ads
ެއެހީ ހިފައިގެން ދަތުރު ކުރި ފްލައިޓް ވައްޓާލިކަމަށް އިތިއޮޕިއާ އިން އެއްބަސް ވެއްޖެ
އެހީ ހިފައިގެން ދަތުރު ކުރި ކެންޔާގެ އެފްރިކަން އެކްސްޕްރެސް އެއާވޭސްގެ ފްލައިޓް ވައްޓާލި ކަމަށް އިތިއޮޕިއާ އިން އެއްބަސް ވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ކޮވިޑް-19 އާ ގުޅޭ ސިއްހީ ސާމާނު ހިފައިގެން ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއިން ބަރަދަލޭއަށް އަށް ދަތުރު ކުރި ކެންޔާގެ ޕްރައިވެޓް ކާގޯ ފްލައިޓް ވަނީ ސޯމާލިއާ ގެ ބަރަދަލޭއަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިފަ އެވެ.

އިތިއޯޕިއާ އިން ބުނީ އެ ބޯޓު ވައްޓާލީ ބަރަދަލޭގައި ގާއިމްވެގެން ތިބި އިތިއޯޕިއާގެ ސިފައިން ދިން ހަމަލާއަކުން ކަމަށެވެ. އަދި އެ ބޯޓު އުދުހެމުން ދިޔައީ ވަރަށް ތިރިން ކަމަށާއި، އެބޯޓު އަންނަކަން ކުރިން ނޭނގޭ ކަމަށް އިތިއޮޕިއާ އިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން، އިތިއޮޕިއާ އިން ބުނީ ހަނގުރާމަވެރި އަލް ޝަބާބު އިން ހިންގި އޮޕަރޭޝަނެއް ކަމަށް އެ ގައުމުން ހީކުރި ކަމަށެވެ.

އެ މަތިންދާބޯޓު ވެއްޓިފައިވަނީ ޖައްސަން ވަރަށް ކައިރިވެފައި ވަނިކޮށް ކަމަށް ސޯމާލިއާ ގެ ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އެ ބޯޓު ވައްޓާލާފައި ވަނީ ގަސްތުގައި ދިން ހަމަލާ އަކުން ކަމަށް ކުރިން ވެސް ވަނީ ވާހަކަ ދެކެވިފަ އެވެ. އެގޮތުން، ފްލައިޓް ޖައްސަން އުޅެނިކޮށް ހަމަލާދީ ވައްޓާލާފައިވާ ކަމަށް ސޯމާލިއާގެ ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް އަލްޖަޒީރާ އިން ވަނީ ރިޕޯޓު ކޮށްފަ އެވެ.

ކާގޯ ފްލައިޓް ވެއްޓުނު އިރު އެ ފްލައިޓުގައި ދަތުރު ކުރަމުން ދިޔަ ހަ މީހުން ވެސް ވަނީ މަރުވެފަ އެވެ. ފްލައިޓްގައި ތިބި ހަ މީހުންގެ ތެރޭގައި، ޕައިލެޓް އާއި ކޯ ޕައިލެޓް އަދި ފްލައިޓް އިންޖިނިއަރުގެ އިތުރުން ޓްރެއިނީ ޕައިލެޓަކާ އެ އެއާލައިނުގައި މަސައްކަތް ކުރާ ދެ މީހުން ތިބިކަމަށް ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް