެ ވައުދެއްގައި ދިރުން ނޫނީ ނުވާނެ އެވެ.
"ޕްރޮމިސް؟"
"ޕްރޮމިސް!"
ބީނިޝްގެ ސުވާލާއި އަހަރެންގެ އަހުދަށްފަހު، އަހަރެންގެ އުނގުގައި ދަރިފުޅު ހަމަޖެހިލި އެވެ. މޭގައި ބޯ އަޅާލާފައި ބޮނޑިވެލުމުން، ބީނިޝްގެ ބޮލުގައި އަހަރެން ބޮސްދިނީމެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;