
މިދިޔަ މަހުން ފެށިގެން ސަރުކާރުގެ މުވައްޒަފުންގެ އަތުން ޓެކްސް އުނިކުރަން ފެށީ އިންކަމް ޓެކްސް ނަގަން ފަށުމާ ގުޅިގެންނެވެ. އެގޮތުން ގާނުނުގައި ވާ ގޮތުން އެ ޓެކްސް ނަގަނީ މަހަކު 60،000 ރުފިޔާ އިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުން ކަމަށްވާއިރު ސަރުކާރު މުވައްޒަފުންގެ ތެރޭގައި މި ބްރެކެޓަށް ފެތޭނީ މަދު އަދަދެއްގެ މުވައްޒަފުންތަކެކެވެ.
މިދިޔަ މަހުން ފެށިގެން މުވައްޒަފުންގެ އުޖޫރަ އިން ޓެކްސް އުނި ކުރަން ފިނޭންސް މިނިސްޓްރީން ނިންމާފައިވާއިރު މުވައްޒަފުންގެ އުޖޫރައިން "ވިތު ހޯލްޑިން ޓެކްސް" އުނި ކުރުމުގައި އަމަލު ކުރާނެ އުސޫލު ތަކެއް އާއްމު ކޮށްފައިވެ އެވެ.
އެ އުސޫލުގައިވަ ގޮތުން ޓެކްސް ނެގޭނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ދައުލަތުގެ ބަޖެޓުން މުސާރަދޭ މުވައްޒަފުންނާއި ދައުލަތުގެ އެކިއެކި ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އުޖޫރަ އާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
އަދި މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް ދައްކަން ޖެހޭ މުވައްޒަފުން ހިމެނޭ އޮފީސް ތަކުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ހަ ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވިތުހޯލްޑިން ޓެކްސް ދެއްކުމަށް ފުރިހަމަކުރަން ޖެހޭ ހުރިހާ ކަންތައްތައް ކުރަން ޖެހޭކަމަށް ވިތު ހޯލްޑިން ޓެކްސް އުސޫލުގައި ބުނެ އެވެ.
އެ އުސޫލުގައި އިތުރަށް ބުނެފައިވާ ގޮތުން، އެކައުންޓިން ސޮފްޓް ޗެއާ އެޗްއާރު މޮޑިއުލް ބޭނުންކުރާ އޮފީސްތަކުން ސިސްޓަމްގައި ރެކޯޑް ކުރާއިރު، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި އުނިކޮށްފައިވާ މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސްގެ އަދަދު "512014" ކޯޑުގައި ހިމަނަން ޖެހެ އެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ތައަރަފްކުރި އިންކަމް ޓެކްސްއަކީ ވަކިވަކި ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ނިންމައި ތައަރަފްކުރެވުނު ޓެކްސްއެކެވެ.