ނަމަވެސް އެ ފަދަ މީހަކު ނެތް ދުވަހަކުން ނުވަތަ އެ ފަދަ މީހަކު ނުލިބިއްޖެ ދުވަހަކު ކަންކަމާ ހަވާލުވެގެން ހުންނަ މީހުން ތެދުވެރިކަން އިސްކޮށްގެން އޯގާތެރިކަމާއެކު ކަންކަން ކޮށްދޭނެ ކަމުގެ ޔަގީން ކަމެއް އެބަ އޮތްބާވަ އެވެ.؟
ކަންކަމާ ހަވާލުވާ ކޮންމެ މީހަކީ ތެދުވެރިކަން އިސްކޮށްގެން ވާޖިބު އަދާ ކުރާނެ މީހަކަށްނުވެ ހިނގައިދާނެ އެވެ. އެހެންކަމުން އަބަދު ވެސް ވިސްނާ ފިކުރުކޮށް ހޯދަން ޖެހޭނީ ތެދުވެރިކަމާއި އިހްލާސްތެރިކަން އިސްކޮށްގެން ވާޖިބު ކުރަން މަޖުބޫރު ހާލަތެއް އަބަދު ވެސް ކަންކަމާ ހަވާލުވާ މީހާގެ ނުވަތަ މީހުންގެ ކުރިމަތީގައި އޮންނާނެ ދުސްތުރީ ހަމަ އަކާއި ހިންގުމުގެ އޮނިގަނޑެއް ގާއިމުކޮށްފައި ބޭއްވޭނެ ގޮތެއް ދޯ އެވެ.
އަދި ހަމަ އެ ބީދައިން ހެޔޮލަފާ މީހާ ނެތް ދުވަހަކުން ވެސް ތެދުވެރިކަމާއި އިހްލާސްތެރިކަން އިސްކޮށްގެން އޯގާތެރިވެ، އިހްސާސްތެރިކަމާ އެކު ނޫން ގޮތަކަށް ރައްޔިތުންނާ މެދު އަމަލު ނުކުރެވޭނެ ގޮތެއް ދޯ އެވެ.
މިސާލަކަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނުވަތަ އެއް ދުވަހެއްގައި ރިޔާސީ ދައުރާއި މަޖިލީހުގެ ދައުރު ފެށޭ ގޮތައް ހެދުމަށް ރައީސަށް ނުވަތަ މަޖިލީހަށް ބާރު އޮތް ނަމަ ދެ އިންތިހާބު އެއް ދުވަހަކު ބާއްވަން ނިންމާނެތާ އެވެ؟
ނަމަވެސް އެކަން އެހެން ނުވީ އެ ކަން އެގޮތަށް ކުރަން ފެނޭތޯ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގާނޫނު އަސާސީގައި މުތުލަގަތް ލިޔެ ކަޅާއި ހުދުން ބިންވަޅު ނަގާފައި އޮތުމުންތާ އެވެ؟
ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މީގެ ގާތްގަނޑަކަށް 20 - 25 އަހަރު ކުރިން ކުރި މަސައްކަތް، މިއަދު ވެސް ތިޔަ ކުރަން ޖެހެނީ ބޮޑެތި ކަންތައްތައް ނިންމުމުގައި ގިނަ އަދަދެއްގެ ރައްޔިތުންގެ ބައިވެރިކޮށްގެން ގޮތް ނިންމޭވަރުގެ "ދުސްތޫރީ ބާރު" ރައްޔިތުންނަށް ނުލިބި މަދު ބަޔަކު ބޭނުންކޮށްގެން އެ ފަދަ ބޮޑެތި ކަންކަން ނިންމާލެވޭނެ އުސޫލެއް ގާނޫނު އަސަސީގައި ލިޔެގެން ތިބީމަ ދޯ އެވެ.
އެހެން ނޫން ނަމަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ހިންގުމުގެ އޮނިގަނޑު އެ ފުށް މިފުށަށް ޖަހާލައި، ތަހުޒީބުކަމަށް ބުނާ މީހުންނާއި ތަންދޮރުދަންނަ ކަމަށް ކިޔާ މީހުންގެ އިތުރުން ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުކުރާ ކަންކަން އެ ދަނީ ކުރަމުންނެވެ.
ވެރިން ޒިންމާދާރު ކުރެވޭނެ ފަދަ އޮނިގަނޑެއް ތަރުތީބުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ވެސް ރައްޔިތުންނަށް "ބަސް ބުނުމުގެ ޖާގަ" އިތުރުކޮށް، ވެރިން އެކަމަށް އިޖާބަދިނުމަކީ ދުސްތޫރީ ވާޖިބެއް ކަމަށް ކަނޑައަޅައި ބޮޑެތި ކަންކަން ނިންމުމުގައި ރައްޔިތުންގެ ރުހުން ހޯދަން ލާޒިމް ނިޒާމެއް އެކުލަވާލުމެވެ.
މިފަދަ ނިޒާމެއްގެ ތެރެއިން، ސަރުކާރުގެ ދައުރުގެ ކޮންމެ ހިސާބަކުން ރައްޔިތުން ނުތަނަވަސްވާ ފަދަ ކަންތައްތަކެއް ފެނުނު ކަމުގައި ވީނަމަވެސް، ޕެޓިޝަން ހުށަހަޅައިގެން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު ވިދާޅުވި އެވެ.
އަދި މިއީ ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމާއި، ފުލުހުންނާއި ސިފައިން ނެރެގެން ބަގާވާތް ކުރުމުގެ ބަދަލުގައި، ޑިމޮކްރަސީގެ ރީތި އުސޫލުން ވެރިން ޖަވާބުދާރީ ކުރެވޭނެ މަގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަވާދު ވިދާޅުވީ، ޕެޓިޝަން ހުށަހެޅުމުގެ ނިޒާމު އޮންނަން ވާނީ ދެފުށް ފެންނަ ފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން ޕެޓިޝަން ހުށަހެށި ސަބަބާއި އޭގައި ސޮއިކުރި މީހުންގެ ތަފްސީލުގެ އިތުރުން އެ ހުށަހެޅުމަށް ލިބޭ ޖަވާބުވެސް ފެންނަން ޖެހޭނެ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
މިހާރު ކަންތައްތައް ދާ ގޮތައް ބަލާއިރު ބޮޑެތި ކަންކަން ނިންމުގައި ރައްޔިތުންގެ ރުހުން ހޯދަން ލާޒިމް ކުރުމަކީ މިހާރު ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމެއް ހަދަން ޖެހިއްޖެ އެވެ؟
އެހެން ކަމުން ކުރަންޖެހޭ ކަމަށް ފާހަގަ ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ މަދު ބަޔަކު ލައްވާ ބޮޑެތި ނިންމުންތައް ނިންމާ ގޮތައް އޮތް ބާރު ކުރިން ފާހަގަ ކުރި ގޮތަށް ގިނަ ރައްޔިތުންގެ ރުހުން ލިބިގެން ނޫނީ ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅުމަށްޓަކައި މަސައްކަތް ކުރަން ނިކުތުމެވެ.
އެ ބާރު ރައްޔިތުންގެ އަތްމައްޗަށް ނުހޯދައި، ނުވަތަ ނުހޯދި، ކޮންމެ މީހަކު ގައުމާ ހަވާލުވި ނަމަވެސް ފެންނާނީ މާޒީގައި ކަންތައްތައް ހިނގައިދިޔަ މަގުން ގައުމާ ރައްޔިތުންގެ މަންފާ އާއި ރައްކާތެރިކަމަށްވުރެ ބޮޑަށް ހަވާލުވެ ތިބޭ މީހުންގެ މަންފާ އާއި ރައްކާތެރިކަމަށްޓަކައި ހުރިހާ ކަމެއް ތަރުތީބުކޮށްގެން އުޅޭ ދުވަސް ގުނަން ޖެހުން ނޫންތޯ އެވެ.؟!
މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމް ރަނގަޅުވާން އޮތީ ކުރިއަށް އޮތް 10 އަހަރު ނަމަވެސް އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑު ދިރާސާކޮށް ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ.
ފާއިތުވި 18 އަހަރުގެ ތަޖުރިބާ އިން ހެޔޮ ވެރިކަން ހިންގުމުގެ އޮނިގަނޑެއް ބޭނުން ނަމަ ރައްޔިތުންގެ ބާރާއި ބެހޭ ބަޔަށާއި ލާމަރުކަޒީ ބާބާއި، ފަނޑިޔާރުގޭގެ ބާބާއި، ވެރިކަމުގެ ނިޒާމާއި، މި ހުރިހާ އިސްލާހެއްގެ "ބަހުސް" ހިންގި ދާނެ އެވެ. ނަމަވެސް މިފަދަ ކަމަކަށް ވަކާލާތު ކުރަން ވާނީ އެކުއެކީގައި އެވެ. އަދި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ގާނޫނީ ފަންނުވެރިންނާއި އަދި ހާއްސަކޮށް ރައްޔިތުން ބަސްބުނެ ހިޔާލު ބަދަލު ކުރަން ފުރުސަތު ދޭން ވާނެ އެވެ.
އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.
މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާ ރައްޔިތުންގެ ބާރު ގައި "ކިކް" ކުރެވެން ޖެހެ އެވެ. ބޮޑުވަޒީރު ހުންނެވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާ ހުންނެވިޔަސް އިހްލާސްތެރިކަާއި ތެދުވެރި ނިޔަތުގައި ރައްޔިތުންގެ ބާރު "ޕްރެކްޓިސް" ކުރަން ފުރުސަތު ނުލިބޭ ނަމަ ދެން ވެސް ފެންނަނީ ހަމަ މިހާރު މިފެންނަ ފަދަ "ބައިގަނޑެއް"ގެ ވެރިކަމެވެ.
އޭރުން އަނެއްކާ ވެސް ނިކުންނަށް ޖެހޭނީ އިއްޔެ ވެސް އަދި މިއަދު ވެސް ކުރަމުންދާ ހެޔޮ ހިންގުމެއް ހޯދުމުގެ މަސައްކަތެވެ. އެހެންކަމުން ދެން ނިކުންނަންވީ ގިނަ ބައެއްގެ އަތުގައި ބާރުގެ ތިލަފަތް ގިނަ ވަގުތު އޮންނާނެ ގޮތެއް ހޯދުމަށެވެ. ބޮޑެތި ކަންކަން ނިންމުގައި ރައްޔިތުންގެ ރުހުން ހޯދަން ލާޒިމް ކުރުމަށެވެ. ރައީސާއި މަޖިލީހުގެ މެމްބަރުން ވެސް ވަކި ކުރުމުގެ ސީދާ ބާރު ރައްޔިތުންގެ އަތުގައި އަބަދު ވެސް އޮންނާނެ އޮނިގަނޑެއް ހޯދުމަށް ދޯ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;