މިފަދަ ކޮންމެ ކަމެއްގައި ބީނިޝްގެ ނިންމާއި އެ ދަރިފުޅަށް ފެންނަ ގޮތް އަހަންނަށް ވަރަށް މުހިއްމެވެ. އަހަރެން ބޮޑުވަމުން އައީ އިހްތިރާމެއް ނުލިބުނު މާހައުލެއްގައި އެވެ.
އަހަރެންގެ މައިންބަފައިންގެ ކުރިމަތީގައި، އަހަންނަށް ފެންނަ ގޮތް ނުވަތަ އަހަރެންގެ ނިންމުމުގައި އަގެއް ނޯވެ އެވެ. ސީދާ އަހަންނާއި ގުޅުން އޮންނަ ކަންކަމުގައިވެސް އަހަރެން ބޭނުންވާ ގޮތަކީ ކޮބައިތޯ ދުވަހަކުވެސް އަހާފައި ނުވެ އެވެ. އުފަންވީއްސުރެން އަހަންނަށް ނުލިބުނު އިހްތިރާމާއި ހާއްސަކަން، އަދި މުހިއްމުކަމާއި ކަރާމާތް، އަހަރެންގެ މި ދަރިފުޅަށް އިން ޝާ ﷲ އަބަދުވެސް ދޭނަމެވެ.
މާލިކްގެ ހާޒިރުގައި ބީނިޝްއަށް ރައްކާތެރިކަމާއި އަމާންކަން އިހްސާސްވާނަމަ، ބީނިޝްގެ މުސްތަގްބަލާއިމެދު މާލިކްއާއި ވާހަކަދެއްކުމަށް އަހަރެން ތައްޔާރެވެ. މާލިކްއަށް އަހަރުމެން ދެމައިން މުހިއްމުކަމަށް ބުނާނަމަ، އަހަރުމެން ދެމީހުންގެ މުސްތަގްބަލަށް މާލިކް ވިސްނާ ގޮތެއްވެސް ސާފުވާންޖެހޭކަމަށް އަހަރެން ގަބޫލުކުރަމެވެ.
އަހަރެންގެ ހިޔާލުގެ ތެރެއިން ނެރުނީ ކުޑަކުޑަ ދަރިފުޅެވެ. ކައްކައިގެން ގެނެސްފައި ހުރި ނޫޑްލްސް ތަށީން އަހަރެން ނުކައިގެން ޝަކުވާ ކުރަނީ އެވެ.
ބަނޑުހައި ނުވާތީ، ކާން ބޭނުން ނުވާކަމަށް ބުނީމެވެ. ކާމިޔާބުގެ ބޯޅަ އޮތީ ބީނިޝްގެ ކޮޅުގައިކަން އެނގުނީ، މާލިކް ނުހަނު ފުރިހަމައަށް ބީނިޝްގެ މަސައްކަތް އޭނާއަށް ބުނެދީފައިވާތީ އެވެ.
ނުކައި ސަލާމަތްވެވޭނެ ހަމަ އެއްގޮތެއްވެސް ނެތެވެ.
އުޒުރު ދެއްކީމެވެ.
ބޮޑާވެސް ހޭކީމެވެ.
މާލިކްގެ ނަމުން އަހަންނަށް ބިރުދެއްކުމުގައި މި ދަރިފުޅުގެ ކުޅަދާނަކަމުން އަހަރެން ހައިރާންވި އެވެ.
މަންމަގެ ޝަކުވާ ބައްޕައާއި ކުރަނީތޯ އަހަރެން ސުވާލުކުރީމެވެ.
"މީ ނޯ، ބީނިޝް ނޯ ކޮމްޕްލެއިން!" ނުހަނު އަވަސްއަވަހަށް ބީނިޝް ބުނެލިގޮތުން އަހަރެންގެ މޫނުމަތީން ހިނިތުންވުން ދައުރުކޮށްލި އެވެ. ބީނިޝްގެ ކޮލުގައި އަހަރެން ބޮސްދިނީމެވެ.
"ސޯ ޔޫ އާރ އޮން މައި ސައިޑް ދެން!" އަހަރެން ބުނެލީމެވެ.
"އުމްމްމމމ" މުޅި ތަނަށް ބަލަމުން ބީނިޝް ލައްވާލީ ލޯބި އަޑެކެވެ.
ބައްޕަޔާއި ސިއްރުން ބީނިޝް އަބަދުވެސް ހުންނާނީ މަންމައާއި އެކުގައިކަމަށް ބުނެލީ ވައި އަޑުންނެވެ. ފަހުރުވެރިކަމާއެކު ހަށިގަނޑު ސީދާކޮށްލާފައި ބީނިޝް އަހަރެންނާއި ގާތްވެލި އެވެ.
ކަންފަތް ދޮށުގައި ބުނެލި ޖުމުލައިގެ އަސަރު އަހަރެންގެ އެންމެ ހިމަނާރަށްވެސް ފޯރި އެވެ.
ބައްޕަދެކެ ވަރަށް ލޯބިވާކަމަށް ބީނިޝް ބުނެލީ ފަހުރުވެރިކަމާއެކު އެވެ. އިހްތިޔާރަކާއި ނުލައި ހިނިތުންވެވުނެވެ. އަހަރެންގެ އުފާވެރިކަން ފެނުނީތީ، ބީނިޝްގެ ހިނިތުންވުމުގެ އަޑު މުޅިކޮޓަރީގެ ތެރޭގައި ގުގުމާލި އެވެ. މި ދަރިފުޅުގެ އުފާވެރިކަމަށްޓަކައި ދުނިޔޭގައި ވާންޖެހުނު ކޮންމެ ގުރުބާނީއަކަށް އަހަރެން ތައްޔާރެވެ. ބީނިޝްދެކެ އަހަރެންވާ ލޯބި އެހެން އިންސާނަކަށް އަންދާޒާ ނުކުރެވިދާނެ އެވެ.
"މަންމާ" ނުހަނު ލޯބިން ދަރިފުޅު ގޮވައިލި އެވެ.
ތަރުތީބު ގެއްލިފައިވާ ބައެއް އިސްތަށިތައް ބީނިޝްގެ ކަންފަތްކައިރިއަށް ލައްވާލާފައި 'ހޫމްމްމްމމ' އަޅުވައިލީމެވެ.
"ވީ ވިލް ބީ ހެޕީ ފެމިލީ؟" އަހަރެންގެ ދެ ލޮލަށް ނަޒަރު ހުއްޓާލާފައި ބީނިޝް ސުވާލުކުރި އެވެ.
ހިފެހެއްޓުމެއް ނެތެވެ. ދެ ލޮލުން އެ ދެމިގަތީ ހޫނު ކަރުނަ އެވެ.
ވިސްނާލާނެ ވަގުތެއްވެސް އަހަރެންގެ ހިތާއި ސިކުނޑިއަށް ނުލިބުނެވެ. ކުޑަކުޑަ ދަރިފުޅު ތެޅިގެންފައި ރޯންފަށައިފި އެވެ.
"ސޮރީ ސޮރީ ސޮރީ އައި ނޯ އާސްކް ސޮރީ" ކިޔޭ ނުކިޔޭ އެއްޗެއްވެސް ބީނިޝްއަށް ނޭގެ އެވެ. އަހަރެންގެ ކަރުނައިން ދަރިފުޅުގެ ހިތް ފުނޑުފުނޑުވެއްޖެކަން ޔަގީނެވެ.
"ދުރަށް މި ޖެހެލީ ކުޑަކުޑަ ވަގުތުކޮޅަކަށް.. މިހާރު ދެ މައިން ތި ތިބީ ރޯން" މާލިކްގެ އަޑު އައި ދިމާއަށް ބަލައިލީމެވެ. ދޮރުން ވަދެގެން އެ އަންނަނީ އަހަރުމެން ކައިރިއަށެވެ.
"ސޮރީ މަންމާ" މާލިކްގެ އަޑަށްވެސް ބީނިޝް ސަމާލުކަމެއް ނުދިނެވެ. ތުން ފިއްތާލާފައި ރޮމުން އަހަރެންގެ ދެ ލޮލުން ކަރުނަ ފޮހެދެމުން، ތަކުރާރުކޮށް މައާފަށް އެދުނެވެ. އަހަރެންގެ ހިތަށް ލިބެމުންދިޔަ ޒަހަމް މީހަކަށް ނުފެންނަކަމަށްޓަކައި ޝުކުރުކުރީމެވެ.
"ނޯ ބޭބީ އައި އެމް ސޮރީ" ދެފަރާތުން ބީނިޝްގެ މޫނައި ހިފަހައްޓާލާފައި މުޅި މޫނުގެ އެތަން މިތަނުގައި ބޮސް ދިނީމެވެ.
ބީނިޝްގެ ކިބައިން މިފަހަރުވެސް މައާފަށް އެދެން ޖެހޭނީ އަހަރެންކަން ގަބޫލުކޮށް، މައާފަށް އެދުނީމެވެ.
ދާދި ގާތުގައި މާލިކް ހުއްޓުމުން އަހަރެން ގާތުގައި ނުރޯށޭ ބުނުމަށް ބީނިޝް އެދުނީ މާލިކްގެ ކިބައިންނެވެ.
އަހަރެންގެ މަގަތުން މާލިކް އިށީނެވެ. އޭނާގެ އެއް އަތުން އަހަރެން ގާތްކޮށްލާފައި އުނަގަނޑާއި ދިމާއިން ހިފަހައްޓާލި އެވެ.
މަންމަގެ ހާލު ރަގަޅުކަމާއި، ބީނިޝް ހާސްނުވެ ހަމަޖެހިލުމަށް ވަރަށް ލޯބިން މާލިކް އެދުނެވެ.
"ނޯ ޝީ ކްރައި" އަހަރެންގެ ކަރުނައަކީ ބީނިޝްގެ ދެ ލޮލާއި ހިތަށް ކެތްވާވަރުގެ ރިހުމަކަށް ނުވެ އެވެ.
"މަންމަ އުފާކޮށްދޭނީ ކޮން ކުދިންނެއް؟ ބައްޕައާއި ބީނިޝް ދޯ" ލޯތްބާއެކު މާލިކް ބުނުމުން ބީނިޝް ހަމަޖެހިލި އެވެ. އަދި ބޮލުން އިޝާރާތްކޮށް މާލިކްގެ ބުނުމަށް އެއްބަސްވި އެވެ.
"ބައްޕަ ބުނި ބެލޫންސްގެ ސިއްރު ވާހަކަ، މަންމަ ކައިރީގައި ބުނެފިންތަ؟" މާލިކް މަޑުމަޑުން ސުވާލުކޮށްލި އެވެ.
"ޔެސް މަންމާ ވީ ބައި ލޮޓްސް އޮފް ބެލޫންސް އެންޑް ފިލް ރޫމް" ވަރަށް އުފަލުން މާލިކްއަށް ބަލައިލާފައި ބީނިޝް ބުންޏެވެ.
"ކީއްވެ؟ ކީއްކުރަން؟" އަހަރެން ސުވާލުކުރީމެވެ.
"ސޯ ވީ ކޭން ޕޮޕް ދެމް" އުފަލުން ހެމުން އަތްތިލަބަޑިޖަހަމުން ބީނިޝް ބުނެލި އެވެ.
"މަންމަގެ ލޯބި ސްމައިލް ބީނިޝް ބަލާބަލަ.. ބައްޕަ ބުނީމެއްނުން މަންމަ އުފާވާނެޔޭ" މާލިކް ބުންޏެވެ.
"ޔެސް" މާލިކްއާއި ބީނިޝް 'ޓަޗް'ޖަހައިލި އެވެ.
"ބައްޕަގެ ކަޕްކޭކް ބޭނުންތަ ބިގްބޮސް ބަލަން؟" މާލިކް ސުވާލުކުރި އެވެ.
"ޔެސް ޕްލީޒް"
އަހަރެންނާއި ދާދި ގާތުގައި ބާލީހެއް ބާއްވާފައި ބީނިޝް އޮށޯތެވެ. ޓީވީގެ ޗެނަލް ބަދަލުކޮށްފައި މާލިކް ރިމޯޓް ދިނީ ބީނިޝް އަތަށެވެ.
ޝޯވގެ ތެރެއަށް ބީނިޝް އަހުލުވެރިވެއްޖެކަން އެނގުމުން އަހަރެންގެ އަތުގައި މާލިކް ފިރުމާލި އެވެ.
"ރުއީ ކީއްވެ؟ އޭނާ ސުވާލު ކުރި އެވެ.
އަހަރެންގެ ބޮލުން އިޝާރާތްކުރީމެވެ. އެއްބަސް ވާން ބޭނުން ނުވާތީ ބޯ ދެފަރާތަށް ތަޅުވާލީމެވެ.
"ގޮތް ދޫނުކުރާންޖެހޭ ހާލަތެއް ނެތް.. އެއް ބަސް ނުވާންވީ ސަބަބެއްވެސް ނެތް.. ކިހިނެއްވީ؟ އަހަރެން ގާތުގައި ބުނާންވީނުން؟"
"ބީނިޝް ސުވާލެއް ކޮއްފި.. އެ ސުވާލަށް ދޭނެ ޖަވާބެއް ނޭގުނު.." މަޑުމަޑުން އަހަރެން ބުނެލީމެވެ.
"ބީނިޝްގެ ސުވާލަށް ދޭނެ ޖަވާބެއް ކައިރާގެ ކިބައިގައި ނެތިއްޔާ އެކަމެއް އަހަންނާއި ހިއްސާކޮށްގެން ޖަވާބެއް ހޯދުމުގައި މައްސަލައެއް އެބައޮތްތަ؟" މާލިކް ބުންޏެވެ.
"މައްސަލައަކީ ބީނިޝްގެ ސުވާލު!" އަހަރެންގެ ހަގީގީ މައްސަލަ ތިލަ ކޮށްލީމެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;