މި ރެކޯޑު ހަދާފައިވަނީ ޗައިނާގެ މަޝްހޫރު ސައިކަލު އުފައްދާ ކުންފުންޏެއް ކަމަށްވާ ޒީއެކްސް މޮޓޯގެ ބާނީ ޒޭންގް ޒުއޭ އެވެ. އޭނާ ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ޗައިނާގެ ހޫނާން ޕްރޮވިންސްގެ ޖިންޖިއަންގް ކޯރު މަތީގައި ސައިކަލު ދުއްވައިގެން ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ހޯދާފައެވެ.
ޒޭންގް ޒުއޭ ވަނީ ފެންމަތީގައި މެދުކެނޑުމެއް ނެތި 40.74 ކިލޯމީޓަރު (25.31 މޭލު) ގެ ރާސްތާއެއް ކަޑައްތުކޮށްފައެވެ. މިއީ މީގެ ކުރިން މި ބާވަތުގެ ދަތުރެއްގައި ހަދާފައިވާ 31.8 ކިލޯމީޓަރުގެ ރެކޯޑަށް ވުރެ މާ ބޮޑު ކުރިއެރުމެކެވެ. މުޅި މި ދަތުރު ނިންމާލުމަށް އޭނާ ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް 32 މިނެޓުގެ ވަގުތެކެވެ.
މި ތާރީހީ ކާމިޔާބީ ހާސިލުކުރުމަށްޓަކައި އޭނާ ބޭނުންކުރީ އެ ކުންފުނީގެ އެމްއެކްސް 450 މޮޑެލްގެ ޑާޓް ބައިކެކެވެ. މި ސައިކަލު ފެންމަތީގައި ދުއްވޭނެ ގޮތް ހެދުމަށްޓަކައި އިންޖިނިއަރުންގެ ޓީމުން ވަނީ ފަސް މަސް ދުވަހުގެ މަސައްކަތެއް ކޮށްފައެވެ. އެގޮތުން ސައިކަލުގެ ކުރީ ފުރޮޅުގެ ދަށުގައި ފެންމަތީ ކައްސާލައިފައި ދެވޭނެ ހާއްސަ ސްކީއެއް ހަރުކޮށް، ފަހަތު ފުރޮޅުގައި ފެން ކޮއްޕާލެވޭނެ ޕެޑަލް ޓްރެޑްތަކެއް އެޅުވިއެވެ. އަދި އިންޖީނުގެ ތެރެއަށް ފެން ނުވަންނާނެހެން ސީލްކޮށް، ތެޔޮ ޓޭންކު ވެސް ވަނީ ބޮޑުކޮށްފައެވެ.
މި ރެކޯޑަކީ ޒޭންގް އެތައް އަހަރެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ފެންމަތީގައި ސައިކަލު ދުއްވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ މަސައްކަތް ކުރާތާ މިހާރު 17 އަހަރު ވަނީ ވެފައެވެ. އެ މުއްދަތުގެ ތެރޭގައި އެތައް ފަހަރަކު އިންޖީނު ނިވި، އެތައް ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އޭނާ މަސައްކަތް ހުއްޓައެއް ނުލައެވެ.
މި އިވެންޓުގައި ގިނިސް ވޯލްޑް ރެކޯޑްސްގެ އޮފިޝަލް އެޑްޖުޑިކޭޓަރު ޒިއޮންގް ވެން ބައިވެރިވެ، ޖީޕީއެސް ޓްރެކިން އާއި ވީޑިއޯ ހެކިތައް ވަގުތުން ބަލައި ޔަގީންކުރުމަށްފަހު ވަނީ މިއީ ރަސްމީ އާ ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި ކަނޑައަޅައި އިއުލާނުކޮށްފައެވެ.