
މި ފެސިލިޓީއަކީ 2020 ވަނަ އަހަރު ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއިއެކު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގުޅިގެން "އެލިމިނޭޓިން ޕަރސިސްޓްންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރީ ސައުންޓް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއު ދަށުން ކުރާ މަސައްކަތެކެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖު ކުރުމަށް ވަސީލަތްތައް ގާއިމް ކޮށްފައި ނުވާތީ، އެ އެއްޗެހި ރައްކާތެރި ގޮތުގައި ނައްތާލުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެ ކަމަށް ހައްލު ހޯދުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
މިނިސްޓްރީ ބުނިގޮތުގައި، 2020 ވަނަ އަހަރު ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާ އެކު، ޔޫއެންޑީޕީ އާއި ގުޅިގެން "އެލިމިނޭޓިން ޕާސިސްޓްންޓް އޯގަނިކް ޕޮލިއުޓަންޓްސް ތުރީ ސައުންޓް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއު ވަނީ ފަށައިފަ އެވެ.
18.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނީ ވަންދޫގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގަ އެވެ. މި މަސައްކަތް 10 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލާއި އުފެދޭ ނުރައްކާތެރި ކުނި މެނޭޖުކުރުމަށް އެ މަޝްރޫއުގެ ދަށުން ގާނޫނީ އޮނިގަނޑެއް ތައްޔާރުކުރުމާއި އެ އެއްޗެހި މެނޭޖުކުރާނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ނުރައްކާތެރި ކުނި މެނޭޖްކުރާ ފުރަތަމަ މަރުކަޒު ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީގަ އެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި މަރުކަޒެއް އަޅާއިރު، އުތުރުގައި ގާއިމުކުރާ މަރުކަޒު އަޅަން މިހާރު މިވަނީ ހަވާލުކޮށްފަ އެވެ.