ads
ދައުލަތުގެ މަގާމުތަކަށް މީހުން ލުމާ ވަކި ކުރުން ރައްޔިތުންނަށް އޮންނަ އޮނިގަނޑެއްގެ ބަހުސް
ރާއްޖޭގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކަން ފަށާއިރަށް ވެރިކަމުގެ ވަކިވަކި ނިޒާމު ތަކަށް ތާއީދުކޮށް ބައެއް މީހުން ވާހަކަ ދައްކަވަނީ ކީއްވެ ހެއްޔެވެ؟ ރާއްޖޭގެ ދައުލަތާއި ސަރުކާރުގައި ހުރި ގިނަ ގޯސްތަކުގެ ނަތީޖާ އަކީ ވެރިކަމުގެ ނިޒާމު ހެއްޔެވެ.؟ ކޮންމެ ނިޒާމެއް އޮތަސް "ހެޔޮ" ހިންގުމެއް ރައްޔިތުންގެ ބައިވެރިވުމާ އެކު ނުކުރެވިގެން މިއުޅެނީ ރާއްޖެ ހިންގުމުގެ އޮނިގަނޑުގައި ހުރި މައްސަލައަކުން ނޫން ހެއްޔެވެ؟ ހޯދަންވީ ރައްޔިތުންނަށް މުތުލަގަށް ބާރު ލިބޭނެ ހިންގުމުގެ އާ އޮނިގަނޑެކެވެ.
Advertisement

ނިޒާމުގެ ނަން ބަދަލު ވިޔަސް، ރާއްޖޭގެ ހިންގުމުގެ އޮނިގަނޑުން މިފެންނަ މައްސަލަތައް ހައްލުވާނީ ގާނޫނު އަސާސީގައި ބުނާ ދައުލަތުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ އަދި ދެމިއޮންނާން ޖެހެނީ ރައްޔިތުން ކިބައިގައި ކަމަށް ބުނާ ބުނުމުގައި "ބާރު" ޖެހިގެން ނެވެ. މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިންމާ ދެން މި ލިބުނު 17 އަހަރު ވެރިކަންތަކުން ގައުމު "ވައްކަމުގެ ހާއްޔަކަށް" މިވީ ރައްޔިތުންގެ ބާރު ފަޅި ސިކުންތަކަށް ދީފާ އޮންނާތީ އެވެ. ރައްޔިތުންގެ ހާދިމުންނާއި މަންދޫބުންގެ އިހްލާސްތެރިކަން ނެތި، އެ މީހުންގެ އަމިއްލަ އެދުން ބޮޑުވެގެންދާއިރު ވެސް އެ މީހުންގެ މައްޗަށް ބަސް ބުނެ ގޮތް ނިންމުމުގެ ބާރު ފަސް އަހަރަށް ތަޅުއަޅުވާފައި އޮތުމުން، ފަސް އަހަރުން އެއް ފަހަރު ނޫން ގޮތަކަށް ވޯޓުލުމުގެ ފުރުސަތު ނުލިބޭތީ އެވެ!

ދަންނަވަންތޯ އެވެ. ނިޒާމުގެ "ފަރިހި ބާވެއްޖެ" އެވެ. ނިޒާމަށްވުރެ ވެރިން އަމަލުކުރަންޖެހޭ ހިންގުމުގެ އޮނިގަނޑުގެ ބަހުސް މިއަދު "ގަދަ" ވެއްޖެ އެވެ. މިހާރު ބޭނުން ވަނީ ވެރިން ހުދުމުހުތާރުވެގެން އޭނާގެ "ނުލަފާކަން" ރައްޔިތުންގެ ކުރިމަތީ ތަމްސީލު ކުރާނަމަ އެކަން ހުއްޓުވޭނެ އޮނިގަނޑެކެވެ. މިހާރު ބޭނުން ވަނީ ނުލަފާ ވެރިމީހާ ރައްޔިތުންގެ ބައިތުލްމާލް ހުސްކޮށްލާ އެއިން ވައްކަން ކުރާނަމަ ރައްޔިތުންގެ ހަޒާނާ ސަލާމަތް ކުރެވޭނެ އަވަސް ފަރުވާއެއް އޮތް ހިންގުމުގެ އޮނިގަނޑެކެވެ. 

މިހާރު ބޭނުން ވަނީ، ގާނޫނުއަސާސީގައި ވަކިކޮށްފައިވާ ހުރިހާ ބާރުތަކެއް، ވެރިކަމުގަ ހުރި މީހާގެ ގަދަބާރުން ގާނޫނުއަސާސީއާއި ހިލާފަށް، ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށްގެން ހުދުމުހުތާރު ވެރިކަމެއް ކުރަމުން ހުރިހާ މިނިވަން މުއައްސަސާތައް އަމާން ދޭން މަޖުބޫރު ނުކުރެވޭނެ ހިންގުމުގެ އޮނިގަނޑެކެވެ.

އެހެން ކަމުން މި މައްސަލަތައް ހައްލުކުރުމަށް ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާ ރައްޔިތުންގެ ބާރު ގައި "ކިކް" ކުރެވެން ޖެހެ އެވެ. ބޮޑުވަޒީރު ހުންނެވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާ ހުންނެވިޔަސް އިހްލާސްތެރިކަާއި ތެދުވެރި ނިޔަތުގައި ރައްޔިތުންގެ ބާރު "ޕްރެކްޓިސް" ކުރަން ފުރުސަތު ނުލިބޭ ނަމަ ދެން ވެސް ފެންނަނީ ހަމަ މިހާރު މިފެންނަ ފަދަ "ބައިގަނޑެއް"ގެ ވެރިކަމެވެ.

ސަރުކާރު ހިންގުމާއި ދައުލަތް ޖަވާބުދާރީ ކުރުމުގައި މަޖިލީސް މެންބަރުންގެ ގާނޫނޫ ޒިންމާ ހަދާން ނެތިއްޖެ ނަމަ ދެންވެސް ކޮށްދެއްވާނީ ބޮޑުވަޒީރު އެދޭ ކަންކަމެވެ. އެއް މިސާލެވެ. މިހާރު ހުންނެވި ވެރިއަކީ ބޮޑުވަޒީރުކަމަށް ސިފަކުރެއްވުމެއް ގެންނަވާށެވެ. ހަމަ މަޖިލީސް ތެރެއިން ފެންނާނީ ބޮޑުވަޒީރުގެ ސަރުކާރުން މަޖިލީހަށް އަންނަ ބިލުތަކާއި ބޮޑު ވަޒީރަށް ސަނާކިއުމުގެ އަޑުތައް ނޫން ހެއްޔެވެ. ބޮޑު ވަޒީރު އެދިގެން މިނިވަން މުއައްސަސާތަކަށް ވެރިން ހޮވަން އަތް ހިއްލާތަނެއް ނޫން ހެއްޔެވެ. 

ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު އަހާ ސަރުކާރު ޖަވާބުދާރީ ކުރުމާއި ފާރަވެރިވުމަށް ވަކިން ކުރާނީ ކޮންކަމެއް ހެއްޔެވެ.؟ ބޮޑުވަޒީރުގެ "ސުޕަމެޖޯރިޓީ" މަޖިލީހަށް ލިބުމުން ރަބަރު ސްޓޭމް ޖެހުން ނޫން ދެވަނަ ކަމެއް ހިގާނެ ކަމަށް އުންމީދު ކުރާނީ ހެއްޔެވެ.؟ އިންޑިއާގެ ބޮޑުވަޒީރު ވެރިކަމުން ދުރުކޮށް ޖަވާބުދާރީ ކުރެވިއްޖެ ހެއްޔެވެ.؟ އިދިކޮޅުގެ އަޑާއި ރައްޔިތުންގެ އަޑު އިންޑިއާއިން އިވޭ ހެއްޔެވެ.؟ ބޮޑުވަޒީރަށް ސަރުކާރު ލިބޭ ކޮންމެ ފަހަރަކު މޯދީ ވެސް ހަމަޖެހިލަނީ ނޫން ހެއްޔެވެ. 

"ބަރުލަމާނީ ނިޒާމުގައި މޯދީ އެ ހުންނަވަނީ ރަސްކަލެއްހާ ބާރުގަދަކޮށް. ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތް. މީހުން ނުވެސް ދަންނަ ބަޔަކު ވަޒީރުންނަށް ލީމާ ކޮރަޕްޝަން ހިންގަވާފައި، އެ ބޭފުޅުން އެ ތިއްބަވަނީ ފިއްލަވައިގެން. ގައުމުގައި ރައްޔިތުންގެ ބާރެއް ނުހިނގާ. އިދިކޮޅު ސިޔާސީންނަށް އެ ތިބީ ބިރު ދައްކާފަ، ދީނީ މިނިވަން ކަމުގެ ނަމުގައި މުސްލިމުން އެދަނީ މަރަމުން" ޕޮލިޓިކަލް ސައިސްގެ ދާއިރާ ކްލާސް ނަގައިދެއްވާ ކުރީގެ ހާރިޖީ ހިދުމަތުގައި އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.

ދުނިޔޭގައި ބަރުލަމާނީ ފުޅާކޮށް ހިންގާ އިންޑިއާގެ ވާހަކަ މިވަގުތައް ކުރުކުރަމާ ބަހީ އެވެ. ހަގީގަތުގައި މިއީ ބަހުސް ބޮޑު މައުލޫއެކެވެ. ދެކޮޅަށް ވެސް ދެއްކޭނެ ވާހަކަ ލައްކަ ގިނައިން އެބަހުއްޓެވެ. 

މިފަހުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު އަހާ އަދި ޖަވާބުދާރީވާ ވެރިކަމެއް އޮންނަންޖެހޭ ކަމަށާއި ކޮންމެ ފަސް އަހަރަކުން އަޑު އަހާ ޖަވާބުދާރީވާ ވެރިކަމެއް ބޭނުން ނޫން ކަމަށެވެ.

އަދި ވިދާޅުވީ ޕާލިމެންޓަރީ ނިޒާމެއްގަ ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ކަމަށާއި ހައްދެއް ނެތް ވަރަކަށް އެކެއްގެ އަތަށް ބާރުތައް ނުދެވޭނެ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ. ތެދެކެވެ. އެކެއްގެ އަތަށް ބާރުތައް ދެވިގެން ފެންނަ ނަތީޖާ ގޯހެވެ. ވަަރަށް ވެސް ގޯހެވެ. ނަމަވެސް ދަންނަވަން ތޯ އެވެ. ފުލުހުންގެ ވެރިޔާއާއި ބަންޑާރަ ނައިބު މިނިވަން ނުކޮށްކޮށް ޕާލިމެންޓަރީ ނިޒާމުގައި ބޮޑުވަޒީރަށް ޕާލިމެންޓްގެ ކޮންޓްރޯލް ލިބުމުން އެ ބޮޑުވަޒީރުގެ އަމުރަށް ފުލުހުންނާއި ޕްރޮސެކިއުޓަރުން ގުޅިގެން ހަދާ ގޯސް ބަންޑާރަ ނައިބަށް މައިތިރި ކުރެވިދާނެ ތޯ އެވެ.؟

މިވެސް ކުރަން ޖެހޭ ސުވާލެކެވެ. ފުލުހުންގެ ވެރިން ރައްޔިތުންގެ ވޯޓުން ހޮވާ ބަންޑާރަ ނައިބު ވޯޓަށް ކުރިމަތީ ލާން މަޖުބޫރުކޮށްގެން ނޫނީ އެމީހުންގެ މަސައްކަތުގައި ރައްޔިތުން އިސްކުރުން ދުރުކަމަށް ކުރީގެ ތަޖުރިބާއިން ދައްކަ އެވެ.

ޖަވާބުދާރީ ކުރެވޭނެ ނިޒާމްތައް ފައްކާ ނުކޮށް ބަރުލަނީ ވިޔަސް ރިޔާސީ ވިޔަސް ދައުލަތް ހިންގުމުގެ ނިޒާމުގައި އާރުލާނެ ހެނެއްހިޔެއްނުވެ އެވެ. ކޮރަޕްޝަންގެ ތުހުމަތުން ވެރިން މިންޖުވާނެ ހެނެއް ހިއެއްނުވެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަންދޫބުން ތިއްބަސް އެމީހުން ވެސް ޖަވާބުދާރީ ކުރެވޭނެ މަގެއް އޮންނަން ޖެހެ އެވެ. ސަރުކާރާއި ދައުލަތް ޖަވާބުދާރީނުކޮށް ސަރުކާރުން ޗަންދާ ނަގައިގެން ދައުރު ހަމަކުރާ ބަޔަކަށް މަޖިލިސް މެންބަރުން ތިބެގެން އަސްލު މައްސަލައަށް ހައްލެއް ނެތެވެ. 

އަދި ވަކިން ހާއްސަކޮށް ރައްޔިތުންނާ ގުޅޭ މުހިއްމު ކަންކަމާއި ގައުމީ އެކި މައްސަލަތަކުގައި ރައްޔިތުންގެ ވޯޓަށް އަހައިގެން ކުރިއަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާ ދެކިގެން "ދައުލަތުގެ މަގާމުތަކަށް މީހުން ލެއްވުމައި ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތައް އޮވެގެން ނޫނީ" ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ހެޔޮނުވާނެ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުތައް ގިނަކޮށް މިފަދަ ވޯޓުތައް ނެގޭނެ ސާފު އުސޫލުތައް ކަނޑައަޅާ އަދި ހަރަދު ކުޑަކުރުމަށްޓަކައި މިފަދަ ވޯޓުތައް އީ-ވޯޓީން މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށް އެއްބަސް ނުވެވި، ބަރުލަމާނީގެ ބަހުސް ފެށުމުގެ ބޭނުމެއް މިއަދަކު ނެތެވެ. އެހެން ވެއްޖެ ނަމަ ތިޔަ އުޅެނީ އަވަސް މަގުން ވެރިކަމަށް އައުމަށްފަހު، ސީދާ ވައްކަން ކުރާށެވެ. ހުރިހާ ކަމެއްހެން ކުރަނީ އޭރަކު ބޭނުންވާ ސިޔާސީ މަންފާއަށް އެކަނި ވިސްނައިގެން ކަމަށް ވެސްޖެ ނަމަ ގައުމަށް މޮޅެއް ނެތެވެ.

މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމް ރަނގަޅުވާން އޮތީ ކުރިއަށް އޮތް 10 އަހަރު ނަމަވެސް އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑި ދިރާސާކޮށް ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ. 

އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް