އޭ.ސީ.ސީން ބުނީ އެ ކޮމިޝަނާއި އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ކުރީގެ ރައީސް ބައްސާމު ޢަދީލް ޖަލީލް (ގ.ފަހިވާގެ / ކ.މާލެ) ގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައިވާކަމަށެވެ.
މި މައްސަލައިގައި، އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑް (އެސް.އޯ.އެފް) ގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް، އަޙްމަދު އަދީބު ޢަބްދުލްގަފޫރު މެދުވެރިވެގެން، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ބައްސާމު އަދީލް ޖަލީލްގެ ބޭންކް އެކައުންޓަށް 29،000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވަކަމަށް އޭސީސީން ބުނެއެވެ. އަދި މިފައިސާ ބައްސާމު އަދީލް ޖަލީލްގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާކަން ތަހުގީގަށް ފާހަގަވެފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.
މީގެއިތުރުން ބައްސާމު ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައިކަމަށްވެސް އޭސީސީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;